ކްލަބް މޯލްޑިވްސް ކަޕުގެ މީޑިއާ ޕާޓްނަރަކަށް ހަވީރު
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕުގެ މީޑިއާ ޕާޓްނަރަކަށް، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދުވަހު ނޫހާއި އޮންލައިން ނޫސް ހިންގާ "ހަވީރު" ހަމަޖައްސައިފި އެވެ. އެފްއޭއެމް ހައުސްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ހަވީރުގެ ފަރާތުން ކްލަބް މޯލްޑިވްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ހަވީރުގެ މެނޭޖަ، ސޭލްސް އެންޑް މާކެޓިން ޝައްމޫން އަފީފެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މޫސާ ރަމީޒް (ރަމީ) އެވެ. ޝައްމޫން ވިދާޅުވީ ޒުވާނުންގެ މެދުގައި ބާއްވާ ބޮޑު ކުޅިވަރު ހަރަކާތުގައި "ހަވީރު"ން ބައިވެރިވާން ނިންމީ ކުޅިވަރާއި ޒުވާނުން ޝާމިލްވާ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސް ދެމުން އަންނަ "ހަވީރު"ގެ، އިސް އޮފިޝަލް ވިދާޅުވީ ކްލަބް މޯލްޑިވްސް ކަޕް ފޯރިގަދަކަމާ އެކު ކުރިއަށް ގެންދިއުމަށް ރަނގަޅު މީޑިއާ ކަވަރޭޖެއް "ހަވީރު"ން ދޭނެ ކަމަށާއި އަބަދުވެސް ކުޅިވަރުގެ މިފަދަ އިވެންޓްތަކަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. ޝައްމޫން (ކ) އާއި ކްލަބް މޯލްޑިވްސްގެ އޮފިޝަލަކު އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: އިމޭޖަސް އެމްވީ ރަމީ ވިިދާޅުވީ މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް މީޑިއާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އަބަދުވެސް ލިބޭ ކަމަށާއި އެހެން އަހަރުތަކަށް ވުރެ މި ފަހަރު މުބާރާތަށް ބޮޑު ކަވަރޭޖަށް ލިބިގެންދާނެ ކަމަށެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސިއިރު، އޮންލައިން ޕާޓްނަރަކަށް ހަމަޖެއްސީ މޯލްޑިވްސޮޮކާ ޑޮޓް ކޮމް އެވެ. އަދި އޮފިޝަލް ފޮޓޯގްރަފީ ޕާޓްރަނަކީ އިމޭޖަސް ޑޮޓް އެމްވީ އެވެ. ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ މާޗް މަހުގެ 14 އިން އޭޕްރީލް 18 އަށެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ފިރިހެން ޑިވިޝަންގައި 36 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްބޯލް ފިއެސްޓާގައި ވާދަކުރާނީ 16 ޓީމެވެ. ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ މެޗެއްގެ ތެރެއިން. --ހަވީރު ފައިލް ފޮޓޯ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޓައިޓަލް ސްޕޮންސަރުން ނަކީ ނެސްލޭ ކުންފުނީގެ އުފެއްދުމެއްކަމަށްވާ މައިލޯ އެވެ. އަދި މުބާރާތުގެ ސްޕޯޓްސް ޕާޓްނަރެއްގެ ގޮތުގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ހަމަޖައްސާފަ ވަނީ ސޮނީ ސްޕޯޓްސް އެވެ. މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ބަލިކުރުމަށްފަހު ހޯދީ އެސްޓީއޯ އިންނެވެ. އަދި 18/30 ވިމެންސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކުލަބް ބަލިކޮށް ދިވެހި ސިފައިންގެ ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ