ބިޑްތައް ބާތިލު ކުރި މައްސަލައިގައި ހައިކޯޓު ފަނޑިޔާރުންވެސް ބުރަވީ އެސްޖޭ ކޮޅަށް

އުތުރުގެ ދެ ރަށަކާއި، ދެކުނުގެ ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމާ ގުޅޭގޮތުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލްކުރި މައްސަލައިގައި، އެސްޖޭ ކޮޅަށް ހައިކޯޓުގެ ފަނޑިޔާރުންވެސް ބުރަވެއްޖެއެވެ. މިއީ، ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ނިންމުމަށް، ފިނޭންސުން ކުރި އިއުލާނަކަށް އިޖާބަދީ، އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑުން ހުށަހެޅި ބިޑްތައް ބާތިލު ކުރި މައްސަލައެވެ. މި މަސައްކަތާ ގުޅިގެން އެސްޖޭއިން ހުށަހެޅި ބިޑުތަކުގައި އެމްޕްލޯޔާސް ރިކުއާމެންޓް އަދި ފައިނޭންޝަލް ރިސޯސަސް ރިކުއާމެންޓް ފުރިހަމަ ނުވާކަމަށް ނިންމައި އެ ބިޑުތައް ޑިސްކޮލިފައި ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ނިންމުމުން އެސްޖޭއިން ދިޔައީ ކޯޓަށެވެ. ހައިކޯޓުން މި ނިންމީ، ދަށު ކޯޓުން އެސްޖޭ ކޮޅަށް ނިންމި ކޭސްގެ އިސްތިއުނާފެވެ. މި މައްސަލައިގައި ދަށު ކޯޓުންވެސް ކާމިޔާބު ކުރީ އެސްޖޭ ކުންފުނިންނެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑް އަކީ ފައިނޭންޝަލް ރިސޯސަސްއާއި އެމްޕްލޯޔާސް ރިކުއާމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއްކަމުގައި ކަނޑައެޅުމަށެވެ. އަދި އެ ފަރާތްތަކުގެ ބިޑަކީ ފައިނޭންޝަލް ރިސޯސަސްއާއި، އެމްޕްލޯޔާސް ރިކުއާމަންޓް ފުރިހަމަވެފައިވާ ބިޑެއް ކަމަށް ބަލައިގެން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާބެހޭ ފަރާތްތަކަށް އަންގައެވެ. އެ ނިންމުން އިސްތިއުނާފު ކުރީ ދައުލަތުންނެވެ. ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުން ނިންމީ މައްސަލައިގައި ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެ ގޮތަށް ނިންމީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ދީބާނާޒް ފަހުމީ އަދި ޢަބްދުލްމާނިޢު ޙުސައިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ