ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އަލޮންސޯއާ އެކު އެއްބަސްވުމަކަށް

ލަންޑަން (މެއި 17) - ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ޒަބީ އަލޮންސޯއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބަޔާ ލެވަކޫސަނާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އަލޮންސޯ، ޗެލްސީއާ ހަވާލުވާނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 
މިދިޔަ އަހަރުގެ މެއި މަހު، ލެވަކޫސަން ދޫކޮށް ރެއާލާ ހަވާލުވި އަލޮންސޯ އަށް އެ ޓީމުގެ ކޯޗަކަށް ހުރެވުނީ އަށް މަސް ދުވަހު އެވެ. މިދިޔަ ޖެނުއަރީ މަހު އަލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިކުރިއިރު، އެ މަހު، ޗެލްސީން ވަނީ އެ ޓީމުގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކިކޮށް، ލިއަމް ރޮސެނިއާއާ ޓީމު ހަވާލުކޮށްފަ އެވެ. ތިން މަސް ދުވަސް ތެރޭ، ރޮސެނިއާ، ޗެލްސީގެ ކޯޗުކަމުން ވަކިކޮށް، މިހާރު އެ ޓީމުން ކުޅެމުން އަންނަނީ ވަގުތީ ކޯޗު ކަލުމް މެކްފާލެންގެ އިރުޝާދުގެ ދަށުންނެވެ. 
އަންނަ ސީޒަނުން ފެށިގެން އާ ކޯޗަކާ އެކު ކުރިއަށްދާން ނިންމި ޗެލްސީން ވަނީ މީގެ ކުރިން ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ އާއި ފުލަމްގެ ކޯޗު މާކޯ ސިލްވާ އަދި ކްރިސްޓަލް ޕެލަސްގެ ކޯޗު އޮލިވާ ގްލާޒްނާއާ އެކު ވެސް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެެވެ. އަދި، އަލޮންސޯއާ އެކު ވާހަކަތައް ފެށުމަށް ފަހު، މިހާރު މި ވަނީ އޭނާއާ އެ ޓީމު ހަވާލުކުރަން އެއްބަސްވުަމަކަށް އަތުވެފަ އެވެ. 
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވުނު އަލޮންސޯ އަށް އެ ކްލަބްގެ ހުށަހެޅުމެއް ލިބިފައިނުވެ އެެވެ. ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓާ އެކު އެ ޓީމުގެ ނަތީޖާތައް ރެކޯޑް މިންވަރަކަށް ދަށްވެފައިވީ ނަމަވެސް، މި ވަގުތު ކޯޗު ބަދަލުކުރުމުގެ ވިސްނުމެއް އެ ޓީމުގެ ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ސްލޮޓް ވެސް ވަނީ އަންނަ ސީޒަނުގައި ލިވަޕޫލްގެ ކޯޗަކަށް ހުންނާނީ އޭނާ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. 
އެފްއޭ ކަޕްގެ ފައިނަލުން ރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވި، ޗެލްސީ އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. އަންނަ ސީޒަނުގައި ޗެލްސީ އަށް ޔޫރަޕްގެ މުބާރާތަކުން ޖާގަ ލިބުމުގެ ފުރުސަތު އޮތީ ކުޑަކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ