ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، އިނގިރޭސި ހާރިޖީ ވަޒީރު ވިލިއަމް ހޭގާއި، މޫސުމާ ބެހޭ ވަޒީރު ކްރިސް ހޫން އާއި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްއާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އޮކްސްފޯޑް ޔޫނިއަންގައި ވާހަކަފުޅުދައްކަވާނެ އެވެ. އޮކްސްފޯޑް ޔޫނިއަންއަކީ، އެކިއެކި މައުޟޫއުތަކަށް ބަހުސްކުރުމަށް އުފައްދާފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމިއްޔާ އެވެ. މި ތަނުގައި ވާހަކަފުޅު ދައްކަވާފައިވާ ދުނިޔޭގެ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ޑަލައި ލާމާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް، އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ރިޗާޑް ނިކްސަން، ޖިމީ ކާޓާ، ރޮނަލްޑް ރޭގަން، ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް، މަޝްހޫރު ސައިންޓިސްޓް ސްޓީވަން ހޯކިން، މަޝްހޫރު ފުޓްބޯޅަ ތަރި ޑިއެގޯ މެރެޑޯނާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ވެސް، ބީބީސީ، އަލްޖަޒީރާ ފަދަ މަޝްހޫރު ނިއުސް ޗެނަލްތަކަށް ރައީސް އިންޓަވިއު ދެއްވާނެ އެވެ. ބ.ބީސީގެ ހާޑް ޓޯކް ޕްރޮގްރާމްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ