ޕީޕީއެމްގެ ވަގުތީ ރައީސަކަށް މައުމޫން ކުރިމަތިލައްވަނީ!

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް މިރޭ ބާއްވާ ޖަލްސާގައި، އެ ޕާޓީގެ ވަގުތީ ރައީސަކަށް، އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކުރިމަތިލައްވާނެ ކަމަށް "ހަވީރަ" ށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ދަރުބާރުގޭގައި މިރޭ 30: 8 ގައި ބާއްވާ ޕީޕީއެމް އުފެއްދުމުގެ ވަގުތީ ޖަލްސާގައި، ވަގުތީ ރައީސަކަށް މައުމޫން ކުރިމަތިލެއްވުމަށް އެ ޕާޓީގެ އިސްފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހަޅުއްވާނީ، ޖަލްސާގެ ޗެއާމަން އެކަމަށް މިރޭ ހުޅުވާލުމުންނެވެ.
ވަގުތީ ރައީސްގެ އިތުރުން މިރޭ އިންތިހާބު ކުރާ ގޮތަށް ނިންމާފައި ވަނީ ޕީޕީއެމް ހިންގާ ވަގުތީ ކައުންސިލް އެވެ. އެ ކައުންސިލްގައި 31 މެމްބަރުން ތިބޭއިރު 11 ބޭފުޅުންނަކީ މަޖިލިސް މެމްބަރުންނެވެ. މީގެ އިތުރުން އެ ކައުންސިލްގައި ތިއްބަވަނީ ވަގުތީ ރައީސް އައްޔަން ކުރައްވާ ތިން ޓެކްރޮނޯޓުން ނުވަތަ ފަންނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. މީގެ އިތުރުން ވަގުތީ ނާއިބު ރައީސް އައްޔަން ކުރާ ގޮތަށް ނިންމާފައި ވަނީ ވަގުތީ ކައުންސިލުންނެވެ.
ޕީޕީއެމްގެ އޮފިޝަލަކު "ހަވީރަ" ށް ވިދާޅުވި ގޮތުގައި ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބާއްވާ ޖަލްސާގެ ޖާގަ އަކީ 1100 މީހުންނެވެ.
"އެއީ އެ ތަނުގެ ޖާގަ އޮތްވަރު ހަމަ. އެތަނުގައި ބޫތުތަކާއި އެޑްމިނިސްޓްރޭޓިވް އެހެން މަސައްކަތްތައް ވެސް ކުރާނެ. އެހެންވީމަ 1100 އެއީ ހަމަ ޖާގަ އޮތްވަރު،" އޮފިޝަލް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ކުލަ އާއި ލޯގޯ ފާސްކުރާނެ އެވެ. އެ ގޮތުން ތިން ކުލަ އަކަށާއި ފަސް ލޯގޯ އަކަށް ވޯޓަށް އަހާނެ ކަމަށް އެނގިފައިވެ އެވެ. މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ އަށް ވެސް ވޯޓަށް އަހާނެ އެވެ.
އޮފިޝަލް ވިދާޅުވީ ޕީޕީއެމް އުފައްދާ ވަގުތީ ކައުންސިލަށް އިންތިހާބުކުރާ މީހުންގެ ތެރެއިން ހަތަރު ގޮނޑި ހާއްސަކޮށްފައި ވަނީ އަންހެނުންނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ