އައްޑޫ ކަރަންޓުގެ މައްސަލަ؛ އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް ފޮނުވަނީ!

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ މައްސަލަ ރަނގަޅު ނުވެ، އިތުރަށް ގޯސްވަމުން ދާތީ އަނެއްކާވެސް ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަަލަ ދިމާވާން ފެށީ މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ. އޭރުން ފެށިގެން މިހާތަނަށް މި މައްސަލަ ހައްލު ނުކުރެވި، ގޯސްވަމުން ދާއިރު ރޯދަ މަހުގެ އެކި ވަގުތުތަކުގައި ވެސް ކުރިޔާލައި އެންގުމަކާއި ނުލައި ކަރަންޓު ކަނޑާލާ މައްސަލައިގައި ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ރޯދަ މަސް ފެށުމުގެ ކުރިޔަށް މުޅި ރާއްޖޭގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އައްޑޫއަށް ކަރަންޓު ދޭން ބޭނުން ކުރާ ބައެއް ޖެންސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ލޯޑު ބޮޑުވާ ގަޑިތަކުގައި، އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ބޭނުން ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންވެ އިތުރު އެހެންވެ ދެވަނަ ޖެނެރޭޓަރު ގެންގޮސް އިންސްޓޯލް ކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ، މިހާރު ވަކިން އޮތް ހުޅުދޫ – މީދޫގެ ވެސް ކަރަންޓުގެ މައްސަލަ ދިމާވާން ވަނީ ފަށާފަ އެވެ.
މި މައްސަލައިގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ އައު އިތުރު ޖެނެރޭޓަރު ރޭ ފޮނުވާފައިވާކަމަށެވެ. އަދި މިދިޔަ ތިން މަސް ދުވަހުގެ މުއްދަތުގައި މިއީ އައްޑުއަށް ފޮނުވާ ތިންވަނަ ޖެނެރޭޓަރުކަމަށް ނަޖާހު ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވި ގޮތުގައި ކުރިން ފޮނުވި ދެ ޖެނެރޭޓަރު ވެސް އިންސްޓޯލްކޮށް ދަނީ ބޭނުން ކުރަމުންނެވެ.
މި ހަފްތާގައި ކަރަންޓު ކެނޑެން ދިމާވީ ޖެނެރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. އަދި އެ ޖެނެރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ދަނިކޮށް، އިތުރު އެހެން ދެ ޖެނެރޭޓަރެއް ވެސް ވަނީ ފެއިލްވެފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބަަހައްޓާފައި ވަނީ ޖުމްލަ 26.8 މެގަވޮޓްގެ 20 ޖަނަރޭޓަރު ސެޓެވެ. ކަރަންޓުގެ މައްސަލަ ދިމާވަމުން ދަނީ، ގިނަ ސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ވެރިން ހާޒިރު ކުރުމަށް ނިންމި ނަމަވެސް، އަދިވެސް މަޖިލީހުން ކުންފުނީގެ ވެރިންނާއި ބައްދަލުކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ