ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ގާސިމް އަދި ރިޔާޒް

ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވާނީ އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން ޕާޓީގެ ޕާލިމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. ޖޭޕީ އިން މިއަދު ބުނީ ސަރުކާރުން އެ ޕާޓީ އަށް ފޮނުވި ދައުވަތު ގަބޫލުކޮށް، ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޖޭޕީ އިން މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމާފައި ވަނީ އެއްވެސް ޝަރުތެއް ނެތި އެވެ. ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާ އެކު އަންނަ މާރިޗު މަހުގެ ދެ ވަނަ ދުވަހު މަޝްވަރާތައް ފަށާނެ ކަމަށެވެ. މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދީފައި ވަނީ ޕީޕީއެމް އަދި ޖޭޕީ އިންނެވެ. ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްޑީޕީ އަދި އަދާލަތުން ބުނެފައި ވަނީ މިވަގުތު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން މިނިވަންކޮށް މަޝްވަރާއަށް އިހުލާސްތެރި މާހައުލެއް ގާއިމު ނުކުރެވެނީސް މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު އެވެ. އެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވި ފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ