ހުޅުމާލޭ އާ ޕްރީ ސްކޫލް ހިންގާނެ ބަޔަކު އަދިވެސް ނުވޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭގައި މިދިޔަ މަހު ހުޅުވި އާ ޕްރީ ސްކޫލު ހިންގަން ބަޔަކާ އަދިވެސް ހަވާލުކޮށްފައި ނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. ހުޅުމާލޭގައި މީގެ ކުރިން ސަރުކާރުން ހިންގަމުން އައި ޕްރީ ސްކޫލުގެ އެގްރީމެންޓް މިދިޔަ މަހުގެ 31ގައި ވަނީ ހަމަވެފަ އެވެ. އެ ސްކޫލުގައި ކިޔެވި ކުދިންނަށް އާ ސްކޫލުން ޖާގަ ލިބޭނެ ކަމަށް ބުނެފައި ވިޔަސް، އާ އަހަރުގެ ކިޔެވުން ފެށެން ހަތަރު ދުވަހަށް ވީއިރު، އެ ސްކޫލް ހިންގުން ބަޔަކާ ހަވާލުކޮށްފައި ނުވާތީ ބެލެނިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. "ހަވީރާ" ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނިގޮތުގައި އަންނަ އާދިއްތަ ދުވަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ދަރިވަރުން ދާނެ ސްކޫލެއް ހަމަޖެހިފައި ނެތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. "އެ ސްކޫލަށް ކިޔާ ނަމެއް ވެސް ނޭނގޭ. ޔުނީފޯމެއް ވެސް ފަހާކަށް ނޭނގޭ. އަޅުގަނޑުމެންނަކަށް ދެން ހަދާނެ އެއްވެސް ގޮތެއް ނޭނގޭ،" ބެލެނިވެރިއަކު ބުންޏެވެ. އެޗްޑީސީން ސްކޫލް ހެދުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ސްކޫލު ހިންގަން ފަސް ފަރާތަކުން ބިޑު ވެސް ހުށަހެޅި އެވެ. އެކަމަކު އެކަށީގެންވާ ބަޔަކު ކުރިމަތި ނުލާކަމަށް ބުނެ އެ ބިޑުތައް މިނިސްޓްރީން ކެންސަލްކުރީ އެވެ. ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ކުރީގެ ޕްރީ ސްކޫލު ހިންގި ފަރާތް ވެސް ހިމެނެ އެވެ. ހުޅުމާލޭ ނެއިބަހުޑް ވަންގައި އަޅާފައިވާ ސްކޫލު ވަކި ފަރާތަކާ ހަވާލުކުރެވެންދެން، ކުރީގެ ސްކޫލްގައި ކިޔެވުން ކުރިއަށް ގެންގޮސްދޭން އެތަން ހިންގި ފަރާތުގެ ކިބައިން މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމަކު އެ ފަރާތުން ދެކޮޅު އެކަމާ ހަދާ ކަމަށް ވެސް އެނގިފައި ވެ އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން މި މައްސަލާގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހުޅުމާލޭ ޕްރީ އާ ސްކޫލަށް 200 އަށް ވުރެ ގިނަ ކުދިން ދާނެ ކަމަށް ބެލެވެ އެވެ. އެޗްޑީސީން އާ ޕްރީ ސްކޫލެއް ހެދީ ކުރިން ހިންގި ޕްރީ ސްކޫލްގައި އަލިފާން ރޯވެ އެނދުމާ ގުޅިގެންނެވެ. އެ ކުންފުނިން ބުނީ އެތަނުން ހަމައެކަނި ކުރީ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ނިންމައި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެޗުޑީސީގެ ދައުރަކީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ކަމަކަށް ފެސިލިޓޭޓް ކޮށްދިނުން ކަމަށް ބުންޏެވެ. ހުޅުމާލޭގައި އިތުރު ފަސް ވަރަކަށް ޕްރީ ސްކޫލް އަމިއްލަ ފަރާތްތަކުން ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ