މަހުދީ ނިޔާވުމަކީ ގައުމަށް ލިބުނު ބޮޑު ފުން ހިތާމައެއް

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އިއްޔެ ޑައިވްކުރަނިކޮށް އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމަކީ ގައުމަށް ލިބުނު ބޮޑު ފުން ހިތާމައެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ރޭ 22:00ގައި އިސްލާމީ މަރުކަޒުގަ އެވެ. އަދި، މައްޔިތާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގަ އެވެ.
އެމްއެންޑީއެފުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ހުނަރުވެރި އެއް ޑައިވަރު މަހުދީ ނިޔާވުމަކީ އެންމެހާ ސިފައިންނަށާއި ދިވެހި ގައުމަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފުން ހިތާމައެއް ކަމަށެވެ.
މަހުދީ ފާހަގަކުރެވިފައިވަނީ 19 ޑިސެމްބަރު 2005ގައި ސިފައިންގެ މަތިވެރި ގައުމީ ހިދުމަތާ ގުޅުނު ދުވަހުން ފެށިގެން ވެސް އަމިއްލަ ނަފުސަށް ވުރެ ގައުމީ ހިދުމަތް އިސްކުރެއްވި، ހުޝިޔާރު، ކެރޭ، ހީވާގި، ނަމޫނާ ސިފައިންގެ ބޭކަލަތެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ވަކިން ހާއްސަކޮށް ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާފައިވާ ބޮޑެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ގާބިލު އެއް ޑައިވަރުގެ ގޮތުގައި މަހުދީ ދައްކުވައިދެއްވާފައިވާ ހިތްވަރާއި، ކެރުމާއި އަދާކުރައްވާފައިވާ ދައުރަކީ އެންމެހާ ސިފައިން ފަހުރުވެރިވާ މަތިވެރި ގައުމީ ހިދުމަތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަހުދީ، ރާއްޖެ އާއި ރާއްޖެއިން ބޭރުން ޑައިވިން ދާއިރާއިން ފުރިހަމަކޮށްފައިވާ ތަމްރީނުތަކާއި ހޯދާފައިވާ ކުރިއެރުންތަކާއި، ވަކިން ހާއްސަކޮށް ފުން ސަރަހައްދުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަންޖެހޭ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އަމާޒުކޮށް ޓެކްނިކަލް ޑައިވަރުން އުފެއްދުމަށް ކުރިއަށްގެންދާ ތަމްރީނުގައި ބައިވެރިވެ ދައްކުވައިދެއްވި ނަމޫނާއަކީ އޭނާގެ ހިތުގައި ގައުމީ ވާޖިބާއި އިންސާނިއްޔަތަށްޓަކައި އަދި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އޮތް ލޯތްބާއި އެކަމަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް ހާމަވާ އަލިގަދަ ދަލީލެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ