"އަންނަ މަހުގެ މެދުން ފެށިގެން ޝަންގްރިއްލާގެ އޮޕަރޭޝަންތައް ފުޅާކުރާނެ"

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވި ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން މި ފެށޭ މަހުގެ މެދުތެރެއަށް ދާއިރު ފުޅާކުރެވޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، މި ފެށޭ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި އެ ރިސޯޓުގެ އިސްވެރިންނާއެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ސައިޒެއްގަ އޮޕަރޭޝަންސް މި އަންނަ މަހުގެ މެދުތެރެއަށް ދާނެ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ. ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން އަމީން ވިދާޅުވީ، އެ ސަރަހައްދުގައި އައު މަޝްރޫއެއް ފެށުމަށް މަސައްކަތް އެބަ ކުރާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ތިން ހަފުތާ ތެރޭ ވަރަށް ތަފުސީލީ މަޝްރޫއެއް އިއުލާނުކުރެވި މަސައްކަތް ފެށޭނެ ގޮތަށް ކަންކަން ރޭވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް-19ގެ ސަބަބުން، އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚާއްސަކޮށް ޚިދުމަތް ދެމުން ދިޔަ ޝަންގްރިއްލާ ރިސޯޓު އޭޕްރިލް 2020ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޑިސެންބަރު މަހުގެ 30ވަނަ ދުވަހެވެ. 'ސަން'އިން އޭރު ސުވާލުކުރުމުން ޝަންގްރިއްލާ ގްރޫޕުގެ ފަރާތުން އޭރު ބުނީ، ރިސޯޓު ހިންގަމުން އަންނަނީ މަދު ވިލާތަކަކުން ޚިދުމަތްދޭ ގޮތަށް ކަމަށެވެ. އަދިވެސް މަރާމާތުގެ ބައެއް މަސައްކަތްތައް ރިސޯޓުގައި ކުރިއަށްދާ ކަމަށް އޭރު ބުންޏެވެ. ލަގްޒަރީ ފެންވަރުގައި ތަރައްގީކުރި ޝަންގްރިއްލާ ރިޒޯޓު ރަސްމީކޮށް ހުޅުވީ ޖުލައި 31، 2009 ގައެވެ. އެ ތަނަކީ ސްޕީޑް ލޯންޗަކުން ފަސް މިނެޓު ތެރޭގައި ދަތުރުކޮށްގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭހާ ކައިރީގައި އޮންނަ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ