ރިޔާސީ އިންތިހާބު ބޭއްވުމުގެ މުއްދަތު އޮކްޓޯބަރު 30 އަށް އިތުރުކުރުމަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބު ބޭއްވުމުގެ މުއްދަތު އޮކްޓޯބަރު 30 އަށް އިތުރުކުރުމަށް ފެންނަ ކަމަށް، ކުށްފިލުވާ ކޮމިޓީން ޑްރާފްޓް ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
ގާނޫނު އަސާސީގެ ކުށްތައް ފިލުވުމަށްޓައި ޑްރާފްޓް ކޮމިޓީން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނާއިބު ރައީސް އަދި ރ. މެމްބަރު ޝާހީން ހަމީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ފަސްކުރުމަށް ކޮމިޓީ އަށް ފެންނަ ކަމަށް ޑްރާފްޓް ކޮމިޓީ އަށް ހުށަހެޅީ އިންތިގާލީ ބާބުގައި އޮކްޓޯބަރު 10ގެ ކުރިން ރިޔާސީ އިންތިހާބު ބާއްވަން ބުނެފައިވާއިރު، އެ މުއްދަތުގެ ކުރިން ރިޔާސީ އިންތިހާބަށް ކުރަންޖެހޭ ހުރިހައި ކަމެއް ނިންމޭނެ ވަގުތު ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"މިހާރު މިވަނީ ވަރަށް ބޮޑަށް ވަގުތު ގާތްވެފައި. އެހެންވުމުން ރިޔާސީ އިންތިހާބު ބާއްވަން ބުނެފައިވާ މުއްދަތު އިތުރުކުރަން ހުށަހެޅީ. ޑްރާފްޓް ކޮމިޓީއަށް ފެންނަ ނަމަ އެގޮތަށް މަޖިލީހަށް ހުށަހަޅާނީ،" ޝާހީން ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ހުރި ކުށްތައް ފާހަގަކޮށް ކުށްފިލުވައި މުޅި ގާނޫނު އަސާސީ ޑްރާފްޓް ކޮމިޓީ އަށް މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.
ޑްރާފްޓް ކޮމިޓީގެ މުގައްރިރު، މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބުރާ( ވިދާޅުވީ ކުށްފިލުވާ ކޮމިޓީން ގެނެސްފައިވާ ބަދަލުތައް ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ޑްރާފްޓް ކޮމިޓީން ނިންމައި، އަންނަ ހަފުތާތެރޭގައި މަޖިލީހަށް ފޮނުވޭވަރުވާނެ ކަމަށެވެ.
އާ ގާނޫނު އަސާސީގައި ހުރި ކުށްތައް ފިލުވައި މާދަމާގެ ނިޔަލަށް މަޖިލީހަށް ފޮނުވުމަށް ޑްރާފްޓް ކޮމިޓީގެ މުގައްރިރަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ސިޓީއަކުން އެންގެވި ކަމަށާއި އަދި އެ މުއްދަތަށް ނުފޮނުވައިފި ނަމަ ކުށްފިލުވި ކޮމިޓީން ނިންމާފައިވާ ގޮތަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެންގެވި ކަމަށް މަޖިލީސްގެ އަމީންއާން އަހްމަދު މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އަމަލު ނުކުރެއްވީ އެ މުއްދަތަށް ކޮމިޓީގެ މަސައްކަތް ނުންނިމިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑްރާފްޓް ކޮމިޓީގެ މުގައްރިރު އިބްރާ ވިދާޅުވީ ކުށް ފިލުވާ ކޮމިޓީން ގެނައި ބަދަލުތައް ޑްރާފްޓް ކޮމިޓީން ނުބަލަނީސް މަޖިލީހަކަށް ހުށަނޭޅޭނެ ކަމަށާއި އެދި މަޖިލީހުގެ ރައީސްގެ ނިންމެވުން ބަދަލުކުރެއްވީ އެގޮތަށް ސިޓީއެއް ފޮނުވުމުން ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް މި މަހުގެ 15ގެ ކުރިން ބޭއްވެން ނެތް ކަމަށް މަޖިލީހުގެ މެމްބަރުންނަށް އިއްޔެ އަންގާފައިވާނެ ކަމަށާއި އެންމެ އަވަހަށް ޖަލްސާއެއް ބޭއްވުނަސް ބޭއްވޭނީ 15 ވަނަ ދުވަހު ކަމަށް އަހްމަދު ވިދާޅުވި އެވެ.
"ނަމަވެސް އެ ދުވަހު ވެސް ޖަލްސާއެއް ބޭއްވޭނެކަން މުޅިން ޔަގީނެއްނޫން،" އަހްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ