ވީރާނާވެފައިވާ އުމަރު ޝޮޕިން އާކޭޑް ތަޅާލައި އެ ތަނުގައި އާ އިމާރާތެއް އަޅަނީ

އެމްއެމްއޭ މިހާރު ހިންގަމުން އަންނަ ވީރާނާވެފައިވާ އުމަރު ޝޮޕިން އާކޭޑް ބިލްޑިން ތަޅާލުމަށް ފަހު، އެތަނުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ އިމާރާތުގެ ވެރިފަރާތް ކަމަށްވާ އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެސްޓީއޯގެ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހަންމަދު ވިދާޅުވީ، އޮފީސްތަކާއި ވިޔަފާރި ބޭނުމަށް އެތަނުގައި މަލްޓި ސްޓޯރީ ބިލްޑިންގެއް އަޅަން ގަސްތުކޮށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. އެ އިމާރާތުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްއެމްއޭ ނުކުންނާނެ ކަމަށާއި އަދި އެސްޓީއޯ އިލެކްޓްރޯނިކްސް ވެސް ޖެނުއަރީ މަހުގެ ތެރޭގައި އެ އިމާރާތުން ބަދަލުކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެނުއަރީ މަހުގައި އެތަން ތަޅާލައި އާ އިމާރާތެއް އެޅުމަށް ރާވައިފައި ވަނީ. (އިމާރާތް އެޅުމަށް) ކުޑަ ތަންކޮޅެއް މި ލަސްވީ އެމްއެމްއޭ ބަދަލުވުމުގައި ޑިލޭތަކެއް ހުރެގެން،" ޝަރީފް ވިދާޅުވި އެވެ. "އެމްއެމްއޭގެ ބޮޑު ބައި މިހާރު ބަދަލުކޮށް ނިންމައިފި. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭންކިން ބައި ވެސް މުޅިން ބަދަލުކޮށް ނިންމޭނެ."
އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން އެތަނުގައި އަޅާ އާ އިމާރާތުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އެތަނުން ބަދަލުވުމަށް އެކި ފަހަރުމަތިން ވަނީ އަންގައިފަ އެވެ.
އެ އިމާރާތުން ބަދަލުވުމާ ބެހޭގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވައި އެމްއެމްއޭގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އަބްދުލް ޣަފޫރު މިއަދު ވިދާޅުވީ އެތަނުން މުޅިން ބަދަލުވާން ވަގުތުކޮޅެއް އަދި ނަގާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އާ އިމާރާތުގެ ކުރެހުން އަދި މުޅިން ނުނިމޭ ކަމަށެވެ. އެހެން ކަމުން އެތަނުގައި އަޅާނީ ކިތައް ބުރީގެ އިމާރާތެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެ އިމާރާތް އަޅާނީ އެތަނުގެ ސައިޒަށް ބަލައި ސަރުކާރުން ހުއްދަކުރާ އެންމެ އުސްމިނަކަށް ކަމަށެވެ.
ވިޔަފާރި ސަރަހައްދަކަށް ވީމަ، އެ ސަރަހައްދާ ގުޅޭ ކަންތައް އެތަނުން ހިންގާނީ. އަޅުގަނޑުމެން ހިޔާލުކުރަން ބޭންކްތަކުގެ ގޮފިތައް ވެސް އެ އިމާރާތުގައި ހިންގަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް އާ އިމާރާތް ނިންމާލެވޭވަރުވާނެ ކަމަށެވެ.
ފަސް ބުރީގެ އުމަރު ޝޮޕިން އާކޭޑް ބިލްޑިންގަކީ ކުރީގެ ގޮތަށް ދަގަނޑު ސްޓްރަކްޗަރަކުން ހަދައި ބޭރުގައި ކޮންކްރީޓް ބޭނުންކޮށްފައި ހުރި އިމާރާތެކެވެ. އަކިރި އާއި ވެލި ބޭނުންކޮށްގެން ހަދައިފައިވާ އެ އިމާރާތް ވީރާނާވެ، ސިމެންތިތައް ނެއްޓި ބިމަށް ވެއްޓެމުންދާ ކަމަށް ބުނެ، ކަމާ ބެހޭ ފަރާތްތަކުގައި އާއްމުން ވަނީ ގިނަ ޝަކުވާތަކެއް އުފުލައިފަ އެވެ. އަދި އިމާރާތުގައި އުޅުން ރައްކާތެރި ނޫން ކަމަށް މިދިޔަ އަހަރު ތެރޭގައި އިންޖިނިއަރުން ވެސް ވަނީ ލަފާ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ