އާމްދަނީ 2 ގުނަވާ ވިޔަފާރި އާއި ސިޔާސަތުތައް ގެނެސްދޭނަން: ނަޝީދު

ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ ދެ ގުނަ ކޮށްދޭ ފަދަ އާ ވިޔަފާރިތަކާއި ސިޔާސަތުތައް އެމްޑީޕީން ގެނެސްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި މިއަދު ހއ. ހޯރަފުށީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން އެކި ކަހަލަ މަޝްރޫއުތައް ހިންގާ ކަމުގެ އަޑު އިވުނު ނަމަވެސް، މުހިންމީ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ. އަދި އެކަން ކޮށްދޭނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީއިންނެވެ.
"އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ފަސް، ހަ އަހަރު ތެރޭގައި ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް، [އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ސަބަބުން] ދެ ގުނަ ވާނެ ވިޔަފާރިތަކެއް ގެނެސްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެމްޑީޕީ އެއީ އަބަދު ވެސް މި ރާއްޖެއަަށް ބަދަލެއް ގެނެސްދޭނެ ޕާޓީއަކީ. އެމްޑީޕީއަކީ މިތަނުގައި އޮތް ވަރުގަދަ މުއައްސަސާއެއް. އެ މުއައްސަސާއަކީ މި ދެންނެވި ބާވަތުގެ ކަންކަން ކުރެވޭނެ މުއައްސަސާއެއް."
ތަފްސީލު - ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއަށް އެ ބާވަތުގެ ކަންކަން ކުރެވެން ނެތް ކަމަށެވެ.
"ހަގީގަތަކީ އެ ބޭފުޅުންގެ ގާތުގައި ނެތް، އެއްވެސް ތަނެއް ދޮރެއް މާ ބޮޑަށް މިކަހަލަ ކަމަކާ ގުޅޭގޮތުން ވިސްނޭ ކަހަލަ ބޭފުޅުން. ރައީސް ޔާމީނާ އެކީގައި ޕީއެންސީގައި ތިއްބެވި އޭގެ (ވިސްނޭ) ބޭފުޅުން ހިނގައްޖެ. އެހެންވީމަ މިހާރު މާ ބޮޑު ކަމެއް މި ސަރުކާރުން ކޮށްފާނެ ކަމަށް އަޅުގަނޑެއް ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑަށް ޔަގީން، ބޭފުޅުން ހިތަށް ވަންނާނެ، ސަރުކާރުން މިވެނި ޕްރޮޖެކްޓެއް، އެވެނި ޕްރޮޖެކްޓެއް ހިންގާ ވާހަކަ. އަޅުގަނޑަށް ފެންނަ ތަނުގައި މިހާރު މުހިންމީ އެވެނި ޕްރޮޖެކްޓެއް، މިވެނި ޕްރޮޖެކްޓެއް ނޫން. މުހިންމީ ޖީބަށް ވަންނަ ފައިސާ އިތުރު ކުރެވޭނެ ގޮތެއް."
ނަޝީދު އަންދާޒާ ކުރެއްވީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން ތިބެއްޖެ ނަމަ، ބައެއް ގޭބިސީތަކަށް ގިނަވެގެން 30،000ރ. ލިބުނު ނަމަވެސް، މިހާރު ގިނަ ގޭބިސީތަކުގެ ޖުމްލަ އާމްދަނީއަށް 20،000ރ. ވެސް ނުލިބޭ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ހޯރަފުށީ ރައްޔިތުން ކުރާ ވިޔަފާރިންނާއި މަސައްކަތުން ލިބޭ އާމްދަނީއިން ރަށަށް ފޮނުވާ އަދަދު ސީދާ ނޭނގުނު ނަމަވެސް، ނަޝީދު ލަފާކުރެއްވީ އެ އަދަދު ހުންނާނީ 20،000ރ. އާއި 30،000ރ.އާ ދެމެދުގައި ކަމަށެވެ.
އެއީ ތެލާއި ކަރަންޓާއި ފެނާއި މި ހިދުމަތްތަކުގެ އަގުތައް ހުރި މިންވަރުން 20،000ރ.އަކީ ދެކޮޅު ޖެއްސޭ މިންވަރެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދެކޮޅު ޖެއްސުމުގެ މަސައްކަތް ކުރުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ