ސާވިސްޗާޖު ޑޮލަރުން ނުދޭނަމަ އެއީ ޓެކުމުގެ އަމަލެއްކަމުގައި ބެލެވިދާނެ، ޝަރީއަތަށްވެސް ދެވޭނެ: ގާސިމް

މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް  ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން  މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް،  ބައެއް ބޮޑެތި  ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ބައެއް ވިޔަފާރިތަކުން ވަނީ ނިންމާފައެވެ.
އެކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށާއި، ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށެވެ.
އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
 މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ.
‏އެހެން ކަމުން  ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އޭނާއަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހެއް ކަމަށާއި، އޭނާގެ ވިޔަފާރިއަށްވެސް މި ދަތިއެބައޮތް ކަމަށެވެ. އެހެން ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
‏މީގެ އިތުރުން، ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށާއި، ފައިސާގެ ޖިންސު ބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ