ސާމިރުގެ މަރުގެ މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

މިދިޔަ ޑިސެމްބަރު މަހު ހ. ޖަނަވަރީމަގުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މ. ކޮޅުފުށީ، ޝާހީ މަންޒިލް، ސާމިރު އަބްދުލް މުއީން، ،23 މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ތ. ވިލިފުށީ ހީނާމާގޭ )މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު،( ސަމާހު މޫސާ ދީދީގެ މައްސަލަ ކުރިއަށް ގެންދަނީ ކުޑަކުދިންގެ ކޯޓުގަ އެވެ. އެހެންކަމުން އެ މައްސަލަ އަޑުއެހުމަށް އެއްވެސް މީހަކަށް ނުވަދެވެ އެވެ. ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި ސަމާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ސަމާހު، ސާމިރަށް ހަމަލާދިން ކަމަށް ބުނެ ތަހުގީގުގައި ބުނެފައިވާ ހެކިން، ޝަރީއަތަށް އައިސް އެކަން ނުފެންނަ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ފަރާތުން ހެކިބަސް ލިބިފައިނުވާ ކަމަށް ވެސް ހަވީރަށް އެނގިފައިވެ އެވެ.
މިދިޔަ ޑިސެމްބަރު އަށް ވަނަ ދުވަހު ހިންގި އަނިޔާވެރި ހަމަލާއަކުން މަރާލި ސާމިރުގެ މަރުގެ މައްސަލައިގައި ސަމާހު ފެނިފައި ވަނީ ފުލުހުން އޭނާ ހޯދަމުން ދަނިކޮށް 15 ދުވަސް ފަހުންނެވެ.
ސާމިރުގެ މަރުގެ މައްސަލައިގައި ސަމާހުގެ އިތުރުން ށ. ކޮމަންޑޫ އިރު، މުހައްމަދު އިޝާން ،18ގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހިމެނޭ ހެކިންގެ ފަރާތުން ވެސް ވަނީ ދައުލަތަށް ހެކިބަސް ލިބޭ ގޮތް ނުވެފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
ޖަނަވަރީމަގު، ދަގަތަ ބުކްޝޮޕް ކުރިމަތީ، ސައިކަލެއްގައި މަޑުކޮށްލައިގެން އިންދާ ސާމިރަށް ހަމަލާދީފައި ވަނީ ސައިކަލަކުން އައި ދެ މީހަކު އޭނާގެ ފަހަތުން ހިފެހެއްޓުމަށް ފަހު އެވެ. އެ ހަމަލާގައި އޭނާގެ މޭގެ އެކި ތަންތަނަށާއި އަރިކައްޓާއި ބުރަކަށީގެ އިތުރުން ބޮލަށް ވެސް ހަމަލަދީފައިވެ އެވެ. އޭނާ މަރުވީ އެ ހަމަލާ އަށް ފަހު ޖަނަވަރީ މަގުން އުތުރަށް ގާތްގަނޑަކަށް 300 ވަރަކަށް ފޫޓު ދުރަށް އޭނާ ދުވެފައި ގޮސް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގައި ޖެހި ވެއްޓުނު ފަހުންނެވެ. އައިޖީއެމްއެޗުން ސާމިރު ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި ފުލުހުން ބުނި ގޮތުގައި ސާމިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ