މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު، ކޮޕްސް އާތިފު އަވަހާރަވީ ޚަބަރު މިއަދު ކޮންމެ ދިވެއްސަކުވެސް އެހީ ކުއްލި ހައިރާންކަމާއި ފުން ހިތާމާގައެވެ. އެތަށް ބައެއްގެ ގާތް އެކުވެރިއެއްކަމުގައިވާ އާތިފުގެ ކުއްލި ވަކިވެދިއުމުގެ ސަބަބުން މުޅި ދިވެހި ގައުމަށްވެސް ހިތާމަ ވަނީ ވެރިވެފައެވެ. އާތިފު މަސައްކަތް ކުރަމުން ގެންދިޔަ އެމްއެންޑީއެފަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. އާތިފު ގެއްލިގެން ދިއުމަކީ މުޅި މުއައްސަސާއަށް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކެވެ.
މިއަދަކީ ދިވެހި މިއުޒިކީ ދާއިރާއަށް ކަޅު ދުވަހެކެވެ. ރާއްޖެ ދުށް މޮޅު މިއުޒީޝަން އަދި ކުޅަދާނަ ހިތްގައިމު އަޑުގެ ވެރިޔާ ވަކިވެ ދިއުމަކީވެސް މިއުޒިކީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ.
އެންމެނާވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއިއެކު ވާހަކަދައްކާ އުޅުނު އާތިފު ވަކިވެގެން ދިއުމަކީ އޭނާއާއި ބައްދަލުވެ ވާހަކަދެކެވެނު ހަމަ ކޮންމެ މީހަކު ހިތާމަކުރާނެކަމަށެވެ. ކުރުކޮށް ދަންނަވާނަމަ މޭޖާ އަހުމަދު އާތިފުގެ ހަނދާންތަކަކީ ވަކިވުމެއް ނެތް ހަނދާންތަކެކެވެ.
އާތިފަކީ ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ސިފައިންގެ މިއުޒިކް ބޭންޑުން ވިދާލި ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. 1987 ވަނަ އަހަރު ދިވެހި ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި މޭޖާ އަހުމަދު އާތިފު ވަނީ 30 އަހަރާއި 5 މަހާއި 9 ދުވަހު ސިފައިންގެ ޚިދުމަތުގައި ހޭދަކުރައްވާފައެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ބޭރުގެ ބަޔަކު ދިން އުދުވާނީ ހަމަލާދިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްްކުރުމުގައިވެސް މޭޖާ އަހުމަދު އާތިފު ވަނީ ހިތްވަރު ގަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އާތިފް ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔައީ ލަވަ ކިޔުންތެރިއެއްގެ ގޮތުގައެވެ. މޮޅު މިއުޒީޝަނެއްގެ ގޮތުގައެވެ. ކުޅަދާނަ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ.
އާތިފްގެ މިޔުޒިކީ ޙަޔާތަކީ، އާއިލާގެ ފަރާތުން ވާރުތަވެފައިހުރި ކަމެކެވެ. އަމިއްލަ ޝައުޤުވެރިކަމާއެކު މިޔުޒިކުގެ ތެރެއަށް ވެންނެވިއިރު އުމުރުން ވަރަށް ހަގެވެ. ފުރަތަމަ މިޔުޒިކީ ޙަޔާތް ފެށިގެން އައީ މަދުރަސީ ދައުރުގައެވެ.
އެއަށްފަހު، 1987 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ހިސާބުން ފެށިގެން، ސިފައިންގެ ބޭންޑުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިލެއްވުމަކީ، މި ދާއިރާއިން ކުރިއަށް ދިޔުމަށް ހުޅުވިގެންދިޔަ ފަހި ފުރުޞަތަކަށް ވެގެން ދިޔައެވެ.
ިމިޔުޒިކް ޝޯއެއްގައި މޭޖާ އާތިފް އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އިންތިޒާމް ކުރައްވައިގެން، 1987 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އޯޑިއޯންގައި ބޭއްވި މިޔުޒިކް ޝޯއިންނެވެ. އަދި، މޭޖަރ އާތިފުގެ އަޑު ޢާންމުކޮށް އަޅުގަނޑުމެންނަށް އިވެން ފެށީ، 1988 ވަނަ އަހަރުން ފެށިގެންނެވެ.
އޭނާގެ ފުރަތަމަ ލަވަ އިވިގެންދިޔައީ، 1988 ވަނަ އަހަރުގެ ދިވެހި ފަންނާނުންގެ ޝޯއިންނެވެ. މޭޖަރ އާތިފުގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއް ލަވަޔަކީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ހައްދަވާފައިވާ "ދިވެހި ޤައުމީ ޒުވާނުން ކެރޭ" މި ލަވައެވެ. އެލަވަ މޭޖާ އާތިފް ވިދާޅުވެފައިވަނީ، މަސްއޫދު މޫސާދީދީއާ އެކުގައެވެ.
އޭގެ ފަހުން މޭޖާ އާތިފު ރާއްޖޭގެ އެންމެ މަޝްހޫރު ފަންނާނުންގެ ލިސްޓުގައި ގުނާލެވެން ފެށުނީ، 1989 ވަނަ އަހަރު ސިފައިންގެ "ކޮޕްސް ބޭންޑު" ވުޖޫދުވީ ހިސާބުންނެވެ.
މޭޖާ އާތިފަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެއް މިޔުޒިކް ބޭންޑަށް "ކޮޕްސް ބޭންޑު" ހައްދަވައިދެއްވުމުގައި އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވި މޭސްތިރިއެވެ. ކޮޕްސް ބޭންޑުގެ ސީނިއަރ މެންބަރެއްގެ ގޮތުގައި އެންމެ އެކްޓިވްކޮށް، އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިޔާއެވެ.
ސިފައިންގެ "ކޮޕްސް" ބޭންޑު އުފެދުނު ހިސާބުން ފެށިގެން، މޭޖަރ އާތިފުގެ ވަރަށްގިނަ ލަވަތައް އިވެމުންދިޔައެވެ.
ޚާއްޞަކޮށް، އަމިއްލަ ރާގުތަކަށް ކިޔުއްވާފައިވާ ލަވަތައް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، "މަސްތުވެއްޖޭ ފެނިފައި މިތުރާ" މި ލަވައާއި، "ގެންދާށެ ވަޔާ" "އޭ މަލާ ތިޔައީ މަގޭ"، "އިޙްސާސެއްވޭހޭ"، "ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.
އެކިއެކި ޝޯތަކުގައި މޭޖަރ އާތިފު ވިދާޅުވެފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ އަދަދު މިހާރު 500 އާ ކައިރިކުރާއިރު، މިހާތަނަށް އެއްވެސް ލަވައެއް އަގަށް ވިދާޅުވެފައި ނުވާކަން އެއީ ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. 80 އަށްވުރެ ގިނަ އަދަދެއްގެ އަމިއްލަ ރާގު ކޮޕްސް ބޭންޑުން ހުށަހަޅައިދީފައިވާއިރު، މިއިން ކޮންމެ ރާގެއްގައިވެސް މޭޖަރ އާތިފުގެ ހިއްސާވެއެވެ.
އަދި މިދެންނެވި 80 އަށްވުރެ ގިނަ ލަވައިގެ ތެރެއިން 50 އަށްވުރެ ގިނަ ލަވަ ވިދާޅުވެފައިވަނީ، ޚުދު މޭޖާ އާތިފެވެ. މީގެއިތުރުން ބައެއް މަދަހަވެސް ވަނީ ކިޔުއްވައިފައެވެ.
އެކިއެކި މުނާސަބަތުތަކާ ގުޅިގެން، ތައްޔާރުކުރާ ލަވަތަކުގައިވެސް މޭޖާ އާތިފުގެ ހިއްސާ ވަރަށް ބޮޑެވެ.
މިނިވަން ދުވަހާއި ގައުމީ ދުވަސް، ނަސްރުގެ ދުވަހާއި އީދު ދުވަސްފަދަ މުނާސަތުތަކާއި ގުޅިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރައްވާ ލަވަތައް ތައްޔާރުކޮށްދެއްވުމުގައި މޭޖަރ އާތިފުވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުއްވައިދެއްވާފައެވެ.
މިޔުޒިކީ ދާއިރާއިން މޭޖަރ އާތިފު ކުރައްވަމުންދާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ، 2014 ވަނަ އަހަރު، ޕާރފޯމިންގ އާޓްސްގެ ދާއިރާއިން މޭޖާ އާތިފްއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވާފައެވެ.
މޭޖާ އާތިފުއަށް ގައުމީ އިނާމް ލިބިލައްވާފައިވަނީ ލަވަކިޔުމާއި، މިއުޒިކު ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުންނެވެ.
ގައުމީ ލަވަ މުބާރާތެއް ނަމަވެސް ނުވަތަ އެކިއެކި ފަރާތްތަކުން އިންތިޒާމުކުރާ ލަވަ މުބާރާތަކުގައިވެސް، ޖަޖުންގެ ޕެނަލުން މޭޖާ އާތިފު ނުފެންނަ މުބާރާތެއް ވަރަށް މަދެވެ.
އާތިފަކީ ވީމީޑިއާއިއާއިވެސް ވަރަށް ބަދަހި ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.
ވީޓީވީ "މޯލްޑިވިއަން އައިކަން" އަދި ސުކޫލް ކުދިންގެ ލަވަ މުބާރާތް "ވީޓީވީ ސުކޫލް އައިކަން" ގައިވެސް ޖަޖެއްގެ ގޮތުގައި އާތިފް ވަނީ ހަރަކާތްތެރިވެފައެވެ.
މޭޖާ އަހުމަދު އާތިފު އެންމެންނާއިވެސް ގުޅޭ ވަރަށް ހިތްހެޔޮ ބޭފުޅެކެވެ.
އާތިފް އަވަހާރަވުމާއި ގުޅިގެން މިއުޒިކީ ދާއިރާގެ ފަންނާނުން އަދި އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުުޅުންވެސް ގެންދަވަނީ ހިތާމަފާޅުކުރަމުންނެވެ.
ހދ ހަނިމާދޫގައި އެމްއެންޑީއެފްގެ އުތުރު ސަރަހައްދުގެ ޑެޕިއުޓީ ކޮމާންޑްގެ މަގާމުގައި ހުންނަވަނިކޮށް އާތިފް އަވަހާރަވުމާއި ގުޅިގެން އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނެސް އާސާރާގައި މޫނު ދެއްކުމަށްފަހު 11:30ގައި ކަށުނަމާދުކޮށް ވަނީ ވަޅުލާފައެވެ.
އާތިފުގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މޭޖާ އަހުމަދު އާތިފުގެ ފަނޑުވުމެއްނެތް ހަނދާންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ