ބްރޯޑްކޮމަށް 30.5 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 30.5 މިލިއަން ރުފިޔާ ނުލިބިވާ ފައިސާގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި އެކަމަކު ލިބެންޖެހޭ ނުލިބިވާ ފައިސާގެ އަދަދު ބެލެން ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 
އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2023 ގެ ކޮމިޝަނުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އަހަރުގެ ނިޔަލަށް 30.5 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. 
އެކަމަކު ކޮމިޝަނުގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި ނުވާ ކަމަށާއި ކޮމިޝަނުގެ ސާވާއަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔުންތައް ސާވާ އިން ނެނގޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ އަހަރުގެ ނިޔަލަށް ކޮމިޝަނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބު ތައްޔާރުކުރެވެން ނެތް ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވެ އެވެ. އެހެންވެ، 2024 ގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދެއް ބެލެން ނެތް ކަމަށް އޮޑިޓުގައިވެ އެވެ. 
އޮޑިޓުގައި ބުނީ ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ސެޕް ސިސްޓަމުގެ 2024 ވަނަ އަހަރުގެ ރިކޯޑު ކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު 7.45 މިލިއަން ރުފިޔާ ކޮމިޝަނަށް އެ އަހަރު ލިބިފައިވާ ކަމަށް ދެއްކި ނަމަވެސް ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓި، އެއަށް ބިނާކޮށް ސެޕްސިސްޓަމުގައި އެންޓްރީ ހަދާފައިނުވާ ކަމަށެވެ. 
އޮޑިޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ކަމަށް ބުނާ 30.5 މިލިއަން ރުފިޔާގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނުކަން އަދި ލިބުނު ނަމަ ލިބުނީ ކިހާވަރެއްކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ. 
އެ މައްސަލައާ ގުޅިގެން އޮޑިޓާ ޖެނަރަލް ވަނީ ކޮމިޝަނުގެ ސާވާއަށް މައްސަލައެއް ދިމާވި ނަމަވެސް ފައިސާއާ ގުޅޭ މުހިއްމު ލިޔެކިޔުން ނުގެއްލި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަފާދީފަ އެވެ. 
ބްރޯޑްކޮމްގެ އޮޑިޓެއް ހެދިއިރު މި ސަރުކާރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލައި މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި އަލުން ކޮމިޝަނެއް އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ