ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލުގެ އަސަރު ކުޅުންތެރިންނަށް

އެފްއޭއެމުން މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ބޮޑު ބަދަލެއް ގެންނަކަން އިއުލާންކުރުމާ އެކު ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއްގެ އަޑު ވެސް އިވުނެވެ. އެއީ މާބޮޑު ޕްލޭނެއް ނެތި ގެންނަ ބަދަލުތަކެއް ކަމަށް އެއް ބަޔަކު ބުންޏެވެ. އެކަމަކު އަޖުބަ ބެލުމަށްޓަކައި ކްލަބްތަކުން އެގޮތުގައި ކުރިއަށްދާން އެއްބަސްވީ އެވެ. އެހެން ނަމަވެސް ސީޒަން ދެބައި ނުވަނީސް ފޯމެޓަށް ގެނައި ބަދަލުގެ ނުރަނގަޅު އަސަރުތަކެއް މިވަނީ ކޮށްފަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެނައި ބަދަލުތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގަށް ބަދަލުކުރުން ހިމެނެ އެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރަކަށް ޕްރިމިއާ ލީގުން ފުރުސަތު ދިނުން ހިމެނެ އެވެ.
ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން/ މާލޭ ލީގުން ސީދާ ޖާގައެއް ލިބޭ ގޮތަށް އޮތްއޮތުން އުވާލައި ފުރަތަމަ ޑިވިޝަން/ މާލޭ ލީގުން ޖާގަ ހޯދުމަށް މި އަހަރުގެ މާލޭ ލީގުގެ ފުލަށްދާ ހަތަރު ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕަށް މާލެ ލީގު ކޮލިފިކޭޝަން ކުޅޭ ގޮތަށް ވެސް ބަދަލު ގެނެ އެވެ.
ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން ގިނަ ބަޔަކު އެންމެ ފުރަތަމަ ވެސް ހިތްހަމަ ނުޖެހުނު އެއް ކަމަކީ ފުރަތަމަ ޑިވިޝަންގެ އެންމެ ހަތަރު ކްލަބަށް ޕްރިމިއާ ލީގުން ޖާގަ ލިބޭ ގޮތަށް އޮތް އޮތުމުވެ.
"ފުރަތަމަ ޑިވިޝަންގައި މި ކުޅޭ އަށް ޓީމަކީ ގާތްގަނޑަކަށް އެކި ގޮތްގޮތުން ބަލާއިރު ފަހަކަށް އައިސް އަހަރަކު މަދުވެގެން ހަތަރު މިލިއަނަށް ވުރެން ގިނައިން ޔަގީނުން ވެސް ހަރަދުކުރާނެ ޓީމުތައް. އެކަމަކު ފޯމެޓަށް މި އައި ބަދަލާ އެކު އެ ޓީމުތަކަށް ސީޒަނުގެ މުހިއްމުކަން އެބަގެއްލޭ އަހަރުގެ މެދުތެރެއިން އެއީ އެންމެ ބޮޑު ލީގާއި ގައުމީ މުބާރާތުން ފުރުސަތު ގެއްލޭތީ. އަހަރެންގެ ނަޒަރުގައި ފުރަތަމަ ޑިވިޝަންގެ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އަދި ރަނަރަޕް ޕްރިިމިއާ ލީގު ކުޅޭންވީ. އެއީ ވާދަވެރިކަމަަށް ބެލިޔަސް ފުޓްބޯޅައިގެ ކުރިމަގަށް ބެލިޔަސް މިއީ ރަނގަޅު ގޮތަކީ،" ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ފަސް ވަރަކަށް އަހަރު ވަރަށް އިސްކޮށް މަސައްކަތްކުރި ފަރާތަކުން "މިހާރަ"ށް ބުންޏެވެ.
ހަގީގަތުގައި އަތޮޅުތެރޭގެ ފުޓްބޯޅައިގެ ފޯރި ރާއްޖޭގެ އެންމެ މަތީގެ ފުޓްބޯޅައިގެ ފޯރި އަށް ވުރެ މާ ގަދަ އެވެ. ވަސީލަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރަން ހުރި ގޮންޖެހުން ވަރަށް ގިނަ އެވެ. އެ ފަދަ ހާލަތެއްގައި އަތޮޅުތަކުގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ކުޅެވޭނެ ގޮތެއް ރޭވެން އޮތީ ޕްރިމިއާ ލީގުންނެވެ. އެހެން ނަމަވެސް އެކަން ކުރަން ވާނީ ހުރިހާ ފަރާތަކަށް ވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ވަރުގެ ކަމަކަށްވާނަމަ އެވެ.
ދުރު ވިސްނުމަށް ބަލާއިރު ފަށައިގަންނަން ޕްރިމިއާ ލީގުން ޖާގަ ދޭންވީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އަދި ރަނަރަޕަށެވެ. އެއީ ފުރަތަމަ އަހަރު ތެރޭގައި ޕްރިމިއާ ލީގުގެ ވާދަވެރިކަމަށް ބަލާއިރު ވެސް ކުރުން ރަނގަޅީ އެގޮތަށް ކަމަށްވާތީ އެވެ.
ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހަރު މާލޭ ލީގުގެ ކޮންމެ ޓީމަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ފުރަތަމަ ދެ މިިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެއްސި އެެވެ. އަދި ޕްރިމިއާ ލީގަށް ގޮސްފިނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭ ގޮތަށެވެ. ދެ ވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް މުބާރާތް ފެށުމުގެ ކުރިން ދެ ކުންފުންޏެއް މެދުވެރިކޮށް ފަސް ލައްކަ ރުފިޔާ ދޭ ގޮތަށެވެ.
މާލެ ލީގު ކޮލިފިކޭޝަނަށް ދާއިރު އިތުރު ފައިސާއެއް ދޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން ފެނިގެންދިޔައީ މާލީ ހާލަތު ތަން ނުދޭތީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޒެފްރޯލާއި ރަނަރަޕް ކުޑަ ހެންވޭރު ޔުނައިޓެޑް މުބާރާތުން ވަކިވެ އެފްއޭއެމުން އެ މުބާރާތް ވެސް ކެންސަލް ކުރި ތަނެވެ. އެއް މުބާރާތް ގެއްލުމާ އެކު ވެލެންސިއާ ނޫނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި އަނެއް ތިން ޓީމަށް ވަނީ ސީޒަން ނިމިފަ އެވެ. އެ ޓީމުތަކަށް ކުޅޭ މަޝްހޫރު ކުޅުންތެރިންނަށް ވަނީ އަހަރުގެ މެދުތެރެއިން ކްލަބް ބަދަލުކުރަން ޖެހިފަ އެވެ. ބައެއް ކުޅުންތެރިންނަށް އެހެން ކްލަބްތަކުން ފުރުސަތު ނުލިބުނު ނަމަވެސް އަނެއް ބައި ކުޅުންތެރިން މި ޖެހުނީ ސީޒަނުގެ ބާކީ ބައި ކުޅި ބަލަން ތިބޭށެވެ.
"ހަގީގަތުގައި މީގެން މި ފެނުނީ ރޭވުމެއް ނެތް ގޮތަކަށް ފެށީމަ ވީ ގޮތް. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަކީ ހުރިހާ ގޮތަކުން ބެލިޔަސް ފުޓްބޯޅައިގައި ގައުމީ ލެވެލްގައި އެންމެ ހަރަދުކުރާ ޓީމުތައް. އެކަމަކު އެންމެ ރަނގަޅަށް ނުވިސްނައި ކުރިކަމަކުން އެތައް ކުޅުންތެރިން މި ޖެހުނީ ނުކުޅެ ތިބެން،" ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުުނު ކުޅުންތެރިއަކު ބުންޏެވެ.
ހުރިހާ ގޮތަކުން ބެލިޔަސް ފޯމެޓަށް މި ގެނައި ބަދަލުގެ ދެރަ ލިބިފައި މިތިބީ ކުޅުންތެރިންނަށެވެ. މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކަށް ފުރަތަމަ ޑިވިޝަން ޓީމުތަކުން ކުޅުންތެރިން ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ދޫކުރީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމަކު ފުރުސަތު ނުލިބި ކުޅުންތެރިންނަށް ލިބުނު ގެއްލުން މާ ބޮޑެވެ. މި އަހަރުގެ ބާކީ ބައިގައި ހަރަދު ނުކޮށް އަންނަ އަހަރަށް ތައްޔާރުވެލަން ކްލަބްތަކަށް ފުރުސަތު ލިބުނުއިރު، ކުޅުންތެރިންނަށް މި ގެއްލުނީ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު މުހިއްމު ފުރުސަތުތަކެކެވެ. އަނެއްކޮޅުން ފުރަތަމަ ޑިވިޝަނުން ގެނައި ކުޅުންތެރިންނާ އެކު މިނިވަން ޗެމްޕިއަންޝިޕުގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ޕްރިމިއާ ލީގުން ފުރުސަތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ