އެކްސިޑެންޓް 17
"ހިތުގެ ހާސްކަމާއި ކަންބޮޑުވުންތައް ދޫކޮށްލާފައި" حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ" އަޅަމެންނަށް اللّٰه ފުދެއެވެ. އަދި އެކަލާނގެއީ ވަކީލުކުރެވޭ އެންމެ ފުރިހަމަ އިލާހެވެ. ބުނެލާ ހިނދު ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެންދެއެވެ." *** އޭނަ ކޮޓަރިއަށް ވަންއިރު ކާދިން ފެންވަރާލައިގެން ނުކުތީއެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބިއްލޫރި ދޮރުތަކުން އިރުގެ ރަން ދޯދިތައް ކޮޓަރިތެރެ އުޖާލާކޮށްލާފައިވާއިރު ނިކަން ހިތްގައިމެވެ. ކަންޒާ ހިނިތުންވެލިއެވެ. "ހާދަ....އުފާވެފައި..ކިހިނެއްވީ؟" އޭނަ ޖަވާބެއް ނުދީ ކާދިންގެ އަތުތެރެއަށް އެ ޓެސްޓް ރިޕޯޓު ލައްވައިލިއެވެ. ކަދިން އެ ބަލާލުމަށްފަހު ހައިރާންވެފައި ކަންޒާގެ މޫނަށް ބަލައިލިއެވެ. ކާދިންއަށް ލޯ ބޮޑުކޮށްލެވުނެވެ.".މިއީ.........ކަންޒާގެ......" "އާނ.ކާދިން. މިއީ އަހަރެމެންގެ ދަރިފުޅު....." އޭނަ މަޑުމަޑުން ބުނެލިއެވެ.. "އަހަރެންނަށް މިހާރު ވިސްނޭ... އަހަރެންގެ ދިރިއުޅުން މިއީ ހަމައެކަނި ވޭނެއް ނޫންކަން. މި ދަރިފުޅަކީ އަހަރެމެންގެ އާއިލާގެ އުފާ އަލުން ގެނެސްދޭނެ ވަސީލަތަކަށް ވާނެ އިންޝާﷲ..." ކާދިން އޭނަ ގެ ނިތްކުރިއަށް ބޮސްދިނެވެ. "ކަންޒާ.... އަހަރެން ވައުދުވަން.... މި ދަރިފުޅަށްޓަކައި އަހަރެންގެ މުޅި ހަޔާތް އަލުން ބައްޓަން ކުރާނަން. ކޮއްކޮމެންނާ ގުޅެން ތިކުރާ މަސައްކަތުގައި އަހަރެން އަބަދުވެސް ފަހަތުގައި ހުންނާނަން. މި ދަރިފުޅަކީ އަހަރެމެން ދެމީހުންގެ ފާފަތަކުގެ ކައްފާރާއެއްކަމަށް ގަބޫލުކުރެވެނީ........." އޭނަގެ ހިތް ފުރިގެން އައެވެ. ކޮއްކޮމެންނާއި ވަކިވެފައި ވަކިން ދިރިއުޅުމެއް ފެށިޔަސް މި އާ ފުރާނައިގެ ސަބަބުން އޭނަގެ ހިތަށް ބުނަން ނޭނގޭ ފަދަ ހިތްވަރެއް ލިބުނެވެ. އޭނާ ނިންމީ ރަގަޅު ވަގުތެއް ލިބުމުން އޭނާގެ ކޮއްކޮމެންގެ ކައިރިއަށް ގޮސް މި އުފާވެރި ޚަބަރު ދޭށެވެ. މީހުން ކިތަންމެ އެއްޗެއް ކިޔަސް އެ އާއިލީ ގުޅުން އަލުން ގުޅުވަން އޭނާ ބޭނުންވިއެވެ. ރަހިމުގެ ގުޅުން ކަނޑައިލުމަކީ ކިހާވަރެއްގެ ފާފައެއްކަން އޭނަ ދަނެއެވެ. މި ދުނިޔެފަދަ ވަގުތީ މަންޒިލަކަށްޓަކާ އާޚިރަތް ނަގައިލާކަށް ނުވާނެއެވެ. މަރަކީ ކިހާ ކައިރީގައިވާ އެއްޗެއްކަން އޭނަ ދަނެއެވެ. *** ކާދިން އޭނާގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ކަންޒާގެ އުފަލަށް އިސްކަންދޭން ފެށިއެވެ. އޭނައަށް ހެޔޮކަމާއި އޯގާތެރިކަމުން ހައިރާންވާ ދަރަޖައަށެވެ. ދަރިފުޅަށްޓަކާވެސް އެހިތުގައިވަނީ މަތިވެރި ލޯތްބެކެވެ. ކަންޒާގެ ހިތްދަތިކަމާއި ކޮއްކޮމެނާއި ވަކިވެގެން ހުންނަން ޖެހުމުން އޭނަގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ކާދިންއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެންވެ ކާދިން ނިންމީ ކަންޒާއަށް ސިއްރުން އާރާ އާއި އައިރްއާ ބައްދަލުކުރުމަށެވެ. އައިރްމެން ދިރިއުޅޭ އެޕާޓްމެންޓަށް އޭނަ ދިޔައީ ހަވީރުގެ ވަގުތެއްގައެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިިއިރު އެއްވެސް ރަސްމީކަމެއް މުއްސަދިކަމެއްވެސް ފެންނާކަށް ނެތެވެ. ބޮޑާކަމުގެ ޒައްރެއްވެސް އެމޫނުމަތިން ނުފެނެއެވެ. އައިރް ދޮރު ހުޅުވާލުމާއެކު މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. އާރާވެސް ކަޅުކުލައިގެ ބުރުގާ ކޮޅެއް އަޅާލައިގެން ލިވިން ރޫމަށް ނުކުތެވެ. "ކީއްކުރަން ތިއައީ؟" "އައިރް..އާރާ.. އަހަރެން މިތަނަށް މި އައީ ކަންޒާއަށްޓަކައި....." ކާދިން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. "ކަންޒާ ޕްރެގްނެންޓް....." އާރާއާއި އައިރް އަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. " އޭނާގެ ބަނޑުގައި ވަނީ އަހަރެމެންގެ ދަރިފުޅު. ކަންޒާގެ އެންމެ ބޮޑު ހިތާމައަކީ މި އުފާވެރި ޚަބަރު ހިއްސާކުރެވޭވަރަށް ވުރެ ކޮއްކޮމެން ދުރުވުން..." "ކާދިންގެ ދަރިއެއްވިއްޔާ އެއީ ތި މީހުންގެ އުފަލެއް. އަހަރެމެންނަށް އެއިން ކުރާނެ ފައިދާއެއް ނެތް..."އައިރް ބުމަ ކައިރިކޮށްލިއެވެ. ކާދިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އައިރް ލޮލަށް ބަލައިލަމުން އިސްލާމްދީނުގައި އާއިލީ ގުޅުމަށް ދީފައިވާ މަތިވެރި ދަރަޖައިގެ ވާހަކަ ކިޔައިދިނެވެ. "އަހަންނަށް އެނގޭ... އަހަރެން ކުރި ކުށަށް މާފު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން. އެކަމަކު ހަނދާންކޮށްބަލަ ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. "ތިމާގެ މީހުންނާއި ގުޅުން ކަނޑައިލާ މީހާ ސުވަރުގެ ނުވަންނާނެއެވެ.(صحيح البخاري) " އަދި އެހެން ހަދީސެއްގައި އައިސްފައިވެއެވެ. ތިމާގެ މީހުންނާއި ގުޅުން ބަދަހިކުރާމީހާގެ ރިޒުގު ތަނަވަސްކޮށްދެއްވައި، އުމުރު ދިގުކޮށްދެއްވުމަށް ﷲ އިރާދަކުރައްވައެވެ. "އަހަރެމެންނެއް ނޫނެއްނު ގުޅުން ކަނޑައިލީ..ކަންޒާ އަމިއްލައަށް ދިޔައީ...ހިތާމަ ކުރާނެނަމަ އޮޅުވާލާފައި އެހެނެއް ނަހަދާނެ..ޝީ ބިޓްރޭއިޑް އަސް...އަވާ މަދަރ.....ދެން އަހަރެމެން ބޮލުގައި އަދި ޒިންމާ އަޅުވަނީ؟"އާރާ ކުށުގެ އިހުސާސުން ރެކިގަންނަން މަސައްކަތްކުރިއެވެ. "ކަންޒާއަކީ ތިކުދިންގެ އެއްބަނޑު އެއްބަފާ ދައްތަ...ހަގީގަތުގައި އޭނާގެ ކުށެއް ނެތް. އޭނާއަށް ކޮއްކޮމެންގެ ލޯބި ބޭނުންވޭ...އަދި މިހާރު ކުރިއަށްވުރެ ބޮޑަށް.އަހަރެންވެސް ގަސްތުގައެއްނޫން....އައި ވޯޒް ޔަންގް އެންޑް ރެކްލެސް....އިސްލާހުވާން ﷲ މެދުވެރިކުރެއްވީ މަންމަ...މަންމަ ދުނިޔެއާއި ވަކިވުމުން އެންމެ ހިތާމަކުރި އެކަކީ މިއީ...އަދި ވެސް އެކަމާއި ކުށްވެރި އިހުސާސްކުރެވޭ....ﷲ އަކީ ފާފަ ފުއްސަވާ ފަރާތް..މާފަކީވެސް އޮންނަ އެއްޗެއް...." ކާދިން ހަށަން ބަދެލިއެވެ. ކާދިންގެ ވާހަކަތަކުން އާރާއާއި އައިރާގެ މޫނުމަތިން ރުޅިވެރިކަން ކުޑަވިހެން ހީވިއެވެ. އައިރްގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. "ކާދިން......." އައިރް އިސްޖަހައިލިއެވެ. "އެންމެ ރަގަޅު..އަހަރެން ކަންޒާއަށް މައާފް ކޮށްފިން. އެއީ އަހަރެމެންގެ ދައްތަ. އެކަމަކު... މަންމަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު....ކަންޒާގެ މޫނަށް ބަލަން އުނދަގޫވޭ. ކަންޒާއާ ބައްދަލުކުރުމަކީ އަދިވެސް އަހަންނަށް ވެވޭނެ ކަމެއް ނޫން. އެކަމަށް ވަގުތު ނަގާނެ...." ކާދިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އޭނަގެ ތުންފަތަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. "އާނ.....ކާދިން. މައާފްކުރުމަކީ އެހެން ކަމެއް...އެކަމަކު އަހަރެމެންގެ ހިތުގެ ރިހުން އަދިވެސް ފިލައިގެން ނުދޭ. ކަންޒާއަށް ވެސް އެނގޭނެ އަހަރެމެން އޭނާދެކެ ލޯބިވާވަރު...... އެކަމަކު މިވަގުތު އޭނާއާ ބައްދަލުކުރުމަކީ އަހަރެމެންގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން." ކާދިން އެޕާޓްމެންޓުން ނުކުތީ އުންމީދާއި މާޔޫސީ އެކުވެފައިވާ ހިތަކާއެވެ. މިއީ ކަންޒާގާތު ބުނެވޭވަރަށް ވުރެ އުދަގޫ ޚަބަރެކެވެ. މައާފް ލިބުނަސް ލޯތްބާއި ގާތްކަން އަލުން ހޯދުމަކީ ދިގު ދަތުރެއްކަން އެކުދިންގެ ވާހަކަތަކުން ކާދިންއަށް ވިސްނުނެވެ. *** ކާދިން ގެއަށް އައިއިރު ކަންޒާ އިނީ ސޯފާގައި އިށީނދެގެން އިންތިޒާރުގައެވެ. އޭނަގެ އަތް ބަނޑުގައި ބައްވައިގެން އިނީ މިހާރުއްސުރެ ދަރިފުޅަށް އެ އޯގާތެރި އަތުގެ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. އޭނަ އިނީ މާޔޫސްކަމާއެކު ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކާދިން އެތެރެއަށް ވަންއިރު އެ މޫނުމަތީގައި ހުރި މާޔޫސްކަން ފެނުމުން އޭނަގެ ހިތް ތެޅިގަތެވެ. "ކާދިން... ކޮއްކޮމެން...ބައްދަލުކުރަން އެއްބަސްވިތަ؟" އޭނަ މަޑުމަޑުން އަހައިލިއެވެ. ކާދިން މަޑުމަޑުން ގޮސް ކަންޒާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ އޭނާގެ އަތުގައި ހިފިއެވެ. "ކަންޒާ...ކޮއްކޮމެން މައާފްކޮށްފި.ކަންޒާއާއި ދޭތެރޭ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތޭ ބުނީ......" އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. "ހަމަ ތެދެއްތަ؟ އެހެންވިއްޔާ އައިރްމެން ކޮބާ؟ އެމީހުން ކީއްވެ ނައީ؟" ކާދިންގެ މޫނުމަތިން ފެނުނީ ހިތްދަތިކަމެވެ. "އައިރް ބުނީ...އެމީހުންގެ ހިތުގައި މަންމަގެ ހަނދާންތައް އަދިވެސް އެހާ ގަދަޔަށް ހުރި ވާހަކަ. ކަންޒާގެ މޫނު ބަލާއިރު އެމީހުންނަށް ސިފަވަނީ މަންމަ ކަމަށް އަދި އެ ވޭނަށް އެމީހުންނަށް އަދިވެސް ކެތްނުކުރެވޭ ވާހަކަ. އެމީހުންނަށް އަދި މިވަގުތު ކަންޒާ ބައްދަލުކުރާނެ ހިތްވަރެއް ނެތްކަމަށް ބުނީ..." ކަންޒާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އެއީ އޭނާ ކުރިން ވެސް ހީކުރި ގޮތެވެ. މައާފް ކުރުމަކީ ހުރިހާ ކަމެއް ހަމައަކަށް އެޅި ކުރިން އޮތް ގާތްކަން އަލުން އިއާދަވާނެ ކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. "އަހަރެންނަށް އެނގޭ... ކާދިން. އައިރްމެންގެ އެހިތާމައަކީ އަހަރެންގެ ވެސް ހިތާމަ....ދުވަހެއްގައިވެސް އެ ގްރީފްއަށް ނިމުމެއްނެތް..ގާތް މަންމައަކު ވަކިވި މީހަކަށް ނޫނީ އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސެއް ނުކުރެވޭނެ...އެއީ ނައިޓްމެއާއަކަށް ވާނެނަމައޭ ހިތަށް އަރާ..މިއަދު މަންމަ ހުރިނަމައޭ ހިތަށް އަރާ..އެކަމަކު ހަގީގަތަކީ މި ދުނިޔެއިން ހުރިހާ އުފަލެއް ފުރިހަމަނުވާނެކަން..އެންމެން މަރުވާނެކަމާއި ޖަންނަތުގައިކަން އަބަދަށް އެކީގައި ވާނެކަމަށް ގަބޫލުކުރަންވީ....ކޮއްކޮމެންނާއި ބައްދަލުވާނެ ދުވަހަކަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރާނަން....." ކަންޒާ ގެ ލޮލުން އޮހިގަތް ކަރުނަތައް ކާދިން ފޮހެލަދިނެވެ. ކާދިން ކަންޒާގެ ބަނޑުގައި ފިރުމައިލިއެވެ." އަހަރެމެންގެ ދަރިފުޅު މި ދުނިޔެއަށް އަންނައިރު އާރާ އާއި އައިރާއަށް އެ ކުޑަ ދަރިފުޅުގެ މޫނު ފެނުމުން ހުރިހާކަމެއް ރަގަޅުވާނެއޭ ހިތް ބުނަނީ..... ﷲގެ ރަހްމަތުން ހިތް ބަދަލުވާނެ." އޭނަ ކާދިންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހިތާމަތައް ކިތަންމެ ބޮޑު ނަމަވެސް ކާދިންގެ ލޯތްބާއި އޯގާތެރިކަން އޭނާގެ އާއިލާގެ މަތިން ހަނދާންކޮށްދޭ ގޮތުން ކަންޒާއަށް ބުނަން ނޭނގޭ ފަދަ ހިތްވަރެއް ލިބުނެވެ. މިއީ އެމީހުންގެ އާ ދިރިއުޅުމުގެ ފެށުމެވެ. ވޭނާއި މައާފާއި އަދި އުންމީދުގެ ފެށުމެވެ. *** މެހެރް ބެލްކަނީގެ އަރާމު ސޯފާއެއްގައި ވާރެއަށް ނަޒަރު ހުއްޓާލައިގެން އިންއިރު އަތުގައި އޮތް ފޯނުން މަޑުމަޑުން މިއުޒިކެއްގެ ރާގު އެތަނަށް ފެތުރެމުން ދިޔައެވެ. ބޭރުން އޮއްސަމުން ދިޔަ ބޯ ވާރޭގެ ތިކިތައް ބިއްލޫރިގަނޑުގައި ތެޅެމުންދިޔަ އަޑާއި އެމިއުޒިކްގެ ރާގުވަނީ މަސްހުނިވެފައެވެ. އެވަގުތު ކާދިން މަޑުމަޑުން ހިނގާލާފައި އައިސް އޭނަގެ މަންމަގެ ކުރިމަތީގައި ހުރި ސޯފާގައި އިށީދެލިއެވެ. އޭނަގެ އަތުގެ ތެރޭގައިވަނީ ރަތްކުލައިގެ ބަނޑޭރިގަނޑެއްލާފައިވާ ކުޑަ މުސްހަފެކެވެ "މަންމާ.."ކާދިންގެ އަޑުގައިވީ އޮމާންކަމެކެވެ."މަންމައަށް ޚާއްސަ ހަދިޔާއަކާއި އުފާވެރި ޚަބަރެއް ހިފައިގެން މިއައީ..." މެެހެރް ބެލްކަނިން ނަޒަރު ވަކިކޮށްލާފައި ކާދިންގެ އަތުގައި އޮތް ރަތްކުލައިގެ މުސްހަފްއަށް ބަލައިލިއެވެ. "މިއީތަ މަންމައަށް ގެނައި ހަދިޔާއަކީ؟"އޭނަގެ އަޑުން ފައުޅުވީ ޝައުގެއްނެތްކަމެވެ. "މިއަށްވުރެ އަގުބޮޑު މިއަށްވުރެ މާތް ހަދިޔާއެއް މިދުނިޔެއިން ދަރިއަކަށް އޭނަގެ މަންމައަކަށް ނުދެވޭނެ...މިއީ މާތްﷲގެ ކަލާމްފުޅު.. މަންމަ ވިސްނުންތެރިކަމާއެކު މިއިން އަކުރަކަށްފަހު އަކުރެއް ކިޔަވަމުންދާނަމަ ހިތުގެ އެންމެ ފުންމިނުގައި އިސްލާމްދީނުގެ ނޫރު ވިދާ ބަބުޅަން ފަށާނެ..." "އެއީ ކީއްވެ؟"މެހެރް ބުމަ ގާތްކޮށްލިއެވެ. "އެހެނީ އެކަލާނގެއީ އައްރަޙްމާން. ދަ މޯސްޓް މާސިފުލް.. އަހަރެމެންގެ ކުށްތަކާއި ފާފަތަކަށްފަހުވެސް، ރަހުމަތުގެ ބެއްލެވުމުން ބައްލަވާވޮޑިގަންނަވާ... އަހަރެމެން އިންސާނުން އެކަނިއެއްނޫން ހުރިހާ މަޚުލޫގުން ހެއްދެވި ފަރާތް......." ކާދިންގެ ދެލޮލުން އީމާންތެރިކަމުގެ އަސަރު ފާޅުވަމުންދިޔައެވެ. "އެކަލާނގެ ބަސްފުޅުތައް މިހާ ފަސޭހައިން މިހާ ސާފުކޮށް ކިޔެން ހުރިއިރު މުސްލިމުންނަށްވެ ތިބެ އަޅުގަނޑުމެންނަށް މި ކުޑަކުޑަ ކަންތައްވެސް ނުކުރެވެނީ ކީއްވެ؟ މަންމަ އަބަދުވެސް ބުނަމެއްނު ޝޭޚުން ކީއްވެހޭ މިއުޒިކް ހަރާމޭ އެކިޔަނީ؟ މީހުން ދައްކާ ވާހަކަ މަންމަ ގަބޫލުކުރަން ބޭނުންނުވާނަމަ މަންމަ އަމިއްލައަށް ގުރުއާން ހުޅުވާލައިގެން ކިޔަވައިލީލަ ހުރިހާ ސުވާލެއްގެ ޖަވާބު ކަނޑުގެ ލޮނުގަނޑަށްވުރެ ސާފުވާނެ. ހުރިހާ ކަމެއްގެ ތަފްސީލު މި ފޮތުގައި ބަޔާންކުރައްވާފައިވޭ. މިއީ ދެވަނައެއް ނެތް މުއުޖިޒާތެއް މަންމާ......." މެހެރް ފޯނު ނިވާލަމުން މަލާމާތުގެ ފާޑަކަށް ހީލިއެވެ. އޭނަ ދެކޭގޮތުން ދަރިފުޅު ހައްދުފަހަނަޅާ ދަނީއެވެ. މިޒަމާނުގައި ކޮންމެހެން އެވަރުވާކަށް ނުޖެހޭނެއެވެ. ޒަމާނަށް އަންނަ ބަދަލު ދީނަށް އަންނަންވާނެ ކަމުގައި އޭނަ ދެކެއެވެ. "އެނގިހުރެ ކުރުމުން މާ ކަޑައެއްނު ދަރިފުޅާ؟ ނޭގި ހުރެ ކުރެވޭ ފާފަތަކަކަށް އަޒާބެއް ނުލިބޭނެއެއްނު." "އެހެނެއް ނޫން މަންމާ،" ކާދިން ދެރަވެފައި މަންމަގެ މޫނަށް ބަލައިލިއެވެ. "ދީނީ އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެއް. ރަސޫލާސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމަށް.......މައުލޫމާތާއި އިލްމު ފެތުރިފައިވާ މިފަދަ ޒަމާނެއްގައި ތިމަންނާއަށް ނޭނގެޔޭ' ބުނެގެން ﷲ ގެ ހަޟްރަތުގައި ރެކެވެން ނެތް މަންމާ. ދުނިޔޭގެ މަދު ދުވަސްކޮޅެއްގެ ވަގުތީ އުފަލާއި އަރާމަށްޓަކައި މަންމަ ތިޔަ ގުރުބާންކޮށްލަނީ ދާއިމީ އާޚިރަތް. އަޅުގަނޑު ބޭނުންވަނީ... މާތް ﷲ ގެ ރަހުމަތުން އަޅުގަނޑަށް ޖަންނަތުގެ ދޮރުތައް ހުޅުވެންޏާ އެ ދުވަހަކުން، މަންމާއާއެކީގައި އެ ސުވަރުގޭގައި ވާން....." މެހެރް ހިތްހަމަނުޖެހިފައި ފުން ނޭވާއެއްލިއެވެ. "އެކަން ވާނީ މަންމަ ބުނާގޮތަށް ހެދީމައެއްނު؟ ހަދާންނެތުނީތަ؟ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ: "ސުވަރުގެ ވަނީ މައިންގެ ފައިދަށުގައި.....ވީމާ މަންމަގެ ބަސްއަހައިގެން އުޅުނީމާ ތި ސުވަރުގެއަކަށް ދެވޭނީ......" ކާދިންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ހަގީގަތުގައި މަންމަގެ އެ ޖުމްލައިން އޭނާގެ ހިތަށް ތޫނު ތީރެއް ހެރުނު ކަހަލައެވެ. މަންމައާ ދެކޮޅަށް އޭނާ ކުރި އެންމެ ބޮޑު ދެކަމަކީ އިސްލާމީ ރިޒޯޓްތައް ހުޅުވުމާއި، މަންމަގެ ނުރުހުމާއިއެކު ކަންޒާއާއި ކައިވެނިކުރުމެވެ. "އަދި އަނެއް އުފާވެރި ޚަބަރަކީ..." ކާދިން ހިނިތުންވެލަމުން މަންމަގެ އަތުގައި ހިފާލިއެވެ. އެހިނދު މެހެރްގެ ހިތުގައި ބިރުވެރިކަމުގެ ތޫނު ވިންދެއް ޖަހައިލިއެވެ. ކާދިންގެ މޫނުމަތިން ފެންނަން އެހުރި އުފާވެރިކަމަކީ މިދުވަސްކޮޅު ހަމައެކަނި ކަންޒާއާ ގުޅިފައިވާނެ އުފަލެއްކަން އޭނާއަށް ޔަގީނެވެ. ކަންޒާ ފަހަކަށް އައިސް ކާހިތްނުވުމާއި ގޭގައި ހުންނަ ކަރަންފޫދަޅު މާ އަވަހަށް ހުސްވާން ފެށުމުން މެހެރްގެ ހިތުގައި އުފެދިފައިވާ ޝައްކުގެ ކޮޅުމަތި މިހާރު ފެންނަން ފަށައިފިއެވެ. "މަންމާ... މަންމަ މާމައަކަށް ވަނީ..." އެ ޖުމްލައާއެކު މެހެރްގެ ހިތް ބަދަލުހިފުމާއި ރުޅިވެރިކަމުގެ ހޫނު އަލިފާނުން އަނދައިގަތެވެ. މުޅި ހަށިގަނޑު ފިނިވެ އެ ހަގީގަތް ހަޖަމުކުރަން އޭނާގެ ނަފްސު ދެކޮޅުހެދިއެވެ. އޭނާ ފަހަރެއްގައިވެސް މާމައަކަށްވާން ތައްޔާރެއްނޫނެވެ އޭނާއަކީ މުސްކުޅިއެއްނޫނެވެ، އަދިވެސް ޒުވާނެކެވެ. ކަންޒާ އެއުޅެނީ އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ޖަހައިގަތް ގޮތަށް މުޅި މި އާއިލާގެ މުދަލަށްވެސް ވެރިވެގަންނާށެވެ. ފޮނި ނުލަފާ އަންހެނެކެވެ. އެހާ މަކަރުވެރި އަންހެނަކަށް މިފަދަ އުފާވެރި ދިރިއުޅުމެއް ހައްގުވެގެން ނުވެއެވެ. ވާރިސަކު ހޯދައިގެން މުދަލަށް ވެރިވެގަންނަން އުޅެނީއެވެ. ނަމަވެސް، މެހެރް އޭނާގެ އެ ހުރިހާ ޖަޒުބާތުތައް ހިފަހައްޓާ މޫނުމަތީގެ ކުލަވަރު އޮމާންކޮށްލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. "މަރުހަބާ ދަރިފުޅު..." ދަރިފުޅުގެ ހިތަށް އަނިޔާނުދިނުމުގެ ގޮތުން ބޭރުފުށުން އޭނާ އެ އުފަލުގައި ބައިވެރިވާނެއެވެ. ހިތުގައިވާ ހަގީގީ ދެކޮޅުވެރިކަން ދުވަހަކުވެސް ބޭރުވިޔަނުދޭނީއެވެ. އޭނާ ކާދިންގެ ކޮލުގައި މަޑުމަޑުން ފިރުމައިލަމުން ހިނިތުންވެލިއެވެ. "މަންމަ... މަންމަ ވަރަށް އުފާވެއްޖެ." "މަންމަ ލަވަތައް ދޫކޮށްލާފައި ގުރުއާން ކިޔަވަން ފަށާ ދުވަހަކުން އަދި ހަގީގީ ހިތްހަމަޖެހުން ލިބޭނީ......" ކާދިން ތެދުވެ މަންމަގެ ކޮނޑުގައި އަތްބާއްވާލިއެވެ. "ހަށިގަނޑަށް ކިހާ ގެއްލުންވޭ ފައިދާއެއް ނެތް ޖަންކްފުޑް ކެއީމާ؟ ހަމަ އެ އުސޫލުން މަންމަ މެދުކެނޑުމެއްނެތި އަޑުއަހާ ލަވަތަކަކީ ފުރާނައަށް ކާންދެވޭ ގާބޭޖް....... ގުރުއާނަކީ ފުރާނައިގެ ޝިފާ......" ދެމީހުން އެކީގައި ކޮޓަރިން ނިކުންނަން ހިނގައިގަތްއިރު ކާދިން ދެއްކީ މުޅިންވެސް ދީނީ ހިދާޔަތުގެ ރީތި ވާހަކަތަކެވެ. އޭގެ އިރުކޮޅެއް ފަހެވެ. މެހެރް ފޯނު ކަންފަތުގައި ޖަހައިލީ ފުޅާ ހިނިތުންވުމަކާ އެކުގައި ނަމަވެސް، ދާދި އަވަހަށް އެ ހިނިތުންވުން ގެއްލި މުޅި މޫނުން ކުލަވަރު އޮއްސި، ކުއްލިއަކަށް އަނގަމަތީގައި އަތް އެޅުނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން ކޮޓަރީގެ ފާރުގައި ލެނގިލެވުނުއިރު ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ. މީހަކު އޭނަ އެޕްރިލް ފޫލް ހެއްދީހެއްޔެވެ؟ ނުނިމޭ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ