ސިޔާސީ ޕާޓީތަކަށް ވާދަ ކުރެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 209،294 މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ މި ބުރުގައި ވޯޓުލުމަށް ޝަރުތު ހަމަވެ، ވޯޓުލެވޭ މީހުންގެ އަދަދު ފުރަތަމަ ބުރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
މި މަހު އަށެއްގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 18 އަހަރު ފުރިފައިވާ މީހުން ހިމަނައިގެން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ޖުމްލަ 208،252 މީހުންނަށެވެ. އެހެން ނަމަވެސް މި މަހު 28ގައި އޮންނަ އިންތިހާބުގެ ދެ ވަނަ ބުރުގައި ޝަރުތު ހަމަވާ މީހުންގެ އަދަދު ފުރަތަމަ ބުރަށް ވުރެ 1042 މީހުން އިތުރެވެ.
ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ދާންޖެހުނީ ފުރުތަމަ ބުރުން، ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އިންތިހާބުގައި، އެއްވެސް ބޭފުޅަކަށް ވޯޓް ދިން މީހުންގެ އަޣުލަބިއްޔަތު ލިބިފައިނުވާތީ އެވެ.
ދެ ވަނަ ބުރުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ސާބެ ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގެ ވޯޓަށް ފަހު، އަހަރު ފުރިފައިވާ މީހުންނާއި ސުނާމީއާ ގުޅިގެން ރަޖިސްޓްރީ ބަދަލުނުވެ ތިބި މީހުންގެ އިތުރުން ވެސް ބައެއް ސަބަބުތަކާ ހުރެ ލިސްޓްގައި ނެތް މީހުންގެ ނަންތައް މި ބުރުގެ ލިސްޓްގައި ހިމެނުމާ ގުޅިގެންނެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް މި ފަހަރުގެ ލިސްޓްގައި ވެސް މައްސަލަތަކެއް ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައިވެ އެވެ. ނަމަވެސް މާ ބޮޑެތި މައްސަލަތަކެއް ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެ ވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވަނީ އިންތިހާބުގެ އޮފިޝަލުންނާއި އިދާރީ ގޮތުން ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވައިފައިވާ ކަމަށާއި ދެ ވަނަ ބުރުގައި ވޯޓުލާ ކަރުދާސް ޗާޕްކޮށްފައި ވަނީ ވެސް ސަލާމަތީ އިތުރު ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ. ދެ ވަނަ ބުރުގައި ވޯޓުލުމަށް 218،720 ވޯޓުކަރުދާސްކޮޅު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޗާޕުކުރި އަދަދު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބު: ދެ ވަނަ ބުރުގައި ވޯޓުލުމަށް ޝަރުތު ހަމަވާ 209،294 މީހުން އެބަތިބި: އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ