ޑިމޮކްރަސީ ފުރިހަމަ ކުރުމަށް މިހާރުއޮތް މަގަކީ ވެރިކަމަށް ވަޑައިގަތުން: ގާސިމް

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ގެނެއުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޑިމޮކްރަސީ ފުރިހަމަ ކުރުމަށް މިހާރުއޮތް މަގަކީ ވެރިކަމަށް ވަޑައިގަތުންކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަށް ވެރިކަމަށް އަންނަން މަޖުބޫރުވެގެން އުޅޭސަބަބަކީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކުރުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކެއްގެ ސަބުބުން ކަމަށާއި "ކެނޑި ކަނޑުލުގެ ހިތި ފިލުވަން" އެމަނިކުފާނަން މަޖުބޫރުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވެރިކަން ބޭނުންވެގެން މިއުޅުއްވަނީ އެމަގާމުން ލިބޭ އެއްލަ ރުފިޔާއަށް ނޫން ކަމަށާއި ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ހިދްމަތްކޮށް ރާއްޖެ ތަރައްގީކުރުން ކަމަށެވެ.
"އަޅުގަނޑަށް މަޖުބޫރުވެގެން މިއުޅެނީ މިހުރިހާ ކަމެއް ކުރެވިފައި އޮތުމުން. (ކެނޑި ކަނޑުލުގެ ހިތި ފިލުވަންޖެހުން) އަޅުގަނޑު ސާބިތު ކަމާއެކު ދަންނަވަން ތިޔަ ބޭފުޅުން އަޅުގަނޑާ އެމަސްއޫލިއްޔަތު ހަވާލުކޮށްދީފިވިއްޔާ ދިވެހި ރައްޔިތުންނަށް ރޯޝަނީކަން ގެނެސްދޭނަން، އެއްލައްކަ ރުފިޔާގެ މުސާރަ ހޯދާކަށް ނޫން އަޅުގަނޑު މިއުޅެނީ އަޅުގަނޑަށް ވަނީ މި ދައުލަތު ދަށުގައިވާ އެއްވެސް މީހަކަށް ދެއްވި އެންމެ މަތީ ނިއުމަތް ދެއްވާފައި،" ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުން އެމަނިކުފާނު ވަކިކުރަން ބަޔަކު މީހުން ރާވަމުން އެގެންދަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފާނެ ކަމުގެ ބިރައްޓަކާ ކަމަށެވެ. އަދި ގާސިމް ޖޭއެސްސީގެ މެމްބަރުން ކަމަށް މަޖިލީހުން ހޮވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މެމްބަރު އަލްމަރުހޫމް ޑރ.އަފްރާޝީމް އަލީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޭފުކުރުމަށްފަހު ކަމަށާއި އޭގެ ކުޑަދުވަސްކޮޅެއް ފަހުން ވަރަށް އަނިޔާވެރި ގޮތަކަށް ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައިވާ ކަމަށެވެ. އަދި މަޖިލީހުގައި މިހާރު އެމަނިކުފާނުގެ ޖޭއެސްސީގެ މެމްބަރު ކަމުގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުންވެސް އެބައޮތްކަމަށާއި ޑރ.އަފްރާޝީމްއަށް އަވަހާރަކޮށްލި ގޮތަށް އެމަނިކުފާނުވެސް އަވަހާރަކޮށްލުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް އެކަމާ އެއްވެސް ބިރެއް އަދި ޖެހިލުމެއްވެސް ނުވާކަމަށެވެ. އެގޮތަށް ގާސިމް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީރާނާވެ މާލޭގެ އަމަންއަމާންކަން ގެއްލި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި އުޅޭތީ ޖޭޕީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ ދެއްކެވި ވާހަކަފުޅާވެސް ގުޅިގެންނެވެ.
އިތުރަށް ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ އަމަންއަމާންކަން ގާއިމުކޮށްދޭނެ ކަމަށާއި ކުށްވެރިން ކުރާކުށްތައް ތަހުގީގު ކުރުމަށް ޒަމާނީ ވަސީލަތްތައް ފުލުހުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި އެކިއެކި ކަންކަން ޖޭޕީގެ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެ ކަމަށްވެސް ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ