ތައުލީމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ނައިފަރު އަބްދުﷲ އަލީ އަވަހާރަވެއްޖެ

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ޚާއްޞަކޮށް، ނައިފަރު މަދްރަސަތުލް އިފްތިތާޙަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ނައިފަރު ތަންހަޅިގޭ ޢަބްދުﷲ ޢަލީ އަވަހާރަވެއްޖެ އެވެ.
ޢަބްދުﷲ ޢަލީ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ، ލަންކާ ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.
ޢަބްދުﷲ ޢަލީއަކީ މަދްރަސަތުލް އިފްތިތާޙަށް ވަރަށް ގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ މަދްރަސާއަށް 64 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވިއިރު، އެ މަދަރަސާގެ މުދައްރިސް ކަމާއި، ނާޒިރުގެ ނައިބު ކަމާއި، ނާޒިރު ކަމުގެ މަޤާމާއި، މުރުޝިދު ކަމުގެ މަޤާމުވެސް ފުރުއްވާފައިވެ އެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމުގެ ޚާއްޞަ އެހީތެރިޔާގެ މަޤާމުގައި ހުންނަވައިގެން ވެސް އެ މަދްރަސާއަށް ޚިދްމަތް ކުރައްވާފައިވެ އެވެ.
މި ދިގު މުއްދަތުގެ ތެރޭގައި، އެ މަދްރަސާގެ ކުރިއެރުމަށާއި ތަރައްޤީއަށް ޢަބްދުﷲ ޢަލީ ކޮށްދެއްވާފައިވާ ޚިދްމަތްތަކާއި މަސައްކަތްޕުޅުތަކަކީ، އެ މަދްރަސާގެ ތާރީޚުގައި ވެސް ފާހަގަވެގެންދާނެ ޚިދްމަތްތަކަކާއި މަސައްކަތްޕުޅުތަކެކެވެ. އެތައް ގިނަ ދަތިތަކެއް ކުރިމަތިވެގެން، މަދްރަސާ ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެންދިޔަ ދުވަސްވަރުވެސް މަދްރަސާ ހުއްޓާނުލައްވައި، ހިތްވަރާއެކު މަސައްކަތް ކުރައްވައި، މަދްރަސާ ކުރިއަށް ގެންދަވާފައިވެއެވެ.
ރާއްޖޭގެ ތަޢުލީމަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1981 ވަނަ އަހަރު ޢަބްދުﷲ ޢަލީއަށް ވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ އިނާމުވެސް އޭނާއަށްވަނީ 1990 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
ޢަބްދުﷲ ޢަލީއަކީ ނައިފަރު ކުޑަކަތީބުކަން ވެސް ވަރަށް ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލިޔުންތެރިއެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ