ކޯޓު އަމުރާ ހިލާފުވުމުގެ އިޝާރާތެއް ސިފައިން ދިނުމަކީ ގައުމު ހަލާކުވުމުގެ އެންމެ ބޮޑު މަސައްކަތް: ގާސިމް
ރާއްޖޭގެ މަސްރަހާ ދޭތެރޭ ސިފައިން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް އަށް ފޮނުވި ލިޔުމުގައި ރިޔާސީ އިންތިޚާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ ހިލާފުވުމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށާއި އެއީ ގައުމެއް ހަލާކުވުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ގުޅުމުގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިފައިންގެ އޮފިސަރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ފޮނުވި ލިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް މާނަކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެ ކޯޓުގެ އަމުރަކާ ހިލާފުވުމުގެ ފުރުސަތު ރައީސަށް ވެސް އަދި ޗީފް އޮފް ޑިފެންސް ފޯސް އަށް ވެސް ލިބިގެން ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަކީ އެންމެ ފަހު ބަސް ކަމަށާއި އެކަން ބަދަލުކުރަން ބޭނުން ނަމަ ޖެހޭނީ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކަމަށެވެ. "ކޮންމެ މީހަކަށް ވެސް އެނގޭނެ މާތްﷲ ގަންދީ ހުވާކޮށްގެން ހުރެ ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނީ އަދި ދުސްތޫރީ މައްސަލަތަކުގެ ނިންމުން. ކޮމާންޑާ އިން ޗީފަށް ވެސް ސިފައިންނާއި ފުލުހުންނަށް، ވަކިވަކި އޮފިސަރުންނަށާއި، އަމުކުރެވޭނީ އާދެ، އެއީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަމުރުކުރެވެން މިއޮންނަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ. ގާސިމް ފާހަގަކުރެއްވި ގޮތުގައި އެންމެ މަތީ ކޯޓުގެ އަމުރަކާ ހިލާފުވުމުގެ އިޝާރާތެއް ކޮށްފައިވާ ޕެޓިޝަނެއްގައި ސިފައިންގެ "17 އޮފިސަރުން" ސޮއިކުރުމުން ހާމަވެގެންދަނީ ރާއްޖެ ބޭރުގެ ބައެއްގެ އަތްމައްޗަށް ދާ ކަން ކަމެވެ. އަދި އެކަމުން އެނގެނީ ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަތަރު އޮފިސަރަކު ސޮއިކޮށް ޗީފް އޮފް ޑިފެންސް ފޯސް އަށް ފޮނުވި ލިޔުމުގެ އިތުރުން އެހެން ލިޔުމެއް ނުވަތަ ޕެޓިޝަނެއް ވިޔަސް ޗީފަށް ފޮނުވާފައި ނުވާ ކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، 17 އޮފިސަރަކު ސޮއިކޮށް ޗީފަށް ފޮނުވި ލިޔުމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕެޓިޝަނެއް މިހާރު ދަނީ ފެތުރެމުންނެވެ. އަސްލު ލިޔުމުގައި ސޮއިކުރެއްވި އޮފިސަރުންގެ ތެރެއިން ސިފައިންގެ ތަރުޖަމާން ކާނަލް އަބްދުއްރަހީމް "ހަވީރަ"ށް ވިދާޅުވީ ޗީފަށް ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައި ވާނީ ހަތަރު އޮފިސަރެއް ކަމަށެވެ. އަދި އެ ލިޔުމުގައި ސޮއިކުރައްވާފައިވާ ހަތަރު އޮފިސަރުންގެ ފަހަތަށް 13 އޮފިސަރެއްގެ ނަން އިތުރުކޮށް ބަޔަކު ފޮޓޯ ކޮޕީއެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ މަހު ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށްދިނުމަށް އެދި އޭނާގެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި "މާ ލަހެއް ނުވެ ނަތީޖާއަކާ" ހަމައަށް ދެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އެ ކޯޓުގެ ހުކުމަކީ އެންމެ ފަހުގެ ހުކުމް ކަމަށެވެ. މިރޭ ވެސް ގާސީމް އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ކޯޓުގެ އަމުރާ ހިލާފަށް އިންތިޚާބު ނުބާއްވާނެ ކަމަށް ހުވާގެ މަތީގައި ހުންނަވައިގެން ކޯޓުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެ، އިންތިޚާބު ބާއްވާނެ ކަމަށް ޖެހިގެން އައި ދުވަހު ވިދާޅުވުމުން އިންތިޚާބުގައި ހުރި "ނަޖިސްކަން" ހާމަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ