ޕީއެންސީގެ އެތެރޭގެ ތާއީދު ރައީސް މުހައްމަދު މުއިއްޒަށް ގެއްލެމުންދާ ކަމަށާއި، ކުރިއަށް އޮތް އެ ޕާޓީގެ ކޮންގްރެސްގައި އެމަނިކުފާނު ޕާޓީން ވަކިކުރުން ވެސް އެކަށީގެންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން "ހެލޯ އަންނި" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރަކީ ނާގާބިލް، މަގުބޫލުކަމެއް ނެތް ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ޓެކްސް މައްޗަށް ޖެއްސުމާއި، ސަބްސިޑީތައް ކަނޑާލުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދެން ސަރުކާރަށް އެލާރިކޮޅު ހޯދާފައި ލޯން ދެއްކުން. މިހެން ހަދައިގެން ގޮސް ޑޮލަރެއް ރަށުގައި އޮތީއަކީއެއް ނޫން. ޑޮލަރެއް މިހާރު 20، 30 އަށް އަރައިގެން ދަނީ. މިގޮތަށް މިކަން ދާނަމަ މި އަހަރު ނިމޭއިރު ޑޮލަރެއް 30 ރުފިޔާއަށް ދާނެ،" ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މިސްރާބުން ދާނަމަ ރާއްޖެ ވެއްޓޭނީ ދަރަނީގެ ދަންތުރައަކަށް ކަމަށާއި، އަނެއްކާވެސް ފަގީރު ގައުމުތަކުގެ ލިސްޓަށް ރާއްޖެ ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މި ހުރިހާ ކަމަކަށް އޮތް ހައްލަކީ އެމްޑީޕީ ވަރުގަދަވުން ކަމަށާއި، ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެ ސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކަރުދާހުގައި ފެންނަން ހުރި ކެންޑިޑޭޓާ ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އޭނާ ބަލިކުރަން ޕީއެންސީންނާއި ރައީސް މުއިއްޒު މާ ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިންތިހާބު 100 ޕަސެންޓު ޔަގީންކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑުން އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ. އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅުއްވައިގެން ނުވާނެ،"ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ އިންތިހާއަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ "ހުސްގޮނޑި" ދައްކަވައިގެން ކަމަށާއި، މިހާރު މުއިއްޒު އަސްލު ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޣައްސާން މައުމޫނަށް ފުރުސަތު ނުލިބުމުން، މުއިއްޒު ނުކުމެ އާދަމް ޝަރީފާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ގޮތަށްވެސް ފާޑުވިދާޅުވިއެވެ.
"ގައްސާން ލައްވާ ޕީޕީއެމް އުވާލައްވާފައި ގައްސާން އެ ވަކިކުރެއްވީ. މިއަށް ވުރެ ބޭވަފާތެރި ވެވޭނެ ގޮތެއް ނެތް. ދިވެހިން ބަލައިގަންނަ ކަމެއް ނޫން އެއީ ބޭވަފާތެރި ކަމަކީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން މިފަދަ ކަންކަން ކުރާތީ މިހާރު ޕީއެންސީގެ އެތެރެއިންވެސް މުއިއްޒަށް އެއްވެސް ތާއީދެއް ނެތް ކަމަށެވެ.
މުއިއްޒުގެ ވެރިކަން މި އަހަރުތެރޭގައި ބަދަލު ކުރާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވެފައި ވާއިރު ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިބީ ޕާޓީ ބަދަލު ކުރައްވަން ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ ކޮންގްރެސްގައި މުއިއްޒު ވަކިކުރުން ވެސް އެކަށީގެންވޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ