މޫސުން ގޯސްވެ ނުވަތަ ހޫނު ގަދަވާ ދުވަސްވަރު ނަގޫރޯޅި އެރުން އެކަށީގެންވޭ: މެޓް

އަހުމަދު އަރުޝަދު
މޫސުން ގޯސްވެ ނުވަތަ ހޫނުގަދަވާ ދުވަސްވަރު އާއްމު ގޮތެއްގައި ނަގޫރޯޅި އެރުން އެކަށީގެންވާކަމަށް ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖީއިން ބުނެފިއެވެ.
މެޓްގެ އޮފިޝަލަކު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ބަދަލުވެ ހޫނުގަދަ ދުވަސްކޮޅަކަށް ވުމުން ނަގޫރޯޅި އެރުން އެކަށީގެންވާ ކަމަށެވެ.
" އޭޕްރީލް މަހަކީ އާއްމު ގޮތެއްގައި ހޫނު ދުވަސްވަރެއް. މި ދުވަސްވަރު ނަގޫރޯޅި ފެނުން އެއީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް ނަގޫރޯޅިއަކީ ޕްރީޑިކްޓް ކުރެވޭނެ އެއްޗެއް ނޫން. އެހެން ކަމުން އެ އަރާނީ ކިހާ އިރަކުތޯ ނުވަތަ ކޮންތަނަކަށްތޯ ބުނެދޭކަށް ނޭނގޭނެ،" މެޓްގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.
މިގޮތަށް މެޓުން ވިދާޅުވެފައިވާއިރު މިއަދު ހެނދުނު 9.30 ހާއިރު ކާނިވާ ސްޓޭޖް ސަރަހައްދަށް ވަނީ ނަގޫރޯޅިއެއް އަރާފައެވެ. މިއަދު ސްޓޭޖް ސަރަހައްދުން ފެނުނު ނަގޫރޯޅި ފުރަތަމަ ހުރީ ކާނިވާ ސްޓޭޖްގެ ހުޅަނގުން ސްޓޭޖް ކުރިމަތީގައެވެ. އެހެން ނަމަވެސް ފަހުން ސްޓޭޖް ކުރިމަތީގައި އޮންނަ ތަޅުންގަނޑު ސަރަހައްދުގައި އެނބުރުމަށްފަހު ނަގޫރޯޅި ހުސްވެގެން ދިޔައީއެވެ. މި ނަގޫރޯޅީގެ ސަބަބުން އެއްވެސް މީހަކަށް އަދި އެެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއަދު ސްޓޭޖް ސަރަހައްދުން ނަގޫރޯޅިއެއް ފެނިފައިވާއިރު ހުސްވި ހަފްތާތެރޭ ލ. ފޮނަދޫ އަދި ކައްދޫ ސަރަހައްދުންވެސް ވަނީ ނަގޫރޯޅިއެއް ފެނިފައެވެ. އަދި އެވަގުތު އެ މަންޒަރު ފެނުނު އަންހެން ކުއްޖަކަށް ވަނީ ހާލުދެރަވެގެން ފޮނަދޫ ސިއްޙީ މަރުކަޒުން ފަރުވާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ