ރާއްޖޭގައި މަރުގެ އަދަބު އަލުން ތަންފީޒުކުރަން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް: ޑރ. ޝަހީދު
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި، ރާއްޖޭގައި އެންމެ ފަހުން މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި ތާރީހަށް އިޝާރާތްކުރައްވައި ވިދާޅުވެފައި ވަނީ 60 އަހަރަށް ފަހު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށެވެ. One of d biggest mistakes @presidencymv can make is re-introduce d death penalty after a 60 yr moratorium @MDVForeign @CHRI_INT @DPInfoCtr — ahmed shaheed (@ahmedshaheed) December 12, 2015 ޝަހީދުގެ ޓްވީޓް ޝަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް މީހުން މަރަން ހުކުމް ކުރިޔަސް އެ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމެވި ނިންމެވުމަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ލީޑަރަކު ނިންމެވި ރަނގަޅު އެއް ނިންމުން ކަމަށެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، މިދިޔަ އަހަރުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި މަރުގެ ހުކުމްތައް އޮޓަމެޓިކުން އިސްތިއުނާފް ކުރެވޭ އުސޫލެއް ވެސް މިހާރު ގާއިމްކޮށްފައިވާއިރު އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަން ހުކުމް ކުރެވޭ މީހުންގެ މަރުގެ އަދަބު ރައީސަށް ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އިސްތިއުނާފް މަރުހަލާތައް ނިމުމުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ކުރިން ވަނީ ވިދާޅުވެފަ އެވެ. މަރަން ހުކުމްކޮށްފައި ތިބި 10 ވަރަކަށް މީހުން ތިބި ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން އެއްވެސް މައްސަލައެއްގެ އިސްތިއުނާފް މަރުހަލާ ނިމިފައެއް ނުވެ އެވެ. ޝަހީދު މީގެކުރިން ވަނީ އީރާނުގައި މަރުގެ އަދަބު ދޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޝަހީދަކީ އީރާނަށް ކަނޑައަޅާފައިވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އެބްސެޑަރު ކަމަށްވިޔަސް ޝަހީދަށް އެ ގައުމަށް ވަޑައިގަތުމުގެ ފުރުސަތު އެ ގައުމުން ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ