ސުޕްރީމް ކޯޓަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ރޭގެ ދަންވަރު ވަގުތެއްގައި ބަޔަކު މީހުން ސުޕްރީމް ކޯޓަށް ކަޅުތެޔޮ ޖަހައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓު ހިންގަމުންދާ ތީމުގޭގެ ބައެއް ފާރުތަކަށާއި ގަސްތަކާއި ކޯޓުގެ ނަން ބޯޑަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިބަތާއި ގަދަރު ކަނޑުވާލުމަށްޓަކައި ބަޔަކު މީހުން ހިންގި ނާތަހުޒީބު އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާ ކަމަށް ވެސް އެ ކޯޓުގެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓަށް ކަޅުތެޔޮ މި ޖެހީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އިދިކޮޅު ޑީއާރުޕީން ރޭ މާލޭގައި ވަރަށް ދަންވަންދެން މުޒާހަރާ ކޮށްފައި ވަނިކޮށެވެ. އަދި ރޭ ދަންވަންދެން ސަރުކާރު ހިންގާ އެމްޑީޕީގެ ބަޔަކު ވެސް ވަނީ ޑީއާރުޕީއާ ދެކޮޅަށް ބައެއް މަގުތަކުގައި އަޑު އުފުލައިފަ އެވެ.
ސުޕްރީމް ކޯޓަށް ކަޅުތެލުގެ ހަމަލަ ދިން އިރު ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އަދި އެ އަމުރާ ގުޅިގެން އިއްޔެއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ގެންދެވޭ ގޮތް ވެސް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ