މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކުރިއަށް އޮތް 24 ގަނޑިއިރު މޫސުން ގޯސްވާނެ: މެޓް

މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިއީ ކުރިއަށް އޮތް 24 ގަނޑިއިރަށް މެޓުންކޮށްފައިވާ ލަފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ލަފާކޮށްފައިވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވާނެކަކަމަށާއި،  ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް ބުންޏެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށެވެ. އެގޮތުން ނިލަންދޫއަށް 77.5 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ