ޔާމީނަށް ވޯޓު ދެއްވުމަށް ގާސިމް އާދޭހާއެކު ގޮވާލައްވައިފި

14-11-2013 00:09 ޔާމީން: ނަޝީދުގެ ޓާގެޓަކީ 53 ޕަސެންޓް ހޯއްދެވުން. އަޅުގަނޑުމެންގެ ޓާގެޓަކީ 55 ޕަސެންޓް ހޯދުން. 13-11-2013 23:52 ޔާމީން: ވަރަށް ގިނަ ޕާޓީތަކެއް އަޅުގަނޑުމެންނާ ގުޅިއްޖެ. އެ ހުރިހާ ފަރާތްތަކެއް ވެސް، އަދި ގާސިމް ވެސް ޑިސެޕޮއިންޓް ނުވާ ވަރަށް ސަރުކާރުގައި ހިއްސާ ވެވޭނެ 13-11-2013 23:51 ޔާމީން: އަޅުގަނޑުމެން މަސައްކަތް ކުރާނަން. ފަަހަރެއްގައި ވެސް ދެވަނަ ބުރު ފަސޭހައެއް ނުވާނެ. 13-11-2013 23:50 މައުމޫން: ޖުމްހޫރީ ޕާޓީއާ އެކު އެއްބަސްވެފައި އޮންނާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކައުންސިލް އިންތިހާބާއި އަދި މަޖިލީހުގެ އިލެކްޝަންގައި ވެސް މަޝްވަރާ ކުރެވިގެން ދެ ފަރާތުން އެއްބާރުލުން ދިނުމަށް. ޖުމްހޫރީ ޕާޓީން ޑިމާންޑްތަކެއް ކޮށްފައެއް ނެތް. ކުރިއަށް އޮތް ތާނގައި ސަރުކާރު އުފެއްދީމަ އަޅުގަނޑުމެން ކުރިއަށް ދާނީ ޖުމްލަ ގޮތެއްގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާ ގުޅިގެން މަޝްވަރާ ކޮށްގެން. 13-11-2013 23:47 ގާސިމް: ޔާމީންގެ ވެރިކަމެއްގައި ވެސް ގާނޫނާއި ގަވައިދާ ހިލާފަށް ކަމެއް ކުރަންޏާ އެކަން ހުއްޓަވަން އަޅުގަނޑު މަސައްކަތް ކުރައްވާނަން. އަނެއްކޮޅުން ޔާމީނާއި ނަޝީދާ ދެ ބޭފުޅުންނަކީ ވެސް ވަރަށް ތަފާތު ދެ ބޭފުޅުން. ޔާމީން އެހެން ނުވާނެ ]ނަޝީދު ފަދައިން މިސްޓޭކް ހައްދަވާ ބޭފުޅަކަށް[ ނުވެސް ވާނެ. އެއްވެސް ބޭފުޅަކު މާޔޫސްވެ ވަޑައިގަންނަވާނެ ކަމެއް ނެތް. 13-11-2013 23:46 ގާސިމް: ޔާމީނާއި އަޅުގަނޑާ ދެ މީހުންނަށް ލިބުނު ދެ ބުރުުގައި ވެސް ލިބުނު ވޯޓު ނަޝީދަށް ވުރެ އިތުރު، އެހެންވެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް 13-11-2013 23:41 ނޫސްވެރިންނަށް ފުރުސަތު ހުޅުވާލައިފި 13-11-2013 23:41 ގާސިމް: އަޅުގަނޑަށް މިދިޔަ ދެބުރުގައި ވެސް ވޯޓު ލެއްވި ހުރިހާ ބޭފުޅުންނަށް ވެސް ދަންނަވަން އޮތީ ތިޔަ ބޭފުޅުންގެ ހިތުގައި ނުތަނަވަސް ކަމެއް އޮވެދާނޭ. ތިޔަބޭފުޅުން އަޅުގަނޑަށް ދެ ފަހަރު ވޯޓު ލައްވައިގެން ވެސް ނުހޮވުނު. އެކަމަކު އަޅުގަނޑު ނުހޮވުނަސް މާޔޫސް ނުވާށޭ. ގާސިމެއް ނޫން މުހިންމީ. ގައުމު މުހިންމީ. ބައެއް މީހުން އެބަ ބުނޭ ޔާމީނެއް ތިމަންނަމެން ނުދަންނަމޭ ގާސިމޭ ދަންނަނީ. އެކަމަަކު އަޅުގަނޑު މި ދަންނަވަނީ އެހެން ނުހައްދަވާށޭ، ގައުމަށް ޓަކައި އަދި އަޅުގަނޑާ ދޭތެރޭ ޖަޒުބާތުގައި ޖެހިގެން، ވޯޓު ނުދެއްވައި ނުތިއްބަވާ ﷲ ގަންދީ މި ދަންނަވަނީ އަޅުގަނޑުގެ ހިތުގައި އެއްވެސް އެއްޗެއް ނެތޭ، އަބްދުﷲ ޔާމީނަށް ވޯޓު ދެއްވާށޭ. ތަކުރާރުކޯށް މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ލޯތްބެއް އޮތް ނަމަ ޔާމީނަށް ވޯޓު ދެއްވާށޭ. އެއީ މި ވަތަންގެ ކުރިއެރުމަށް ޓަކައި. އެއީ އަޅުގަނޑުގެ އަނބިދަރިން ކަމަށް ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ކަމަށް ވިޔަސް. 13-11-2013 23:35 ޑރ. ޖަމީލް: ޔާމީނާއި ގާސިމާއި އަޅުގަނޑުމެން ތިން މީހުންނަކީ ވެސް ނަޝީދުގެ ސަރުކާރުން ހައްޔަރު ކުރި ތިން މީހުން. މިއީ ކުޑަ އިއްތިފާގެއް. ގާސިމަކީ އެމްޑީޕީގެ ސަރުކާރުގައި ވެސް ގޮތެއްގައި ހުންނެވި ބޭފުޅެއް. އަޅުގަނޑުމެން ގާއިމްކުރާނީ އެއްބައިވަންތަ ސަރުކާރެއް. ރައްޔިތުން އެއްބައިކުރުވާނެ ސަރުކާރެއް. އެމްޑީޕީގެ ފިކުރުގައި ހުރި ދިވެހި ރައްޔިތަކަށް ވިޔަސް، އަޅުގަނޑުމެން ވެރިކަން ކުރާނީ ހުރިހާ ރައްޔިތުންގެ ހިމާޔަތް ކުރަން. މިފެންނަ އެކުވެރިކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާއިމްކުރާނަން. އެއްވެސް ފިކުރެއް ތަފާތުވީތީ އަޅުގަނޑުމެން އެ މީހަކު ތަފާތެއް ނުކުރާނަން. 13-11-2013 23:29 މައުމޫނާއި ޔާމީން އަދި ގާސިމް މިރޭގެ ނިއުސް ކޮންފަރެންސްގައި 13-11-2013 23:27 ޔާމީން: ގާސިމްގެ ނިންމެވުމަކީ އެއްގޮތަކަށް ވެސް ގެއްލުމެއް ނުވާނެ. ކުރިން ގާސިމް ކުރެއްވި ހިތި ތަޖުރިބާ އަޅުގަނޑުމެންނާ އެކު ކުރަން ނުޖެހޭނެކަން ކަށަވަރުކޮށް އަރުވަން. 13-11-2013 23:26 ޔާމީން: ގާސިމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން ޖެހުނީ މިދިޔަ 10-15 އަހަރުގެ ތެރޭގައި އެމަނިކުުފާނު ހޯއްދެވި ކާމިޔާބުގެ ސަބަބުން. އަދި ރާއްޖޭގެ ހަރު މުދާ ވިއްކުމާ ދެކޮޅު ހައްދަވާފައިވާތީ. އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅަކަށް ވާތީ. ނާތަހުޒީބު ކަންތައްތަކާ ދެކޮޅު ބޭފުޅަކަށް ވާތީ. 13-11-2013 23:24 ޔާމީން: މިއީ ތާރީހީ ނިންމެވުމެއް. އަޅުގަނޑަކަށް ހައިރާންކަމެއް ނުލިބޭ މި ނިންމުމަކުން. ސަބަބަކީ އަޅުގަނޑުމެންގެ ފިކުރާ އެއްގޮތް ބޭފުޅުން ޖޭޕީގައި ތިއްބެވީމަ. ހާއްސަކޮށް ގާސިމްގެ. ގާސިމަށް ޝުކުރު ދަންނަވަން. ޖުމްހޫރީ ޕާޓީ ގުޅުމުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް މިހާރު ޕީޕީއެމާ މި ގުޅުނީ. 13-11-2013 23:20 މައުމޫން: އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ޖުޑީޝަރީއަށް ވަރަށް ބޮޑަށް ވިސްނާނަން. ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރަން ޖެހޭ. އެކަމަކު ރާއްޖޭގެ ޖުޑީޝަރީން މިހާތަނަށް ސާބިތު ކޮށްދެއްވާފައި ވަނީ، ހާއްސަ ކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ސާބިތުކޮށްދެއްވާފައި ވަނީ ވަރަށް ހިތްވަރާއި ސާބިތުކަމާއި އިހުލާސްތެރިކަމާ އެކު. އެ ބޭފުޅުން އެގޮތުގައި ދެމިތިއްބެވުމަށް، ގާނޫނުއަސާސީގައި ބުނާ ގޮތަށް ދީނުގައި އަންގަވާފައިވާ ގޮތަށް އެކަން ކުރުމަށް އިލްތިމާސް ދަންނަވަން. 13-11-2013 23:17 މައުމޫން: އަޅުގަނޑުގެ އިތުރު އެއްވެސް ބޭނުމެއް ނެތް ރައީސްކަން އިތުރަށް ކުރާކަށް. އަޅުގަނޑު ހުންނާނީ ޕީޕީއެމްގައި. އިތުރު އެއްވެސް ކުރާކަށް ބޭނުމެއް ނޫން. 13-11-2013 23:13 13-11-2013 23:12 މައުމޫން: ރައީސް ވަހީދަށް ޝުކުރު ދަންނަވަން. ނޮވެމްބަރު 11 ގައި އެމަނިކުފާނަށް އިސްތިއުފާ ދެއްވުމަކީ އެމަނިކުފާނަށް އޮތް އިހުތިޔާރެއް. އެގޮތަށް ނިންމެވި ނަމަ އެމަނިކުފާނުގެ އިސްތަށިފުޅަށް ވެސް ފަސޭހަވީސް. އެހެން ނަމަވެސް ގައުމަށް ޓަކައި އެމަނިކުފާނު މަޑުކުރެއްވި ކަމަށް ޓަކައި ޝުކުރު ދަންނަވަން. އެގޮތަށް މަޑުކުރެއްވުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް. އެގޮތަށް ނިންމެވުމަކީ އެމަނިކުފާނު ގައުމާ ދޭތެރޭ އޮތް އިހުލާސްތެރި ކަމެއް. އެކަމާ ދޭތެރޭ އެއްވެސް އެއްޗެއް ނުބުނެވޭނެ. 13-11-2013 23:09 މައުމޫން: މިއަދު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި. އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއާ ގުޅިގެން އިތުރު ކަންތައްތަކެއް ކުރުމަށް މެންޑޭޓް ކުރެވުނު. އެ ހުށަހެޅުން ގާސިމަށް ހުށަހެޅިން. އެ މައްސަލަ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ގާސިމް ހުށަހެޅުއްވި. 13-11-2013 23:07 މައުމޫން: ޔާމީނަށް ތާއީދުކުރައްވަން ނިންމެވުމުން ގާސިމަށާއި ޖޭޕީގެ ކައުންސިލަށް ޝުކުރު ދަންނަވަން. ގާސިމް އަބަދުވެސް ބައްލަވަމުން އައީ ގައުމީ މަސްލަހަތު. މިއަދުގެ ނިންމެވުމަކީ ވެސް ގާސިމް ގައުމީ ހިދުމަތަށް އޮތް ޝައުގުވެރިކަން ދައްކުވައިދިން ކަމެއް. 13-11-2013 23:04 ގާސިމް: އާދޭހާ އެކު މި ދަންނަވަނީ އަޅުގަނޑު އެ ބޭފުޅަކަށް ކަމެއް ކޮށްދެވިފައި އޮތް ނަމަ ޔާމީނަށް ވޯޓު ދެއްވަން އެދެން. އެއީ ފަހަރެއްގައި ވެސް އޭގެ ބަދަލެއް ދިނުމުގެ ގޮތަކުން ނޫން. ގައުމަށް ޓަކައި. 13-11-2013 23:03 ގާސިމް: އަޅުގަނޑުމެން މިތިބީ ވަރަށް އެކުވެރިކަމާ އެކު ޕީޕީއެމާ އެކު މަސައްކަތް ކުރަން. އެހެންވެ އަޅުގަނޑުގެ އާއިލާ އާއި އަޅުގަނޑަށް ކަމެއް ކޮށްދެވިފައި ހުރި މީހަކު ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދޭން އަޅުގަނޑު އެދެން. ޑިމޮކްރަސީގެ ބަފައެއް ކަމުގައި ހިމެނޭ ރައީސް މައުމޫންގެ އެހީތެރިކަމާ އެކު މިކަން ގޯޅި އަޅައިގެންދާނެ ކަމަށް އަޅުގަނޑަަކަށް ނުބެލެވޭ. އަޅުގަނޑު އަބަދު ވެސް އެ ވާހަކަ އެގޮތަށް ދައްކަން. ދަންނަވާލަން އޮތީ މި ނާޒުކު ދަނޑިވަޅު، 16 ވަނަ ދުވަހު ލާ ވޯޓު މާތް ﷲ ކާމިޔާބު ދެއްވާނެ ކަމާ ދޭތެރޭ ޝައްކެއް ނުކުރަން. ކެމްޕޭން ކުރުމުގެ މާ ބޮޑު ފުރުސަތެއް ބޭނުމެއްނުވޭ. ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ ވޯޓު ލާނެ މީހެއް މިހާރަކު. މި ގައުމުގެ ދީނާއި ވަތަންގެ ހިމާޔަތުގައި މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުގެ އިލްތިމާސަކީ އަމާންކަމާ އެކު ރާއްޖެ ބާއްވަން ބޭނުން ނަމަ އަބްދުﷲ ޔާމީނަށް ވޯޓު ދެއްވާށޭ. 13-11-2013 22:58 ގާސިމް: ގައުމުގެ މުސްތަގުބަލަށް ނިންމާ ކަމެއްގައި ވަކި ކަމަކަށް ޕީޕީއެމަށް ޑިމާންޑް ކުރާކަށް ނޫން. އެމްޑީޕީން ވެސް އަދި ޕީޕީއެމުން ވެސް ހުށަހެޅުންތައް އައީ ދާދި އެއްކަހަލަ ގޮތަކަށް. އެމްޑީޕީގެ މެނިފެސްޓޯއާ ވެސް ވަރަށް ގިނަ ކަންތައްތަކެއް އެއްގޮތް ހުރި. އެކަމަކު ޕީޕީއެމްގެ މެނިފެސްޓޯގައި އަޅުގަނޑުމެންނާ ގުޅޭ މާ ގިނަ ކަންތައްތައް ހުރި. 13-11-2013 22:57 ގާސިމް: މިކަން ވެގެން ދިޔަ ގޮތް ޔަގީނުން ވެސް ރައްޔިތުންނަށް އެނގިގެންދާނެ. ޖޭޕީ އާއި ޕީޕީއެމާ ވަރަށް ކައިރިން ފުރަތަމަ ވާދަކުރީ. އެކަމަކު ދެވަނަ ފަހަރު ވަރަށް ބޮޑު ތަފާތެއް އޮތްކަން ގަބޫލުކުރަން ޖެހޭ. ފުރަތަމަ އަޅުގަނޑުމެން ނިންމީ ނިއުޓްރަލްކޮށް ތިބުމަށް. އެކަމަކު މިގޮތަށް ނިންމަން ޖެހުނު ގިނަ ސަބަބުތަކެއް އެބަހުރި. ގައުމުގެ ރައްކާތެރިކަމާއި މަސްލަހަތާއި މިނިވަންކަމަށް ބެލިއިރު އަޅުގަނޑަށް ވިސްނުނީ މިގޮތަށް ކަން މިކަން ނިމިގެން ދާނީ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް، ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓު ދެއްވަން އަޅުގަނޑު އެދެނީ. މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅު އަޅުގަނޑުމެންނަށް އެނގެން. އެކަމަށް ޓަކައި އަޅުގަނޑު އަބަދުވެސް ފަށްފަށުން ޝުކުރު ދަންނަވަން. ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް ފެނުނީ އުފާކުރަނިވި މަންޒަރުތަކެއް ނޫން. 13-11-2013 22:49 ޕީޕީއެމްގެ އިސްބޭފުޅުންނާއި ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ 13-11-2013 22:47 ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުނޫޒްގައި ބައްދަލުކުރައްވައި، ނޫސްވެރިންނާ ބައްދަލުކުރައްވަން ތައްޔާރުވެ ވަޑައިގަންނަމުން އެބަދޭ 13-11-2013 21:19 އަބްދުﷲ ޔާމީން، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި: މިހާރު މިއޮތީ ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް. ވޯޓު ލާން ގޮތް މިހާރު ވަރަށް ސާފު. މިހާރު އިތުރު ޗޮއިސްއެއް ނެތް. 13-11-2013 21:18 އަބްދުﷲ ޔާމީން، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި: ޖުމްހޫރީ ޕާޓީގެ ތާއީދު ލިބުމުން އެ ޕާޓީގެ ހުރިހާ މެމްބަރުން އަޅުގަނޑަށް ވޯޓު ދޭނެ. މިއަދު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހަގީގަތަކީ އެމްޑީޕީ ފިޔަވައި ސިޔާސީ މައިދާނުގައި ހިމެނޭ ހުރިހާ ޕާޓީއެއް މިހާރު އޮތީ ޕީޕީއެމާ އެކު. 13-11-2013 21:10 ވޯޓު ނުދެއްވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އިބްރާހިމް ދީދީ އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. މުހަންމަދު ޝަމްހީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝާހު އަދި ޑރ. ހުސެއިން ރަޝީދު ހަސަން އާއި މޫސާ ރަމީޒް. ގާސިމް އިންނެވީ ރިޔާސަތުގައި. އޭނާ ވޯޓެއް ނުދެއްވާ. 13-11-2013 21:03 ކައުންސިލް ބައްދަލުވުމަށް ފަހު ޖޭޕީގެ ކައުންސިލް ބޭފުޅުންނާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު 13-11-2013 20:58 ގާސިމް: ޕީޕީއެމްގެ ކެމްޕޭންތެރޭގައި އުޅޭނަން. އަދި ޔާމީން ރައީސް ކަމަށް ހޮވަން މަސައްކަތް ކުރާނަން. ޔާމީން ހޮވަން ވޯޓު ދިނުން އެދެން. 13-11-2013 20:57 ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ގާސިމް އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވާ. ޕީޕީއެމާ އެއްކޮޅަށް 15 ވޯޓު ލިބުނުއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ފަސް ބޭފުޅުން ތިއްބެވި. ޕީޕީއެމަށް ތާއީދު ކުރުމާ ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވާ 13-11-2013 20:54 ކައުންސިލް ބައްދަލުވުމަށް ފަހު ޖޭޕީގެ ކައުންސިލް ބޭފުޅުންނާ އެކު ގާސިމް ފައިބާވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު 13-11-2013 20:46 ގާސިމް: ވަރަށް ގިނަ ބަޔަކު އެދުނީ ވަކި ބަޔަކަށް ތާއީދުނުކޮށް ތިބުމުގެ ބަދަލުގައި ކޮންމެވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން. އެހެންވެ އަޅުގަނޑުމެން ނިންމީ ކައުންސިލް ބައްދަލުވާން. އެގޮތުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އަޅުގަނޑުމެންނަށް ނިންމުނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރަން. އެހެންވެ، ޕީޕީއެމްގެ ކެންޑިޑޭޓް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ހޮވައިދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ގާސިމް: އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނާ އެއްގޮތަށް ހުރި. އެކަމަކު އެއްގޮތް އެންމެ ގިނަ ކަންތައްތައް ހުރީ ޕީޕީއެމްގައި. 13-11-2013 20:42 ގާސިމް: ކައުންސިލުން ތަނަވަސް އަޣުލަބިއްޔަތެއް ލިބުނީ ޕީޕީއެމަށް ތާއީދުކުރަން. މިއަދު ވަރަށް ގިނަ މަޝްވަރާ ކުރެވުނު. މި މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުއާ ކުރަން. މި ކުރާ މަސައްކަތަކީ ބަޔަކާ ޒާތީ ކަމެއް އޮވެގެން ކުރާ ކަމެއް ނޫން. 13-11-2013 20:41 ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ 13-11-2013 20:37 ޕީޕީއެމަށް ތާއީދުކުރަން ޖޭޕީން ނިންމައިފި 13-11-2013 20:17 ކުނޫޒް ކުރިމަތީގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ވެސް އެބަތިބި. އެ ސަރަހައްދުގައި ތިބި އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށް. އެކި މީހުން ތިބީ އެކި އުންމީދުގައި. އޭގެ ތެރެއިން ޕީޕީއެމްގެ ސަޕޯޓަރެއް ކަމަށްވާ އަލީ ޝާހިދު ބުނީ ގާސިމް ރަނގަޅު ގޮތަކަށް ނިންމަވާނެ ކަމަށް ހީކުރާ ކަމަށާއި މިއީ ގާސިމް އެންމެ މުހިންމު ނިންމުން ނިންމަވަން ޖެހޭ ވަގުތު ކަމަށް. އަދި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ގާސިމް ޕީޕީއެމާ ގުޅުން ކަމަށް އޭނާ ބުނި. އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ އަހުމަދު ޝާކިރު ބުނީ ގާސިމަަކީ އަބަދުވެސް "އަހަރެމެންގެ މީހެއް" ކަމަށާއި 30 އަހަރާ ދެކޮޅަށް ގާސިމް ނުނިންމަވާނެ ކަމަށް. 13-11-2013 20:11 ގޮތެއް ނިންމުމުގައި ދެން މާގިނައިރެއް ނުނަގާނެ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ދެންމެ "ހަވީރަ"ށް ވިދާޅުވެއްޖެ 13-11-2013 20:10 ޖޭޕީގެ ކައުންސިލް ބައްދަލުވުން ކުރިއަށް ދަނީ 13-11-2013 20:04 ޖޭޕީގެ ކައުންސިލް ބައްދަލުވުން ކުރިއަށް ދަނީ 19:35- އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކު ނިންމުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދެ އެވެ. މ. ކުނޫޒްގައި ބާއްވާ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލްގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ 29 މެމްބަރުން ނަމަވެސް ހުރިހާ މެމްބަރުން ބައްދަލުވުމަކަށް ވަޑައެއްނުގަންނަވަ އެވެ. ހަވީރު 4:30 ގައި ފެށި ބައްދަލުވުން އަދިވެސް ދަނީ ކުރިއަށެވެ. މި ބައްދަލުވުމުން ފެށުމުގެ ކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ކުނޫޒް ތެރޭގައި އުޅުއްވި އެވެ. އަދި ގައުމީ ޕާޓީގެ އާ ރައީސް ރިޔާޒް ރަޝީދު ވެސް މިހާރު ހުންނެވީ ކުނޫޒްގަ އެވެ. އެ ސަރަހައްދުގައި ގިނަ ބަޔަކު ވެސް މަޑުކޮށްލައިގެން އަދިވެސް އެބަތިއްބެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަލިވުމާ އެކު ޖުމްހޫރީ ޕާޓީން ފުރަތަމަ ނިންމާފައި ވަނީ ދެވަނަ ބުރުުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެހެން ނަމަވެސް، އެމްޑީޕީ އާއި ޕީޕީއެމާ އެކު ބޭއްވި ދެ ބައްދަލުވުމަށް ފަހު ގާސިމް ނިންމަވާފައި ވަނީ ކައުންސިލް އަލުން ބައްދަލުވެ ތާއީދުކުރާނެ ފަރާތެއްގެ މައްސަލަ ނިންމުމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިފައި ވަނީ 50،422 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ