ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަސްދީގުނުކުރުމަށް ބައެއް ޖަމިއްޔާތަކުން ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.
މިހާރު ކޯޓުތަކުގެ ޤާނޫނު އޮންނަގޮތް އިސްލާޙުކޮށް، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނު ކުރެވިފައިވާ ޖުމުލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށްކަމަށް ކަނޑައެޅުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ޖޭއެސްސީއަށް ޤަބޫލު ކުރެވިގެން، އެ ފަނޑިޔާރަކު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވުމުންކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުގެ މަތިން ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހެއެވެ.
ބިލު ތަސްދީގު ނުކުރުމަށް ގޮވާލި ޖަމިއްޔާތަކުގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް ހިމެނެއެވެ.
ޖަމިއްޔާތަކުން ނެރުން ނޫސް ބަޔާނުގައި ސުޕްރީމު ކޯޓުގެ ބައެއް ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފައިވާތީ އެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ސަސްޕެންޑު ކުރި ތިން ފަނޑިޔާރުންނަކީ އަޒްމިރަލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދެވެ. ސަސްޕެންޝަނުގައި ހުންނަވައި ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ފުށުއަރާ އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް ފާހަގަކޮށްފައިވާކަމަށް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އެ މައްސަލައާ ގުޅިގެން ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހާއްސަކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ޖޭއެސްސީގައި ތިއްބެވި ޝަރުއީ ދާއިރާގެ ބައެއް މަންދޫބުން ބާކީ ކުރުމަށް ފަހު ނިންމި ނިންމުމެއްގެ ގޮތުގައި އެ ޖަމިއްޔާތަކުން ސިފަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަސްދީގު ނުކުރުމަށް ބައެއް ޖަމިއްޔާތަކުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ