ސަލްމާން ޕްރޮޑިއުސްކުރާ "ހީރޯ"އަށް ކާމިޔާބު ލިބިދާނެތަ؟
ސޫރަޖް ޕަންޗޯލީ އާއި އަތިޔާ ޝެޓީގެ "ހީރޯ" މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމު އިޝްތިހާރުކުރުމަށް ޕްރޮޑިއުސަރެއްގެ ހަސިއްޔަތުން ސަލްމާން ޚާން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ސަލްމާންގެ މަސައްކަތުން ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމަށް ފުދޭވަރަކަށް ލިބިފައިވާ ކަމަށް ބެލެވެ އެވެ. އެހެންކަމުން ފިލްމީ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ލަފާ ކުރަނީ ފިލްމުގެ ފެށުން ރަނގަޅުވާނެ ކަމަށެވެ. ސަލްމާންގެ ސަލްމާން ޚާން ފިލްމްސް (އެސްކޭއެފް) ގެ އުފެއްދުމަކަށްވާތީ ފިލްމުގެ ވިޔަފާރި ބޮޑަށް ބިނާވާނީ ސަލްމާންގެ މަޝްހޫރުކަމާ އެވެ. ފިލްމު އެގްޒިބިޓާ އަދި ޑިސްޓްރިބިއުޓަރެއް ކަމަށްވާ އަކްޝޭ ރާތީ ބުނި ގޮތުގައި ސޫރަޖާއި އަތިޔާއަކީ މުޅިން އާ ތަރިންނަށް ވިޔަސް އެމީހުން ލޯންޗުކޮށްދެނީ ސަލްމާނަށް ވާތީ ފިލްމާ ބެހޭ ގޮތުން ފުދޭވަރެއްގެ އަޑުތަކެއް އެބަހުއްޓެވެ. އެހެންކަމުން އޭނާ ލަފާ ކުރަނީ ފިލްމުގެ ފުރަތަމަ ޝޯތަކަށް އެކަށީގެންވާ ރަނގަޅު ވިޔަފާރިއެއް ވާނެ ކަމަށެވެ. ފުރަތަމަ ދުވަހު 6-6.5 ކްރޯޑު (60-65 މިލިއަން ރުޕީޒް) ލިބުނަސް އޭނާ ހައިރާން ނުވާނެ ކަމަށް ވެސް ޑިސްޓްރިބިއުޓަރު ބުންޏެވެ. ފިލްމު އޭގެ ޒާތުގައި ވެސް މޮޅުކަމަށާއި ލަވަތައް ވެސް ވަރަށް ރީތިކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު މަދު ނުވާނެކަމަށް ޑިސްޓްރިބިއުޓަރު ލަފާ ކުރެ އެވެ. "އަހަންނަށް ހީވަނީ ފިލްމަށް މުޅިއެކު 45-50 ކްރޯޑު (500-450 މިލިއަން ރުޕީޒް) ވަރު ލިބޭނެކަމަށް. އެއީ ބެލުންތެރިންނަށް ފިލްމާ ގަޔާ ވެވިވެއްޖެނަމަ. ލަފާ ކުރެވެނީ އެހެން އެކަންތައް ވާނެކަމަށް،" އަކްޝޭ ބުންޏެވެ. ފިލްމު އުފެއްދުމަށް ދިޔަ ޚަރަދާއި ޚަރަދު ފޫބައްދަން ލިބެން ޖެހޭ ފައިސާގެ އަދަދާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަކްޝޭ ބުނީ ފިލްމު ޕްރޮޑަކްޝަން މަސައްކަތަށް ދިޔައީ ގާތްގަނޑަކަށް 18-20 ކްރޯޑު (180-200 މިލިއަން ރުޕީޒް) ކަމަށެވެ. އަދި އިޝްތިހާރުކުރުމަށާއި އެހެނިހެން ޚަރަދުތަކަށާއެކު ޚަރަދުވެފައި ވަނީ 26-27 ކްރޯޑު (270-260 މިލިއަން ރުޕީޒް) ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ މާބޮޑުނޫން އާދައިގެ ވަރެއްގެ ބަޖެޓެކެވެ. ފިލްމުގެ ސެޓެލައިޓް ރައިޓްސް ރަނގަޅު އަގެއްގައި ވިއްކާލެވޭނެ ކަމަށް ޑިސްޓްރިބިއުޓަރު ގަބޫލުކުރެ އެވެ. އެހެންކަމުން ފިލްމު ސިންގަލް ސްކްރީނުތަކުގައި އެކަނި ފުދޭވަރަކަށް ހިނގިޔަސް ކާމިޔާބު ފިލްމަކަށް ވާނެ އެވެ. އަދި މަލްޓިޕްލެކްސްތަކުގައި ރަނގަޅަށް ހިނގައިފިނަމަ ހީވެސް ނުކުރާ ވަރުގެ ނަތީޖާއެއް ފިލްމަށް ނެރެވޭނެ ކަމަށް އޭނާ ލަފާ ކުރެ އެވެ. އެހެންކަމުން އަކްޝޭ ލަފާ ކުރަނީ ފިލްމު ރަނގަޅަށް ހިނގާ ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށެވެ. މިހާރު "ވެލްކަމް ބެކް" ރިލިޒްވިތާ ހަފުތާއެއް ވެފައިވާއިރު "ހީރޯ"އާ ވާދަ ކުރާނެ ފިލްމެއް ވެސް ހުކުރު ދުވަހު ނުކުންނާކަށް ނެތެވެ. އަދި ކަންގަނާ ރަނާވަތާއި އިމްރާން ޚާންގެ "ކައްޓީ ބައްޓީ"ވެސް ނިކުންނާނީ އަދި ހަފުތާއެއް ފަހުންނެވެ. އެހެންކަމުން "ހީރޯ"އަށް އެއްވެސް ވާދަވެރިއަކު ނެތި ހަމަޖެހިލައިގެން ބޮކްސް އޮފީސް ފަތަހަ ކޮށްލަން ހަފުތާއެއް ލިބޭނެ އެވެ. އަދި "ކައްޓީ ބައްޓީ" ރިލިޒްކުރުމަށް ފަހު ވެސް "ހީރޯ"ގެ ދުވެލި މަޑު ނުވާނެ ކަމަށް އަކްޝޭ ލަފާ ކުރެ އެވެ. ސަބަބަކީ މި ދެ ފިލްމަކީ ވަރަށް ތަފާތު ދެ ވައްތަރެއްގެ ފިލްމަށް ވާތީ ދެ ފިލްމު ބަލާ އޯޑިއަންސް ވެސް ތަފާތުވާނެތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ