މައުމޫން އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން ނޫޅުއްވާ: ޕީޕީއެމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދޭހަވާ ގޮތަށް ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މައުމޫނަކީ ޖެނުއަރީ 2012 އިން ފެށިގެން ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެ ޕާޓީގެ ކޮންގްރެސް އިން ފަސް އަހަރަށް އިންތިޚާބު ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. "އެހެންކަމުން މި ޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް، މި ޕާޓީ ދޫކުރައްވައި އެހެން އެއްވެސް ޕާޓީއަކާ ނުވަތަ އެހެން އެއްވެސް ޕާޓީއެއްގެ އެއްވެސް މަގާމަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ކަމުގެ ޔަގީންކަން މި ޕާޓީގެ ލޮބުވެތި ހުރިހާ މެމްބަރުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ "އަދި މި ޕާޓީ އަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއަކަށް ވުން އެއީ މި ޕާޓީގެ ބަދަހިކަން އިތުރު ވެގެންދާ ކަމެއް ކަމުގައި ވެސް ދެންނެވީމެވެ." މައުމޫން އެހެން ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމުން ބުނިއިރު އެމަނިކުފާނު ޑީއާރުޕީއާ އަލުން ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. ޑީއާރުޕީ އަކީ މައުމޫން އެންމެ ފުރަތަމަ އުފެެއްދެވި ސިޔާސީ ޕާޓީ އެވެ. އަންނަ އަހަރު އޮންނަ ޑީއާރުޕީގެ ކޮންގްރެސްގައި ޒައީމުގެ ލަގަބު މައުމޫނަށް އަލުން އަރުވަން އެ ޕާޓީގެ ކައުންސިލުން މި މަހު ކުރީކޮޅު ވަނީ ނިންމައިފަ އެވެ. މައުމޫނަށް އެ ޕާޓީން އަރުވާފައިވާ ޒައީމުގެ ލަގަބު އުވާލީ، އޭޕްރީލް 2013 ގައި ބޭއްވި ޑީއާރުޕީގެ ކޮންގްރެސްގަ އެވެ. އޭރު ޑީއާރުޕީ ހިންގެވުމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އެވެ. އޭނާ ފަހުން ވަނީ އިދިކޮޅު އެމްޑީޕީ އަށް ވަޑައިގެންފަ އެވެ. ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަރަށް ފަހުން ވިދާޅުވެފައި ވަނީ އެ ޕާޓީ އުފެެއްދެވި ބޭފުޅަކީ މައުމޫން ކަމަށާއި ހާލަތު ނިޔާކުރި ގޮތުން މިހާރު އެހެން ޕާޓީއެއްގައި އެމަނިކުފާނު ހުންނެވި ނަމަވެސް "ދުއާ އަކީ ރައީސް މައުމޫން އަލުން ޑީއާރުޕީއާ އެކު ހުންނެވުން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ