މިލިޔުން ކިޔައިފިނަމަ ވަކިޖިންސަކުން ނޫނީ ދަރިން ބޭނުން ނުވާ މީހުންގެ ވިސްނުމަށް ހެޔޮ ބަދަލެއް އަންނާނެ! އިން ޝާ ﷲ

އައިރީނަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. ދެވަނަ ފަހަރު ބަލިވެ އިނުމުން ފިރިމީހާ ބުނީ ފިރިހެން ކުއްޖަކު ނޫނީ ބޭނުން ނޫންކަމަށެވެ. އަދި ފިރިހެން ކުއްޖަކު ނުވިހައިފިނަމަ ވަރިވެސް ކުރާނެ ކަމަށެވެ. 
ސްކޭންތަކުން އެނގުނީ މިފަހަރުވެސް ލިބޭނީ އަންހެން ކުއްޖެއްކަމަށެވެ. އެހެންވެ އެކަން ފިރިމީހާއަށް ސިއްރުކުރުމަށްޓަކައި އޭނާ ޑޮކްޓަރަށް ގޮސް އުޅުނީވެސް އެކަންޏެވެ. ފިރިހެން ކުއްޖެއް ނޫންކަން އެނގިއްޖެނަމަ ވަރިކޮށްލާފައި ފޮނުވާލާނެ ކަމުގެ ބިރު އޮތްލެއް ބޮޑުކަމުންނެވެ.
ކަންދިމާވިގޮތުން އެދުވަހު ވިހަން ދިމާވީ 2 އަންހެނަކު އެކުއެކުގައެވެ. އޭނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އައިރީން އޭނާއަށް ވަރަށް އާދޭސްކޮށްގެން ދަރިފުޅު ބަދަލުކުރީއެވެ. ދެމީހުންގެ މެދުގައި ބޮޑެތި އެއްބަސްވުންތަކެއް ވެގެންނެވެ. އަދި އޭނާގެ ފިރިމީހާ އަންހެން ކުއްޖަކަށް ބޭނުންވެފައި ހުރުމުންނެވެ. 
މައްސަލަ ޖެހުނީ ދަރިފުޅުގެ އުމުރުން 5 އަހަރުގައި ލޭގެ ބައްޔަކަށް ފަރުވާކުރަން ޖެހުމުންނެވެ. ޢާއިލާގެ ލޭ ނޫނީ އެޅެން ނެތުމުންނެވެ. ލޭދިމާނުވުމުންނެވެ. އެޙާލަތަށް ކަންކަން ދިއުމުން އައިރީން ކުއްޖާގެ އަސްލު މަންމައަށް ގުޅައި ވާހަކަތައް ކިޔައިދިނެވެ. އެވަގުތުން ފެށިގެން ދެ ބައްޕައިންނަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. ނުހަނު ލޯބިން ގެންގުޅެ ބޮޑުކުރެވުނީ އަމިއްލަ ދަރިފުޅު ނޫންކަން އެނގުމުންނެވެ. 
އެހިސާބުން ޖެހުނީ އަނެއްކާވެސް ދަރިން ބަދަލުކުރާށެވެ! ހިތަށް ކުރާނެ އަސަރު އިޙްޞާޞްކޮށްލަންވެސް އެނގޭނީ ހަމަ އެފަދަ ކަމެއް ދިމާވުމުންނެވެ. 
ކޮންމެއަކަސް މިފަދަ ކަންކަން ހިނގައެވެ. ހިތްދަތި ގޮތްތައް މެދުވެރިވެއެވެ. މައްސަލައަކަށްވަނީ އެންމެ ކަމެކެވެ. ﷲ ދެއްވަވާ ދަރިފުޅުގެ ޖިންސް ޤަބޫލުކުރަން ބޭނުން ނުވާކަމެވެ. އަޅުގަނޑަކީ މިފަދަ ކމެއްގައި ކައިވެނި ރޫޅުނު އަންހެނަކީމެވެ. 
ކުރިން މިހާމަކުރީ އެކަމުގެ ކަންތައްތައް ހިނގަމުންދިއަ ދުވަސްވަރު އިނގިރޭސިވިލާތުގައި ހުރި ރައްޓެއްސަކު ހިއްޞާކުރި ވާހަކައެކެވެ. މިހާރުވެސް ހަމަ އެފަދަ މައްސަލައެއް އަޅުގަނޑުގެ އުޚުތަކަށްވަނީ ދިމާވެފައެވެ. ފިރިމީހާ ބޭނުންވަނީ ފިރިހެން ކުއްޖެކެވެ. ބަނޑުގައި އޮތީ ސްކޭނުން ދައްކާގޮތުން އަންހެންކުއްޖެކެވެ. ވިހެއުމުން ފިރމީހާ ކަންކަން ކުރާނެ ގޮތެއް އަދި ނުއެނގެއެވެ. 
އެކުވެރިޔާގެ ފިރިމީހާގެ ގާތުގައާއި އަދި ހުރިހާ ފިރިހެނުންގެގާތުގައިވެސް ބުނެލަން އޮތީ އަނބިންނަށް އެއްވެސް އިޚްތިޔާރެއް ނެތް ކަންކަމުގައި އަނބިން ކުށްވެރިނުކުރާށެވެ! އަނބިންނަށް އަދި ލިބޭ ދަރިންނަށް އަނިޔާނުކުރާށެވެ! މާތް ﷲ ކޮންމެ މީހަކަށްވެސް ދަރިން ދެއްވަވާނީ އެކަލާނގެ އެންމެ ރުހިވޮޑިގަންނަވާ ޖިންސަކުންނެވެ. އެކަން ބަދަލުކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 
ބަލަންވީ ލިބޭ ދަރިންގެ ޖިންސަކަށް ނޫނެވެ. މަސައްކަތްކުރަންވީ ލިބޭ ދަރިން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ. މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވެވޭނެ ގޮތަށް ތަރުބިއްޔަތުކުރުމަށެވެ. 
- ސަޢީދާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ