އަރަބިއްޔާ އާއި މަސްވެރިންނަށް ފައިސާ އިތުރުކޮށް، އިދިކޮޅުން ބޮޑެތި އިސްލާހުތަކެއް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓުން ފަސް ބިލިއަން ރުފިޔާ އުނިކުރުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
ބަޖެޓަށް އިސްލާހު ހުށަހަޅަން ދީފައިވާ މުއްދަތު އިއްޔެ އަށް ވަނީ ހަމަވެފައެވެ. އެ މުއްދަތުގައި އިދިކޮޅުން ބަޖެޓަށް 13 އިސްލާހެއް ހުށަހެޅިއިރު، މައިގަނޑު ގޮތެއްގައި އިސްލާހުތައް އަމާޒުކޮށްފައި ވަނީ ދައުލަތުގެ ބޭކާރު ހަރަދުތައް މަދުކޮށް، ބައެއް ބޭކާރު ކުންފުނިތައް އުވާލައި، އެ ކުންފުނިތަކަށް ދޫކުރަން ނިންމާފައިވާ ފައިސާ އެހެން ކަންކަމަށް ހިމެނުމަށެވެ.
އެގޮތުން މައިގަނޑު ގޮތެއްގައި އިދިކޮޅުން އިސްލާހު ހުށަހަޅާފައި ވަނީ މަސްވެރިންނަށް ސީދާ ސަބްސިޑީ ދިނުމަށާއި، އަރަބިއްޔާ ސްކޫލަށް ފައިސާ އިތުރުކޮށް، އިތުރު ސިޔާސީ މަގާމުތައް އުފައްދައި ސިޔާސީ މުވައްޒަފުންނަށާއި ބޭކާރު ދަތުރުތަކަށް ކުރާ ހަރަދުތައް އުނިކޮށް ޖުމްލަ 5.38 ބިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމަށެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން އިސްލާހުތައް ހުށަހަޅުއްވާފައި ވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ. ދެ ބޭފުޅުން ހުށަހެޅުއްވި އިސްލާހުތަކަކީ:
މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ އިސްލާހުތައް ފާސްވެއްޖެ ނަމަ އިދިކޮޅުން ބަޖެޓަށް ވޯޓު ދޭނެ ކަމަށާއި، އަދި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް ފައިދާކޮށް، ގައުމުގެ އިގްތިސޯދު ރަނގަޅުކޮށްދޭނެ ބަޖެޓެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައި ވަނީ ބަޖެޓު ފާސްކުރާއިރު ރެކޮމެންޑޭޝަންތަކެއް ހިމެނުމަށެވެ. އޭނާ ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ކުންފުނިތަކަށް ދޭން ކަނޑައަޅާފައިވާ 1.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލުތަކާއި، ވަކިވަކި ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދުތައް ތަފްސީލާ އެކު ހިމެނުމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 8.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހިމެނޭނެ ކަމަށާއި، އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކުރެވެނީ ޓެކުހުންނެވެ. އެއީ އަންނަ އަހަރުން ފެށިގެން ޓެކްސް އިތުރުކުރުމަށް ފާސްކޮށްފައިވާތީއެވެ. އެގޮތުން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރުމަށް މަޖިލިހުން ދާދިފަހުން ފާސްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ގާނޫނު ތަސްދީގުކުރައްވައިފައެވެ.
މަޖިލިހުން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުމަށެވެ. އެއަށްފަހު ދައުރު ނިންމާލައި މެންބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ