އިމްރާންގެ ބަންދު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެކަން ސުޕްރީމް ކޯޓަށް ހުށަހަޅަން އިމްރާންގެ ވަކީލުން ނިންމައިފި އެވެ. އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ. އެ ނިންމުން އިމްރާންގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމީ ރެޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވި އެވެ. އިމްރާންގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަކީ އިމްރާންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެފަދަ ނިންމުންތައް އިސްތިއުނާފީ ކޯޓަށް ރިވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އިމްރާންގެ ބަންދު އަމުރުގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާއިރު މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އިމްރާން ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު އަލުން ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރަން އިސް ގާޒީ އަބްދުﷲ މުހައްމަދު އަމުރު ކުރައްވާފައި ވަނިކޮށް، ޖެހިގެން އައި ދުވަހު، އޭނާ އަލުން ޖަލު ބަންދަށް ގެންދަން އަމުރުކުރެއްވީ ގާޒީ އަބްދުލްބާރީ ޔޫސުފް އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ