އިދިކޮޅު ކޯލިޝަނުން ހިންގާ ކެމްޕެއިންގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއްނެތް: ގާސިމް އިބްރާހިމް

"މިނިވަންކަމުގެ ދިފާއުގައި–ދިވެހީން" މިނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ކެމްޕެއިންގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމު އަޅުވެތިކަމުން ސަލާމަތްކޮށް މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ފެށި ކެމްޕެއިންގައި ބައިވެރިވުމަށް ސިޔާސީ ބައެއް ޕާޓީތަކަށް ރަސްމީގޮތުން ދައުވަތު ދީފައިވާއިރު، ދައުވަތުދިން ޕާޓީތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ، އެފަދަ ކެމްޕެއިނެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެޕާޓީގެ ނެތްކަމަށާއި، އަދި އެފަދަ ހާލަތެއްވެސް ގައުމުގައި ނެތްކަމަށެވެ.
ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ނުވަތަ މިނިވަންކަން ގެއްލިދާފަދަ ކަމެއް ހިނގާނަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުންނާނީވެސް ޖުމްހޫރީ ޕާޓީން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ހުރިހާ އެންމެންވެސް އަމިއްލަ މަސްލަހަތަށްވުރެ މިވަގުތު އިސްކުރަންވީ ގައުމީ މަސްލަހަތު ކަމަށެވެ.
ކޮވިޑްބަލީގެ ހާލަތުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި، އެހެންކަމުން، އެންމެންވެސް މިއަދު މަސައްކަތް ކުރަންވީ މިހާލަތުން އަރައިގަތުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ސިޔާސީ އަމިއްލަ މަންފާތަކެއް ހޯދުމަށް މިދަނޑިވަޅުގައި ގައުމުގައި ބައިބައިވުން އުފެދޭ ޒާތުގެ ކަންކަން ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ނުކުރާނެ ކަމަށްވެސް ޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
ވެރިކަންކުރާ ކޯލިޝަންގައި ޖޭޕީ އަދިވެސް ގާއިމްވެއޮތީ ރައީސް ސާލިހް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދިނުމަށް އެހީތެރިވުމަށާއި، ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ މަތީގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހްވަނީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "މިނިވަންކަމުގެ ދިފާއުގައި–ދިވެހީން" ކެމްޕެއިނުގައި ބައިވެރިވުމަށް އެކޯލިޝަނުން ޖުމްހޫރީ ޕާޓީއަށް ރަސްމީގޮތުން އިއްޔެ ދައުވަތު ދީފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.
އެހެން ނަމަވެސް، މިދަނޑިވަޅަކީ އެފަދަ ކަމެއް ކުރިއަށް ގެންދަންވީ ވަގުތު ނޫންކަމާއި، އެ ކެމްޕެއިނުގައި ޖޭޕީން ބައިވެރި ނުވާނެ ކަމަށް އަލީ ސާލިހް ވިދާޅުވެފައެވެ.
މިހާރު މިއޮތް ހާލަތާ ގުޅިގެން ޖުމްހޫރީ ޕާޓީން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ ގައުމަށް ދިމާވެފައިވާ ހާލަތުން އަރއިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށާއި، އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަކީ ޖުމްހޫރީ ޕާޓީގެ އިލްތިމާސްއެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ