ގާސިމް ދިއްދޫއަށް ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުތުރުބުރީ ދިއްދޫއަށް މިއަދު ވަޑައިގެންފިއެވެ.
ގާސިމް އިބްރާހީމް މިއަދު ހަވީރު ދިއްދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ގާސިމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސަގާފީ ހަރަކާތްތަކުގެ ތެރޭގައި، ރައްޔިތުން ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯއަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެމަނިކުފާނު ދިއްދޫ ރައްޔިތުން ކައިރިއަށް ވަޑައިގަތީތީ ޝުކުރު ދަންނަވާފައެވެ.
ދިއްދޫއަށް ގާސިމް ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނު ވަނީ އެރަށު އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ގުރުއާން ކުލާހުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި ގާސިމް އިބްރާހީމް ވިދާޅުވީ ޖަމިއްޔާއަކުން އިސްނަގައިގެން ކުޑަކުދިންގެ ހިތްތަކުގައި އިސްލާމް ދީން އަށަގެންނެވުމަށް މިފަދަ އަގުހުރި މަސައްކަތެއް ކުރީތީ އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިއަދު ބިންގާ އެޅުނު އާ އިމާރާތުގެ މަސައްކަތަށް އެހީތެރިކަމަކަށް އެމަނިކުފާނުގެ އަރިހުން އެދިފައިވާތީ އެކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެރަށު ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ގާސިމް ވަނީ ދިއްދޫ ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކުރެއްވުމުގެ އިތުރުން ހއ. އަތޮޅު ހޮސްޕިޓަލަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ