ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އޮތީ އަންގައިފަ އެވެ. އަދި އެ މައްސަލަ އަލުން ބަލާއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން އޭރު އޮތީ ކަނޑައަޅައިފަ އެވެ.
 އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލު ކޮށްފައިވަނީ އެ މައްސަލާގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށެވެ. 
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ސުޕްރީމް ކޯޓުގައި އާ ހެކިތަކުގެ މައްސަަލަ ނުނިމި އޮއްވައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވަނީ ވިިދާޅުވުމުން، އެކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ނިންމައިފަ އެވެ.
ޔާމީންގެ ފަރާތުން ވަނީ ދައުވާތައް ރިވިއުކޮށް ދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި އިއްވި ޖަލު ހުކުމް ހައި ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ. އޭނާގެ ބައި ވެސް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ވެސް ވަނީ ތާވަލްކޮށްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ