ދައުލަތުގެ ދަރަންޏާބެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ދައުލަތުގެ ދަރަންޏާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަށް ބަލާއިރު، މި ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ، ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތް ކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރި ކުރުވުމެވެ. އެގޮތުން ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖު ކުރާނީ، ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން ކަމަށާ އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް ނިޒާމާއި މާލިއްޔަތުގެ ނިޒާމު، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ. ހަމަ އެހެންމެ، މި ބިލުގައި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވައިލައި އެ ސްޓްރެޓަޖީ ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭނެ އިންސްޓްރޫމަންޓްތައް ވަނީ ކަނޑައަޅައިފައެވެ.މި ބިލުގެ ދަށުން ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށާ މިނިސްޓާ އޮފް ފިނޭންސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވުމަށާ ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާނެ އިދާރާއެއް އުފައްދައި، މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ މިނިސްޓްރީގެ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.ދައުލަތުގެ ދަރަންޏާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފަހުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ