ސަރުކާރުގެ އަގުހުރި އެސެޓަކަށް ޒަހާ ވާނެ, ޝުކުރިއްޔާ ރައީސް ސޯލިހު: މައުމޫން

ޒަހާ ވަހީދަކީ ސަރުކާރުގެ އަގުހުރި އެސެޓަކަށް ވާނެ ކަމަށް އެކަމަނާ ނިސްބަތްވެ ވަޑައިގެންނަވާ ޕާޓީ, އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެގޮތަށް ވިދާޅުވީ, ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް ޒަހާ މިއަދު އައްޔަން ކުރެއްވުމުން ކުރެއްވި ޓުވީޓެއްގަ އެވެ.
ޒަހާއަށް މަރުހަބާ ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ, ސަރުކާރުގެ އަގުހުރި އެސެޓަކަށް ޒަހާ ވެވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ޓުވީޓުގައި ރައީސް މައުމޫން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި ސަރުކާރު އުފެދުނު އިރު, ކެބިނެޓުގައި އެމްއާރުއެމުށް ނިސްބަތްވެ ވަޑައިގަންނަވާ ހަތަރު މިނިސްޓަރުން ތިއްބެވި އެވެ. އެއީ މިހާރުވެސް މަގާމުގައި ތިއްބެވި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ޒަހާ އަދި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އެވެ.
މި ބޭފުޅުންގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާތިފާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އާތިފާގެ އިސްތިއުފާއާ އެކު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި, އެ މިނިސްޓްރީގެ ކަންކަން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފަ އެވެ. ނަމަވެސް އެމްއާރުއެމަށް ސްލޮޓެއް ނުދެއްވައި، އެ މިނިސްޓްރީގެ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މިނިސްޓަރުކަމުން ޒަހާ ވަކިކުރެއްވީ، ސަރުކާރުގެ ހިންގެވުމަށް ބައެއް ބަދަލުތައް ގެނައުމުގެ ތެރެއިން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެފަހަރުވެސް އެމްއާރުއެމަށް ސްލޮޓެއް ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ