ޖަލާލުއްދީން ސްކޫލް ސެން ކްލާހަށް ބޭނުންވާ ސާމާނު ޔާސިރު ހަދިޔާކޮށްދެއްވައިފި

ޖަލާލުއްދީން ސްކޫލް ސެން ކްލާހަށް ބޭނުންވާ ސާމާނު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެ ސްކޫލަށް ހަދިޔާކޮށްފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ސްކޫލްގައި ރަސްމީކޮށް ސެން ޔުނިޓެއް އަދި ނީންނަ ކަމަށާއި ނަމަވެސް މި އަހަރު ސްކޫލް ފެށުނުފަހުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބިކަން ފާހަގަވެ އެފަދަ ކުދިންނަށް ވަން އޮން ވަން ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަކިން ކްލާސް ރޫމެއް ހަމަޖައްސާފައި ވާ ކަަމަށެވެ.
އައިމިނަތު ވިދާޅުވީ އެގޮތަށް ފާހަގަ ކުރެވިފައިވާ 23 ދަރިވަރަކު މިވަގުތު އެ ސްކޫލުގައި އެބަތިބިކަމަށާއި އެކުދިންނަ ވަން އޮން ވަން ކްލާސްތައް ނަގައިދިނުމަށް މިވަގުތު ސްކޫލްގައި ތިބީ 3 ޓީޗަރުންކަމަށެވެ.
އެ ކުދިންނަށް ހާއްސަކޮށްފައިވާ ކްލާސްރޫމަކީ އާދައިގެ ކްލާސް ރޫމެއްކަން ފާހަގަ ކުރައްވާ އައިމިނަތު ވިދާޅުވީ އެއީ އޭސީވެސް ކުރެވިފައިވާ ތަނެއް ނޫންކަމަށާއި ނަމަވެސް ޖާގައިގެ ދަތިކަމާހުރެ އިތުރުތަނެއް މިވަގުތު ނެތްކަމަށެވެ. އަދި ވަން އޮން ވަން ކްލާސްތައް ފަށައިގަތްއިރު ކްލާސް ރޫމުގައި ހުންނާނީ ކުރިން އަމީރު އަމީން ސްކޫލުގައި ހުރި ސާމާނު ސްކޫލުތަކަށް ބަހާލިއިރު އެ ސްކޫލަށް ލިބުނު ތަކެތި ކަމަށެވެ.
އެގޮތުން އިތުުރު ތަކެތި ހޯދައިދިނުމަށް ކައުންސިލާއި މެންބަރު ޔާސިރު އަރިހުގައިވެސް އެދުނުކަމަށާއި މިއީ އެގޮތުން ލިބުނު ސާމާނުކަން އައިމިނަތު ފާހަގަ ކުރެއްވި އެވެ. މެންބަރު ޔާސިރު ސެން ކްލާހަށް ހަދިޔާކޮށްދެއްވި ތަކެއްޗަކީ ޕްރިންޓަރ، ލެމިނޭޓާރ، 4 ކޮމްޕިއުޓަރ ސިސްޓަމް، 4 ކޮމްޕިއުޓަރ ގޮނޑި، 4 ވޯކް ސްޓޭޝަން، ޓްރަމްޕޮލިން، ޕްލޭ މެޓް، ތެރަޕީ ބޯލް އަދި ޑަސްބިން ހިމެނެއެވެ.
އައިމިނަތު ވިދާޅުވި މީގެ ކުރިންވެސް ސްކޫލުން ބޭނުންވާ ކަންކަމުގައި ޔާސިރުގެ އެއްބާރުލުން ލިބޭކަމަށާއި ސެން ކްލާހަށް މި ހަދިޔާކޮށްދެއްވި ތަކެތީގެ ސަބަބުން ސެން ކުލާހަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ނަމުގައި ޔާސިރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ. ސެން ކްލާހަށް މި ހަދިޔާކޮށްދެއްވި ތަކެތީގެ އަގު 98،000 އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ