އެމްޑީޕީއަކީ ވަރަށް މޮޅު ބަޔަކު ތިބި އަދި ގިނަ އަދަދެއްގެ ރަނގަޅު ބޭފުޅުން ތިބި ޕާޓީއެއް ކަމަށާއި ނަމަވެސް އެ ޕާޓީގެ ލީޑާޝިޕްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވިހާ ދުވަހަކު އެމްޑީޕީއަށް ދުވަހަކު ވެސް ވެރިކަމަށް ނާދެވޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހަތަރު ޕާޓީއެއް ގުޅިގެން އުފައްދާފައިވާ ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގައި މަނާ ކުރާ ހުރިހާ ކަމެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ މަސްތުވާތަކެތި ބޭނުން ކުރުމަށް ބާރުއަޅާ، ފާޅުގައި އެކަން ކުރަމުން އަންނަ މީހެއް ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބު ކާމިޔާބުން ހުއްޓުވުމަކީ ދީނީ އަދި ގައުމީ ޒިންމާއެކެެވެ. އަދި މި ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔާބު ނުކުރެވޭނެ ކަމުގެ ސައްތާން ސައްތަ ޔަގީން ކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ ދިވެހި ރާއްޖެގެ ވެރި ކަމަށް ދުވަހަކު ވެސް ނާދެވޭނެ މުހައްމަދު ނަޝީދު އެ ޕާޓީގެ ވެރިއަކަށް ބަހައްޓައިގެން. ދުވަހަކު ވެސް ނާދެވޭނެ. ކިތަންމެ މަސެއްކަތެއް ކޮއްގެން ވެސް ނާދެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީ މި ގައުމުގެ ވެރި ކަމަށް އަންނަ ބޭނުން ވަންޏާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކޮންމެ ހާލެއްގައި ވެސް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ވެރިކަމަށް ކުރިމަތިލެވޭ ވަރުގެ ޝަރުތުތައް ހުރި މީހުން ތެދުވަން ޖެހޭނެ ކަމާއި އެމްޑީޕ އަކީ "މީހެއް ނޫން" ކަމަށާއި އެ ޕާޓީއަކީ "ބޮޑު އިންސްޓިޓިއުޝަނެއް" ކަމަށް އުމަރު ވިދަޅުވި އެވެ.
އެެމްޑީޕީގައި ރަނގަޅު ބަޔަކު ތިއްބަސް، ނަޝީދު ހުއްޓާ ވެރިކަމަކަށް ނާދެވޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ