އެމްޑީޕީގެ "ނުފޫޒު ގަދަ ހުރަހެއް" އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބަށް ކުރިމަތިވާ ކަމަށް ވިދާޅުވެ، އެ ގުރޫޕުގެ ނާއިބު ރައީސް ކަމަށް ވާދަނުކުރައްވާ ގޮތަށް ނިންމަވައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އޭނާގެ ނަން މިއަދު އަނބުރާ ގެންދަވައިފި އެވެ.
އަބްދުﷲ އަބްދުއްރަހީމްގެ ނަން އަނބުރާ ގެންދެވިއިރު، ހަމަ އެ މަގާމަށް ކުރިމަތިލެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވެސް ވަނީ އެމްޑީޕީގެ "ނުފޫޒު ގަދަ" ބައެއްގެ "ނުފޫޒު" އިންތިހާބަށް ފޯރާނެ ކަމަށް ވިދާޅުވެ މިދިޔަ ހަފުތާގައި ނަން އަނބުރާ ގެންދަވައިފަ އެވެ.
މި ދެ ބޭފުޅުންގެ ނަން އަނބުރާ ގެންދެވުމުން އެ މަގާމަށް މިހާރު ވާދަކުރައްވަން ތިއްބެވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ތޮއްޑޫ ދާއިރާގެ އަލީ ވަހީދެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ "ނުފޫޒު ގަދަ ހުރަހެއް" އިންތިހާބަށް ކުރިމަތިވެފައިވާއިރު ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބު އަންނަ މަހުގެ ތިނަކަށް ފަސް ކުރުމަކީ ވެސް ނަން އަނބުރާ ގެންދަން ޖެހިވަޑައިގެންނެވި ސަބަބެއް ކަމަށެވެ.
އިންތިހާބަށް "ނުފޫޒު ގަދަ ހުރަހެއް" ކުރިމަތި ކުރަނީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަބްދުﷲ އަބްދުއްރަހީމްގެ ނަން އަނބުރާ ގެންދެވިއިރު، މ. ކުޑަވެޔޮމަތީގޭގައި ރޭ އެމްޑީޕީން ފެށި "ދޮރުން ދޮރަށް" ކެމްޕޭންގެ ފަހަތުގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހަންމަދު ފަލާހު 2014 އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރެއްވުން ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ "ޓްވިޓާ" ގައި އަބްދުﷲ އަބްދުއްރަހީމާ އެ ވާހަކަ ދައްކާފަ އެވެ. އަދި އަބްދުﷲ އަބްދުއްރަހީމް ޓްވީޓު ކުރައްވަމުން ވިދާޅުވެފައި ވަނީ އެކަމާ "މާޔޫސްވެއްޖެ" ކަމަށާއި މައްސަލަ ހައްލުކުރުމަށް ޕާލަމެންޓްރީ ގުރޫޕުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާ އެކު ވާހަކަ ދައްކަވާނެ ކަމަށެވެ.
އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އޭނާ އެއްވެސް އެއްޗެއް މީޑިއާ އަށް ވިދާޅެއް ނުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ބައެއް މެމްބަރުން ވާހަކަތަކުން ދޭހަވެ އެވެ.
ކާނަލް ވެސް ވިދާޅުވެފައި ވަނީ އެ ގުރޫޕުގެ ބައްދަލުވުންތަކުގައި ތަފާތު ހިޔާލުތަކަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކުރާ ކަމަށެވެ.
"ޕީޖީގެ ބައްދަލުވުންތަކުގައި ތަފާތު ހިޔާލުތަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ. ހިޔާލު ތަފާތުވުންތަކާ އެކު ވެސް ތަފާތު ހިޔާލަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެންމެ މީހެއްގެ ހިޔާލަކަށް ]އެމްީޕީ[ އެއްވެސް ކަމެއް ކޮށްގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެންމެ މީހެއްގެ އެއްޗެއް ނޫން އެމްޑީޕީ އަކީ،" ކާނަލް ވިދާޅުވެފައިވެ އެވެ.
"ނުފޫޒު ގަދަ ހުރަހެއް" ކުރިމަތިވާ ކަމަށް ވިދާޅުވެ އަބްދުﷲ އަބްދުއްރަހީމް ވެސް ނަން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ