ލިވަޕޫލްގެ ހާލަތު ދަށްވާތީ ސަލާހުގެ ކެތްތެރިކަން ކޮޅުންލައިފި

ލިވަޕޫލް (މެއި 17) - ލިވަޕޫލުން މިހާރު ދަށްކަމުން އަންނަ ކުޅުމަަށް ބަލާއިރު، އޮތީ ގަބޫލުކުރަން ދަށް ހާލަތެއް ކަމަށް ބުނެ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ މިސްރުގެ ތަރި، މުހައްމަދު ސަލާހު ވަަރަށް ބޮަޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. 
ސަލާހު، 33، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނީ ނުވަ އަހަރު އެ ކްލަބްގައި ހޭދަކޮށް، ހަ މުބާރާތުގެ ތަށި އެ ޓީމުގައި ހުރެ ހޯދުމަށް ފަހު އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގު ހޯދުން ހިމެނެ އެވެ. ދެން، ލިވަޕޫލުން މި ސީޒަނުގައި ކުޅޭ މެޗަކީ، ސަލާހު، އެ ކްލަބްގެ ޖޯޒީގައި ފެންނާނެ ފަހު މެޗެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ނަތީޖާއެއް ނެރެގެން، ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވާނެ އެވެ. 
އެހެން ނަމަވެސް އެ މެޗުގެ ކުރިން، ސަލާހު މި ވަނީ، ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ، ކްލަބްގެ ހާލަތު ދާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 
ސަލާހު ވަނީ ލިވަޕޫލް ވާން ޖެހޭނީ އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ޓީމަކަށް ކަަމަށާއި އެއީ، "ހެވީ މެޓަލް އެޓޭކިން" ފުޓްބޯޅަ ކުޅޭ ޓީމެއްގެ ގޮތުގައި ކަަމަށެވެ. އަދި، ލިވަޕޫލުން މި ކުޅުން ދަށްކަން ޖެހޭ ކަމާ މެދު އިތުރު މަޝްވަރާ އަކަށް ދާން ޖެހޭނެ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ސަލާހު ވަނީ ބުނެފަ އެވެ. 
މި ސީޒަނުގައި ލިވަޕޫލް 20 މެޗުން ބަލިވެފައިވާއިރު، މިއި، 21 ވަނަ ގަރުނުގައި ލިވަޕޫލްގެ އެންމެ ރެކޯޑް ދަށް ސީޒަނެވެ. އަދި، މިއީ، ލިވަޕޫލްގެ ތާރީހުގައި މި އަދަދަށް މެޗުތަކުން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، މި ވަރަށް އެއް ސީޒަނެއްގައި ބަލިވީ މީގެ 34 އަހަރު ކުރިންނެވެ. 
ސަލާހު ބުނީ، ލިވަޕޫލަށް ކާމިޔާބު ހޯދައިދޭން މިދިޔަ އަހަރުތަކުގައި އެ ޓީމަށްޓަކައި ގިނަ ކަަންތައްތަކެއް އޭނާ އަށް ކުރެވުނު މިންވަރަކުން ކުރެވުނު ކަމަށާއި ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން، ޗެމްޕިއަނެއްގެ ދަރަޖައާ ހަމައަށް ގެންދެވުނު ކަމަށެވެ. 
"މެޗުތަކުން ބަލިވެގެން މި ގޮތަށް ދާތަން ބަލަން ވަރަށް ހިތްދަތި. އެއީ އަހަރެމެންގެ ސަޕޯޓަރުންނަށް ވެސް ހައްގު މިންވަރެއް ނޫން. އަހަރެން ބޭނުން ލިވަަޕޫލް އެޓޭކިން ގޭމެއް ކުޅެ، އިދިކޮޅު ޓީމުތައް ޖެހިލުންވާ ލެވަލްގައި އޮންނަން، މި ކްލަބް ރަމްޒުކޮށްދޭ ކަންކަން ދަމަހައްޓަން ޖެހޭ،" ސަލާހު ބުންޏެވެ. 
ސަލާހު ވަނީ މިދިޔަ ޑިސެމްބަރު މަހު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ސަލާހު ބުނީ، ލިވަޕޫލްގެ މައްސަލަތައް އޭނާ ބޮލުގައި އަޅުވާ ކަމަށެވެ. މެނޭޖްމަންޓަށް ފާޑުކިޔުމާ ގުޅިގެން، ސަލާހު އަށް އަދަބެއްގެ ގޮތުގައި އެއް މެޗުން ޓީމުން ބާކީކުރި އެވެ. ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ މަޑުކުރީ އެވެ. އެކަމަކު، މިދިޔަ މާޗް މަހު  ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. 
އޭގެ ފަހުން، ވެސް ސަލާހު އާއި ސްލޮޓްގެ ނުސީދާ ބަހުގެ ހަމަލާތަކެއް ވަނީ މީޑިއާ މެދުވެރިކޮށް ބަދަލުކޮށްފަ އެވެ. އެ ގޮތުން، ސަލާހު ދިން އިންޓަވިއުއަކާ ގުޅޭގޮތުން، ސްލޮޓް ވަނީ މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބުދީފަ އެވެ. އަދި، އެ އަށް ފަހު، ސަލާހު މި ވަނީ، ލިވަޕޫލަށް ކުޅޭ ފަހު މެޗުގެ ކުރިން ސޯޝަލް މީޑިއާގައި ލިވަޕޫލާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކޮށް، ބަަޔާނެއް ނެރެފަ އެވެ. 
ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅުމަށް ފަހު އެވެ. ސަލާހު، ވަނީ ފަލަމަސްގަނޑަށް ލިބުނު ފަރުވާ އަށް ފަހު އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލަކަށް ކުޅެން އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ