އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ، މީޑިއާގައި ދައުރުވަމުން ދިޔަ އޯޑިއޯތަކުގައިވާ އަޑާއި، ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިހެން ބުނީ، ޔާމީނަށް ހުކުމްކުރަން ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ގާޒީ ފާއިޒަށް، އެމައްސަލަ ވަކި ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް އޭނާ ވިދާޅުވާ ކަމަށް ބުނެ އޯޑިއޯއަކާއި، އެ ހުކުމުގައި އޮތް އެއްޗެއް ގާޒީ އަލީ އާދަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ބުނާ އޯޑިއޯތަކެއް މީޑިއާގައި ލީކުވުމާ ގުޅިގެން، ފުލުހުން ކުރި ފޮރެންސިކް ތަހުގީގުތަކަށް ފަހު، އެކޮމިޝަނަށް ތަހުގީގުގެ ނަތީޖާތައް ފޮނުވާފައި ވަނިކޮށެވެ.
އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ފުލުހުން ކުރި ފޮރެންސިކް އެނަލިސިސްގެ ނަތީޖާއިން ދައްކާ ގޮތުން، އެ އޯޑިއޯތަކުގައިވާ އަޑުތައް ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާ ދިމާނުވާކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށްވާތީ، އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ފޮނުވި އެ ތިން އޯޑިއޯއަކީ ޓެމްޕާކޮށް، ވަކި ބައިތަކެއް ޑިލީޓްކޮށް، ނުވަތަ ވަކި ކްލިޕްތަކުން ގުޅުވާފައިވާ އޯޑިއޯތަކެއް ކަން ފުލުހުން ކުރި ތަހުގީގުން އެނގޭ ކަމަށް އެކޮމިޝަނުން ބުންޏެވެ.
ހަމަ އެހެންމެ، ގާޒީ ފާއިޒުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯވެސް އޮތީ ޓެމްޕާކޮށްފައި ކަމަށާއި، ނަމަވެސް އޯޑިއޯގައިވާ އަޑާއި އޭނާގެ އަޑު ދިމާވާ ކަމަށް ފުލުހުން ކުރި ތަހުގީގަށް ހާމަވާތީވެ، ފާއިޒުގެ މައްސަލަ ބެލުމަށް ކޮމިޝަންގެ އިސްނެގުމުގެ މަތިން ތަހުގީގު ކުރުމަށް ނިންމާ، ތަހުގީގު ކޮމިޓީއެއް ވަނީ އެކުލަވާލާފައި ކަމަށްވެސް ބުންޏެވެ.
"ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް މިކޮމިޝަނުން ކުށްވެރިކުރަމެވެ." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީން ފަނޑިޔާރުންގެ އޯޑިއޯ އާ މެދު ބަޔާނެއް ނެރެފައިވާއިރު، އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ އޯޑިއޯތަކުގެ ސައްހަކަން ބެލޭނެ މަގެއް ފެނޭތޯ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް، އަދި ލިޔެކިޔުމުން ވެސް ހުށަހަޅަމުން ގެންގޮސްފައި ވާނެ ކަމަށެވެ.
އޯޑިއޯ ދިމާވަނީ ގާޒީ ފާއިޒުގެ އަޑާ، ޝަރީއަތަށް އަސަރެއް ނުކުރޭ: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ