ހަވީރު އޮންލައިންގެ އާ ވެބްސައިޓް މިރޭ އާންމުކުރަނީ

އަހުމަދު ނިޔާޒް
ހަވީރު އޮންލައިންގެ ވެބްސައިޓް މިރޭ ރީލޯންޗް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޓަނެޓްގައި 1 ޖެނުއަރީ 1997 ން ފެށިގެން ހަވީރު ޝާއިއުކުރަން ފެށި ފަހުން މިއީ މިހާތަނަށް އެ ވެބްސައިޓަށް ގެންނަ އެންމެ ބޮޑު ބަދަލެވެ. ހަވީރު އޮންލައިން އަށް 10 އަހަރު ފުރުމާ ގުޅިގެން ވެބް ސައިޓަށް ބޮޑު ބަދަލުތަކެއް ގެނައީ، ހަވީރު އޮންލައިންގެ ކިޔުންތެރިންނަށް އިންޓަނެޓްގައި މިހާރަށް ވުރެ ފަސޭހަ މާހައުލެއް ތަނަވަސްކޮށް ދިނުމުގެ ގޮތުންނެވެ.
މިރޭ ދަރުބާރުގޭގައި އޮންނަ ހަވީރު ސްޕޯޓްސް އެވޯޑް 2006 ގައި އާ ވެބްސައިޓް ރީލޯންޗް ކޮށްދެއްވާ ގޮތަށް ހަމަޖެހިފައި ވަނީ އިންފޮމޭޝަން މިނިސްޓަރު މުހަންމަދު ނަޝީދެވެ.
"ޕަބްލިކް ބީޓާ" މަރުހަލާގައި މިވަގުތު އޮތް ވެބް ސައިޓް
މީގެ ކުރިން ކޯޑްކޮށްފައި ވަނީ "އެޗްޓީއެމްއެލް" ލޭއައުޓެއްގައި "ޕީއެޗްޕީ"ންނެވެ. އަދި ހިނގަމުން އައިސްފައި ވަނީ "މައިސީކުއެލް" ޑޭޓާބޭސް އިންޖީނެއްގަ އެވެ.
ހަވީރު އޮންލައިން، ކިޔުންތެރިންނާ އެކު އާ ޖީލަކަށް ވަންނަން ދަތުރުކުރާ އިރު، އާ ޓެކްނޮލޮޖީގެ ބޭނުން ނުހިފައި، ކިޔުންތެރިން ބޭނުންވާ ފަސޭހަތައް ގެނެސްދެވޭކަށް ނެތުމާ އެކު. އާ ވެބްސައިޓް ފަރުމާކޮށްފައި ވަނީ ވެބް 2.0 ޓެކްނޮލޮޖީގެ މިންގަނޑަށް ފެތޭ ގޮތަށެވެ. މި މިންގަނޑު ދަމަހައްޓައި ހަވީރު އޮންލައިން، ތާނަ ވެބްސައިޓެއްގެ ގޮތުގައި ޑިޒައިންކޮށްފައި ވަނީ އެންމެ ޒަމާނީ ސްޓައިލް ޝީޓްތަކާއި، އަޖަކްސް އަދި ޕީއެޗްޕީ ބޭނުންކޮށްގެންނެވެ.
ހަވީރު އޮންލައިންގެ ހަޔާތުގައި ތާނަ އަކުރު ގޮވައިގެން ވަނީ ޒަމާންތަކެއް ފަތަހަކޮށްފަ އެވެ. ހަވީރު ނޫހުގައި ޝާއިކުރެވޭ ޚަބަރާއި މައުލޫމާތު، އޮންލައިން ކިޔާ މީހުންނަށް، ތާނަ އަކުރުން ގެނެސްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މި ގޮތުން މައިކްރޮސޮފްޓް ވިންޑޯޒްގައި ތާނަ ހިނގުމުގެ ބާރު ނެތް އިރު ވެސް، ތާނަ ވެބްސައިޓެއް ކިޔުމުގެ އުފާވެރިކަން ހަވީރުން އޮންލައިން ކިޔާ މީހުންނަށް ވާނީ ގެނެސްދީފަ އެވެ. އަދި މިއަދު ވެސް ހަވީރު އޮންލައިންގައި ބޭނުންކުރެވެނީ ހަވީރު އަމިއްލަ ތާނަ ޓެކްނޮލޮޖީއެކެވެ. ހުރިހާ އަކުރަކާއި، މާކެއް ކޮންޓްރޯލްކޮށް ބަލަހައްޓަމުން ދެންދަނީ "ވިސްނުންތޫނު" ޑާޓާބޭސްއަކުންނެވެ.
ހަވީރު އޮންލައިން ތަރައްގީކުރުމަށް ކިޔުންތެރިން ދިން ޚިޔާލާ އެއްގޮތަށް އިތުރުކުރި ކެޓަގަރީތަކުގެ ތެރޭގައި، ދިރިއުޅުން، ދުނިޔޭގެ ކުޅިވަރު، ތިމާވެށި އަދި ސައެންސާއި ޓެކްނޯލޮޖީ ހިމެނޭނެ އެވެ. މީގެ އިތުރުން ކޮމިކް، ވީޑިއޯ، ފްލައިޓް ޝެޑިއުލް އަދި ސްޓޮކް އެކްސްޗޭންޖާއި ނަމާދު ވަގުތާއި މޫސުން ފަދަ އާންމު މުހިންމު މައުލޫމާތުތައް، އަތުޖެހޭ ފަށުގައި ގާއިމުކޮށްފައި ހުންނާނެ އެވެ.
ހަވީރުގެ އާ ވެބްސައިޓް ހުރިހާ ގޮތަކުން ވެސް ކިޔުންތެރިންނާ ރައްޓެހިވާނެ އެވެ. ކެޓަގަރީތަކުގެ ލޭއައުޓް ބަހާލާފައި ހުންނާނީ ކިޔުންތެރިންގެ ލޮލަށް އުނދަގޫ ނުވާނެ ގޮތަށް އަދި ލުއި ކުލަތަކަކުންނެވެ. މައުލޫމާތުތައް ބަހައިލުމުގައި ވެސް ބަލާފައި ވާނީ، ތިލަފަތް ހަމަވާ ގޮތަށެވެ.
ހަވީރު އޮންލައިން އިނގިރޭސި ސެކްޝަނަށް ގެނައި އެންމެ ބޮޑު މުއްސަނދިކަމަކީ، ހަވީރުގެ ހަފުތާ މަޖައްލާ "އިވްނިން ވީކްލީ" އާ ގުޅައިލުމެވެ. މި ގޮތުން އިވްނިން ވީކްލީގެ އާޓިކަލްތައް މިހާރު ފާހަގަކުރެވޭނީ ކޮންމެ އާޓިކަލެއްގެ ކުރިން ފެންނަން ހުންނަ އިވްނިން ވީކްލީގެ ލޯގޯއިންނެވެ.
ހަވީރުގެ އާ ވެބްސައިޓްގައި ކިޔުންތެރިން އަމިއްލަ މާހައުލެއް ގާއިމުކުރުމުގެ ފުރުސަތު ހުޅުވިފައިވާނެ އެވެ. މި ގޮތުން "މައި ހަވީރު" މޮޑިއުލްގައި ރެޖިސްޓްރިކުރުމަށް ފަހު، ހަވީރު އޮންލައިން "އާކައިވް"ގައި ހުރި ލިޔުންތައް ކިޔައި އަދި ފޮޓޯތަކުން މައުލޫމާތު މުއްސަނދިކުރުމުގެ ފުރުސަތު ވެސް ހުޅުވިފައި ވާނެ އެވެ. އަދި މި އަށް ވުރެ ބޮޑަށް ހަވީރު އޮންލައިންއާ ދޯޅުވާން ބޭނުން ކޮންމެ ބޭފުޅަކަށް އެ ފުރުސަތު ވެސް ވާނީ ތަނަވަސްވެފަ އެވެ. މި ގޮތުން ލިޔުމާއި، ފޮޓޯ އަދި ވީޑީއޯ ފޮނުވުމުގެ ފުރުސަތު ވެސް ހަވީރު އޮންލައިންގެ އާ ވެބްސައިޓްގައި ހަމަޖެހިފައިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ