އަބްދުﷲ މުހައްމަދު އެކަހެރިކުރުމަކީ ޑިފެންސް މިނިސްޓްރީގެ ނިންމުމެއް: ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ގިރިފުށީގައި ބެހެއްޓުމަކީ އެމަނިކުފާނުގެ ނިންމެވުމަށް ނޫން ކަމަށާއި އެއީ ޑިފެންސް މިނިސްޓްރީގެ ނިންމުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން ނަޝީދު މިހެން ވިދާޅުވީ ސިފައިންގެ ބެލުމުގެ ދަށަށް ގާޒީ ގެންގޮސް 22 ދުވަހު ގިރިފުށީގައި ބެހެއްޓި މައްސަލައިގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ބަޔާނެއް ދެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި ދެއްވި ބަޔާން ވަރަށް ތަފްސީލުކޮށް ނޫސްވެރިންނަށް ކިޔައިދެއްވަމުން ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ފިޔަވަޅު އަޅާފައި ވަނީ ޑިފެންސް މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީން ފިޔަވަޅު އަޅާފައި ވަނީ ހޯމް މިނިސްޓްރީން އިސް ގާޒީއާ މެދު ފިޔަވަޅު އެޅުމަށް އެދުމުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ފުލުހުން އަބްދުﷲ މުހައްމަދުގެ މައްސަލަ ބަލާފައިވަނީ އޭނާއާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުމުންދާތީ އެ މައްސަލަތައް ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީއަށް ރައީސް އޮފީހުން ހުށަހެޅުމުން ކަމަށެވެ.
"ފުލުސް އޮފީހުގެ ފަރާތުން މައްސަލަ ތަހުގީގުކުރުމަށްޓަކައި އަބްދުﷲ މުހައްމަދަށް ޗިޓެއް ފޮނުވުމުން އެބޭފުޅާ ޗިޓަށް ހާޒިރުވެވަޑައިނުގެންނެވިކަން އަޅުގަނޑަށް މައުލޫމާތު ލިބުނު. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ލިޔުއްވީ މިނިސްޓްރީ އޮފް ޑިފެންސަށް އަބްދުﷲ މުހައްމަދު ކޯޓުތަކަށް ވަދެވަޑައިގެން އުޅުއްވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް، ގެއްލުމެއް ކަމަށް. އެހެންވީމަ އެބާވަތުގެ ކަންކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން އަޅުއްވަން ބޭނުންވާ ފިޔަވަޅެއް އެޅުއްވުމަށް. ދެން އަބްދުﷲ މުހައްމަދުގެ މައްޗަށް އެޅިފައި އެވާ ފިޔަވަޅު، އޭނާ އެކަހެރި ކޮށްފައި ބެހެއްޓިފައި އެވާ ފިޔަވަޅަކީ ޑިފެންސް މިނިސްޓްރީއަށް އެކަމާ ގުޅިގެން އެބޭފުޅުންނަށް އަޅުއްވަން ފެނިވަޑައިގެންނެވި ފިޔަވަޅު،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޑިފެންސް މިނިސްޓްރީން އަބްދުﷲ ގާޒީ އެކަހެރިކުރުމުން އޭނާގެ ހާލު ބެއްލެވުމަށް ސީދާ އެމަނިކުފާނުގެ ފަރާތްޕުޅުން ބޭފުޅުން ގިރިފުއްޓަށް ފޮނުއްވާފައިވާނެ ކަމަށެވެ. އަދި އެޗްއާރްސީއެމުން އަބްދުﷲ ގާޒީގެ ހާލު ބެލުމަށް އެދުމުން އެކަމުގައި އެހީތެރިވެވަޑައިގެންފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އޭގެ ފަހުން އަބްދުﷲ މުހައްމަދަށް އެއްވެސް ލާއިންސާނީ އަނިޔާއެއް، އެއްވެސް ގޮތަކުން އެބޭފުޅާއަށް ގެއްލުމެއް އަނިޔާއެއް ލިބޭތޯ ކަށަވަރުކުރުމަށްޓަކައި އަޅުގަނޑު އެދުނިން އަޅުގަނޑުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީއަށާ އަދި ޑިފެންސް މިނިސްޓަރާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަރިހުން އަޅުގަނޑު އެދުނިން ގިރިފުއްޓަށް ގޮސް އެބޭފުޅާ ބަހައްޓާފައި ހުރި ތަނަކަށް ގޮސް އެބޭފުޅާގެ ހާލު ބައްލަވައިދެއްވުމަށް. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން އެތަނަށް ވަޑައިގަންނަވަން އެދުނު ކޮންމެ ފަހަރަކު އެކަން ހަމަޖައްސަވައިދެވޭތޯ އަޅުގަނޑު ބަލައިދިނިން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފަހުން ނެރުއްވި ބަޔާނުގައި އެބޭފުޅާއަށް ކަންތައް ކުރައްވަމުން ގެންދަނީ އިންސާނީ ހައްގުތަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް އޮތް ބަޔާނެއް ހިއުމަން ރައިޓްސް ކޮމިޝަނުން އަދި އަޅުގަނޑަށް ފަހުން ފެނުނުވެސްމެ. މިއީ މިކަމުގައި އަޅުގަނޑު ދަންނަވަން ހުރިހާ ވެސް ވާހަކައަކީ. އެކަމަކީ ހޯމް މިނިސްޓަރު ޑިފެންސް މިނިސްޓަރަށް ލިޔުއްވުމުން، ހޯމް މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ލިޔުއްވުމުން ޑިފެންސް މިނިސްޓްރީން އެޅި ފިޔަވަޅެއްކަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެޗްއާރްސީއެމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ހިތްވަރު ދިނުމުގެ އެ ސަރަހައްދަށް އެއްވެފަ އެވެ. ފަހުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެޗްއާރްސީއެމްގެ އިމާރާތް ހުންނަ މަގު ވަކި ހިސާބަކުން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ