އިމާދުއްދީން ސްކޫލް ގޯޅިތެރޭގައި ހެލްތުން ހަދާ ހަތަރު ބުރީގެ އިމާރާތް ގަވައިދާ ހިލާފަށް ހަދާތީ އެ މަސައްކަތް ހުއްޓުވައިދިނުމަށް ހައުސި

އަތޮޅުތަކަށް ފޮނުވާ ކަޅު ހަން ވަގުތީ ގޮތުން ބެހެއްޓުމަށް ހެލްތު މިނިސްޓްރީ އަށް ދޫކޮށްފައިވާ ބިމުގައި ގަވާއިދާ ހިލާފަށް އެ މިނިސްޓްރީން ހަތަރު ބުރީގެ އިމާރާތެއް ހަދާތީ އެ މަސައްކަތް ހުއްޓުވައި ދެއްވުމަށް ހައުސިން މިނިސްޓްރީން މުނިސިޕަލްޓީގެ ކިބައިން އެދެފި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި އާބަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާތިފާ ޝުކޫރު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހުގެ ތާރީހުގައި މުނިސިޕަލްޓީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިމާދުއްދީން ސްކޫލްގެ ދެކުނުން، އޮތް 354 ކޮށި ހެލްތު މިނިސްޓްރީ އަށް ދޫކޮށްފައި ވަނީ އަތޮޅުތަކަށް ފޮނުވާ ކަޅު ހަން ބެހެއްޓުމަށް ވަގުތީ ގޮތުން ކަމަށާއި އެ ބިމަކީ އިޖުތިމާއީ ކަންކަމަށް ބިން ދޫކުރުމަށް ޕްލޭންގައިވާ ބިމެއް ކަމަށެވެ.
މުނިސިޕަލްޓީގެ ޑިރެކްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓަރު އިލިޔާސް އިބްރާހީމް ކުރައްވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ސްޓްރަކްޗަރަލް ޑިޒައިން ފާސްނުކޮށް ކަމަށާއި އަދި އިމާރާތުގެ މަސައްކަތް ކުރަނީ މުނިސިޕަލްޓީން ހުއްދަ ނުހޯއްދަވައި ކަމަށެވެ.
ސަރުކާރުގެ ގަވައިދު ބުނާ ގޮތުން 500،000ރ. އަށްވުރެ އަގު ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ޓެންޑާ ބޯޑް މެދުވެރިކޮށް ބީލަމުގެ އުސޫލުންނެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރުވަނީ ޓެންޑަ ބޯޑް ކަޓުވާލުމަށް ފަހު އިމާރާތުގެ އެކި ބައިތައް ވަކިވަކިން ހަވާލުކޮށްގެނެވެ. އެ ތަނުގެ މަސައްކަތް ކުރަނީ ޓެންޑަ ބޯޑް މެދުވެރިކޮށް ނޫން ކަން ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑައިރެކްޓަރު އިސްމާއީލު ޝަފީގު ވެސް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
އިމާރާތުގެ މަސައްކަތް ކުރާ އެމްއެސް ކާޕެންޓްރީގެ ވެރިޔާ މުހައްމަދު ޝާކިރު މިއަދު ވިދާޅުވީ މިހާރު ހަވާލުކޮށްފައި ވަނީ ފުރަތަމަ ބުރީގެ ބީމްތަކުގެ ތައްގަނޑުތައް ހެދުމަށް ކަމަށާއި އެ މަސައްކަތުގެ އަގު 200،000ރ. އަށްވުރެ ބޮޑު ކަމަށެވެ.
"އިތުރު މަސައްކަތެއް އަދި ހަވާލެއް ނުކުރޭ،" ޝާކިރު ވިދާޅުވި އެވެ.
ޕްލޭންނިން މިނިސްޓްރީގެ ނައިބު ރަޝީދާ އަލީ މިއަދު ވިދާޅުވީ ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގައި ނުހިމަނައި އެ ތަނުގައި އިމާރާތެއް ހަދާ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް މެޑިކަލްސް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅު މެންބަރު މުހައްމަދު ސަލީމު މިއަދު ވިދާޅުވި ގޮތުގައި އަތޮޅުތަކަށް ފޮނުވާ ކަޅުހަން ވަގުތީ ގޮތުން ބެހެއްޓުމަށް ދެއްވާފައިވާ ބިމުގައި އިމާރާތެއް ހައްދަަވަނީ އަތޮޅުތަކަށް ފޮނުވާ ކޮންސިއުމެބަލް ބޭހާއި އެ ނޫން ވެސް އެޒާތުގެ އެއްޗެތި ބެހެއްޓުމަށެވެ.
ވަގުތީ ގޮތުން ދެއްވާފައިވާ ބިމެއްގައި އަދި ޓެންޑަ ބޯޑް މެދުވެރިކޮށް ބީލަމަށް ލެއްވުމަކާއި ނުލައި މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ދެންނެވުމުން ސަލީމު ވިދާޅުވީ މިހާރު އަތޮޅުތަކަށް ފޮނުވާ ތަކެތި ބަހައްޓާ އިމާރާތުން ނުކުންނަން ޖެހިފައިވާތީ ތަނެއްގެ ދަތިކަމާ ހުރެ އިމާރާތެއް ހައްދަވަނީ ކަމަށެވެ. އަދި ސަލީމު ވިދާޅުވި އެ ބިމަކީ އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި ޓެނިސް ކޯޓެއް އެޅުމަށް އޮތް ބިމެއް ކަަމަށާއި އެފަދަ ކޯޓެއް އެޅުއްވުމަށްވުރެ އެ ތަނުގައި އިމާރާތެއް ހެއްދެވުން ރަނގަޅުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ ތަނުގެ މަސައްކަތް ކުރަނީ ބައިބަޔަށް ހަވާލުކޮށްގެން ކަމަށް ސަލީމު ވެސް އެއްބަސްވެ ވަޑައިގަތެވެ. ނަމަވެސް ވިދާޅުވީ އޭނާ އަށް އެނގިވަޑައިގަންނަވާ ގޮތުގައި އެ މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީން ބީލަމަށް ލައްވައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ