ފުރަތަމަ ކުއާޓަރގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ކުރިއެރުން

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ކުރިއަރާފައިވާކަމަށް އެމްއެމްއޭގެ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ. މިއީ ކޮންމެ ކުއާޓަރއެއް ނިމުމުން އެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކާއި ސުވާލުކޮށް ކުރިއަށްގެންދާ ރިޕޯޓެކެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވަނީ ބިޒްނަސް ސާވޭގެ ބައިވެރިންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވަނީ ކުރިއަރާފައިވާކަމަށެވެ. އެގޮތުން، ވިޔަފާރި ކުރެވުނު މިންވަރު ދައްކުވައިދޭ 'ވޮލިއުމް އޮފް ސޭލްސް އިންޑެކްސް' 24 ޕޮއިންޓް އިތުރުވެ، 4 އަށް ވަނީ އަރާފައެވެ.
މި ކުއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ދައްކުވައިދޭ އިންޑެކްސް 1 ޕޮއިންޓް އިތުރުވެ 70 އަށް އަރާފައިވާއިރު، މުވައްޒަފުންނަށް ދެވޭ މުސާރައާއި މަސައްކަތުގެ އެހެނިހެން ޚަރަދުތަކާ ގުޅޭ އިންޑެކްސް 67 ޕޮއިންޓް އިތުރުވެ 80 އަށް ވަނީ މަތިވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
މުދާ ވިއްކުމަށް ހިނގި ޚަރަދު ނުވަތަ 'ކޮސްޓް އޮފް ސޭލްސް އިންޑެކްސް' 95 ޕޮއިންޓުގެ ބޮޑު ކުރިއެރުމަކާއެކު 68 އަށް މަތިވެފައިވާއިރު، ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 78 އިންސައްތަ ފަރާތުން ވަނީ ޚަރަދުތައް އިތުރުވެފައިވާކަމަށް ފާހަގަކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުދާ ވިއްކާ އެވްރެޖް އަގުތައް ދައްކުވައިދޭ އިންޑެކްސް 106 ޕޮއިންޓް އިތުރުވެ 66 އަށް ވަނީ އުފުލިފައެވެ.
2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހާލަތާ މެދު ވިޔަފާރިވެރިންގެ އުންމީދުތައް ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި ލަފާކުރި މައިގަނޑު އިންޑެކްސްތައް ވަނީ ނެގެޓިވްވެފައެވެ.
ވަޒީފާގެ ބާޒާރަށް އަންނާނެ ބަދަލުތަކާ މެދު ވިޔަފާރިވެރިންގެ މެދުގައި ތަފާތު ޚިޔާލުތަކެއް ހުރިކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މުވައްޒަފުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ އިންޑެކްސް 10 ޕޮއިންޓް ދަށްވި ނަމަވެސް، އެ އިންޑެކްސް އަދިވެސް ހުރީ 3 ޕޮއިންޓާއެކު ޕޮޒިޓިވްކޮށެވެ.
މުދާ ވިއްކުމަށް ހިނގާނެ ޚަރަދު ލަފާކުރާ އިންޑެކްސް 58 ޕޮއިންޓް ދަށްވެ 22 ގައި ހުރިއިރު، މުދާ ވިއްކާ އެވްރެޖް އަގުތައް ހުންނާނެ މިންވަރު ލަފާކުރާ އިންޑެކްސް ވަނީ 53 ޕޮއިންޓް އިތުރުވެ 12 އަށް އަރާފައެވެ. މި ދެ އިންޑެކްސް ވެސް ހުރީ ޕޮޒިޓިވްކޮށްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ