ވަރަށް އަވަހަށް ޑރ. ޖަމީލު ޕީޕީއެމްއަށް ސޮއިކުރާނެ: މައުމޫން

ހޯމް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ ވިސްނުންފުޅު ޕީޕީއެމްގެ ވިސްނުމާއި، ފިކުރާއި ވަރަށް އެއްގޮތް ކަމަށާއި، އެހެން ކަމުން އެ މަނިކުފާނު ވަރަށް އަވަހަށް ޕީޕީއެމްއާ ގުޅިވަޑައިގެންފާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކަށް ޕީޕީއެމުން ކުރި ކެމްޕެއިން ދަތުރު ނިންމާލުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރަސްމީ ފާލަމުގައި ހުންނަވައިގެން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ޖަމީލް ގެ ވިސްނުންފުޅު ޕީޕީއެމްއާ އެއްގޮތް ނަމަވެސް އަދި އެ މަނިކުފާނަކީ އެ ޕާޓީގެ މެމްބަރެއްނޫން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް އިޚްތިޔާރު ކުރައްވަ ފާނެތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އަދި އެކަމަށް ވަކި ބޭފުޅަކު އިޚްތިޔާރު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރަނިންމޭޓަކަށް އިޚްތިޔާރު ކުރައްވާ ބޭފުޅެއްގެ ނަން ކައުންސިލަށް ހުށަ ހަޅުއްވާނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަމަށާއި، އެ ހުށަހެޅުއްވުން ކައުންސިލުން ފާސް ވެއްޖެނަމަ އެ ބޭފުޅަކު ވާނީ އެ ޕާޓީގެ ރަނިންމޭޓަކަށް ކަމަށެވެ.
"ޑރ. ޖަމީލް ހުންނެވީ އަޅުގަނޑުމެންގެ ވިސްނުމާއި އެކު. އޭނާގެ ވިސްނުންފުޅުވެސް އަޅުގަނޑުމެންގެ ވިސްނުމާއި ވަރަށް އެއްގޮތް. ޖަމީލުގެ ވާހަކަފުޅުންވެސް އެކަން އެނގޭނެ. އެހެން ނަމަވެސް ޖަމީލު އަކީ އަދި ޕީޕީއެމް މެމްބަރެއް ނޫން. އަޅުގަނޑުމެން އަދި އެކަން ކުރާނަން ލަހެއް ނުވެ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ޖަމީލުގެ އިތުރުންވެސް ވަރަށް ގިނަ ބޭފުޅުން ޕީޕީއެމްއާ ގުޅުމަށް މިހާރުވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންކަމުން ޖަމީލުގެ އިތުރުންވެސް ގިނަ ބަޔަކު އެ ޕާޓީ އަށް ސޮއި ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މި ފަހަރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅަކީ އަދި މިހާތަނަށް ޕީޕީއެމުން އެ ރަށަށް ނުކުރާފަދަ ދަތުރެއް ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ޕީޕީއެމްއަށް ބެހެއްޓި މެހެމާންދާރީ އަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ